އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އަދި ނާދޭ: މާޒިޔާގެ ކޯޗު

މާޒިޔާގެ ކޯޗު މިލޯ (މ) -- ފޮޓޯ/ ގެޓީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އަދި އައިސްފައިނުވާ ކަމަށް އެ ކްލަބުގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

އޭއެފްސީ ކަޕްގައި އިއްޔެ ކުޅުނު މެޗުގައި މާޒިޔާއިން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީން ވަނީ ފަހަތުން އަރައި 3-2ގެ ނަތީޖާއަކުން މޮޅުވެފައެވެ. މާޒިޔާއިން ކުޅުނު ހަތަރު މެޗުގެ ތެރެއިން މިހާތަނަށް އެ ޓީމު މޮޅުވެފައިވަނީ ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސް އަތުން އެކަންޏެވެ. ބާކީ ތިން މެޗުން މާޒިޔާ ވަނީ ބަލިވެފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ދެ ގޯލު ކާމިޔާބުކުރެވުނު ކަމަށާއި ނަމަވެސް އަމިއްލަ ކޮޅަށް ފަސޭހަ ގޯލުތަކެއް ވަދެގެން ދިއުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި, އިދިކޮޅުން ނުކުތް އޮޑިޝާއަކީ ވަރަށް ވަރުގަދަ ޓީމެއްކަން އޭނާ ފާހަގަކުރިއެވެ.

"ބައެއް ކުޅުންތެރިންނަށް އެއްވެސް މެޗެއް ކުޅެން ނުލިބި، މި މެޗާ ކުރިމަތިލީ. އަހަރެމެންނަށް އޮތީ ތަމްރީނުތައް ހެދުން އެކަނި، މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭ. އިސްތިއުފާ ދޭން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނޭ. އަހަރެމެންނަށް ވުރެ ހަ ގުނަ ވަރުގަދަ ޓީމެއް އަތުން ބަލިވީ. އަހަރެމެން އޮތް ފެންވަރާއި އެމީހުން އޮތް ފެންވަރު ބަލަން ޖެހޭ،" އޭނާ ބުންޏެވެ.

މިލޯ ބުނީ ދިވެހި ޕްރިމިއާ ލީގަކީ އިންޑިއާ ލީގު ގޮތަށް ވާދަވެރި ލީގެއް ނޫން ކަމަށާއި ނަމަވެސް އިންޑިއާގެ ޓީމުތަކާ ވާދަކޮށްލެވިދާނެކަން މެޗުގައި ދައްކުވައިދެވިފައިވާ ކަމަށެވެ. އަދި އެ މެޗުގެ ނަތީޖާއަކީ ލިބުނު ފިލާވަޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އާދައިގެ ފުޓުބޯޅައެއް ކުޅޭ ޓީމެއް އަތުން ބަލިވުމަކީ މާޔޫސްވާން ޖެހޭ ކަމެއް. އަހަރެމެން ޖެހޭނީ ލިބުނު ފިލާވަޅާ އެކު ކުރިއެރުމަށް މަސައްކަތް ކުރަން. އަހަރެމެންނަށް ކިތަންމެ ވަރަކަށް ވެސް ތަމްރީނުތައް ކުރިއަށްގެންދެވިދާނެ. އެކަމަކު ދަނޑުމައްޗަށް އަރާފައި ކުޅުންތެރިންގެ ވިސްނުން ގެންގުޅެން ޖެހޭނެ. ފުޓުބޯޅައިގައި ގޯސްތައް ހެދޭނެ،" އޭނާ ބުންޏެވެ.

މިލޯ އިތުރަށް ބުނީ މާޒިޔާއަށް ގްރޫޕުން ކުރިއަށްދިއުމަށް އަމިއްލަ ބާރު ގެއްލުނު ނަމަވެސް، ކުރިއަށް އޮތް ދެ މެޗުގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމަށާއި ކުރިއެރުން ހޯދޭނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުމެގެން ކަމަށެވެ. އަދި މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށައި، އެ ލީގަކީ ވާދަވެރި ލީގަކަށް ވާން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގެ "ގްރޫޕު ޑީ"ގެ އެއްވަނައިގައި އޮތް ބަޝުންދަރަ އަދި ދެވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާން، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް އޮޑިޝާއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

comment ކޮމެންޓް