ބަޝުންދަރަ އަތުން ބަލިވެ، މާޒިޔާ އޭއެފްސީ ކަޕުން ކަޓައިފި

އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސް އަތުން ބަލިވެ، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

ބަންގުލަދޭޝްގައި މިއަދު ކުޅުނު މެޗުގައި ބަޝުންދަރަ އަތުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރުވެސް، މުބާރާތުގައި ކުރިއަށްދިއުމަށް މާޒިޔާއަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ މާޒިޔާއިންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ގާނާ މިޑްފީލްޑަރު އޮބެންގް ރެގަންއެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޝުންދަރައިން ކުޅުން ވަރުގަދަކޮށް މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ދެ ގޯލު ޖެހިއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބަޝުންދަރައަށް އުޒްބަކިސްތާން ޑިފެންޑަރު ބޮބޫކްބެކް ޔުލްދަޝޭވް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަޝުންދަރައަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު މިގެލް ފިގޭރާއެވެ.

އެ ނަތީޖާއާ އެކު "ގްރޫޕު ޑީ"ގެ ފުލުގައި އޮތް މާޒިޔާއަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއީ މާލޭގައި ބަޝުންދަރަ ބަލިކޮށްގެން މާޒިޔާއަށް ލިބުނު ތިން ޕޮއިންޓެވެ. މާޒިޔާއިން ދެން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ބަޝުންދަރައިން ހޯދި މޮޅާއެކު ފަސް މެޗުން ދިހަ ޕޮއިންޓާ އެކު އެޓީމު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިންޑިއާގެ އޮޑިޝާއަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާންއަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

އެ ގްރޫޕުން ދެވަނަ ބުރަށް އެންމެ ކުރީގައި އޮންނަ ޓީމެއް ދަތުރުކުރާ އިރު، ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރުވާނީ ފަހު މެޗުތަކަށް ފަހުއެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކުގެ ތެރެއިން އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ގައުމުގައި މާޒިޔާ އިން މޯހަން ބަގާންއާ ދެކޮޅަށް ނުކުންނަ އިރު، ހަމަ އެ ދުވަހު އޮޑިޝާ އިން އަމިއްލަ ގައުމުގައި ނުކުންނަން ޖެހޭނީ ބަޝުންދަރައާ ދެކޮޅަށެވެ.

ދެވަނަ ބުރަށް ދަތުރުކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ބަޝުންދަރަ އާއި އޮޑިޝާއަށެވެ. ބަޝުންދަރައަށް އެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދެވެން އޮތް އިރު، އޮޑިޝާއަށް ފުރުސަތު ލިބޭނީ މެޗުން މޮޅުވެގެންނެވެ.

comment ކޮމެންޓް