އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ކޮންމެހެން މޮޅުވުން މަޖުބޫރު މެޗެއް ކަމަށް އިންޑިއާގެ މޯހަން ބަގާންގެ ކޯޗު ސަންޖޯއީ ސެން ބުނެފިއެވެ.
ރާއްޖޭގައި ވެލެންސިއާ އާއި މޯހަން ބަގާން ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗަށް މޯހަން ބަގާން ރާއްޖެއަށް ކުރި ދަތުރުގައި އެ ޓީމުގެ ކޯޗު ސަންޖޯއީ ބައިވެރިވެފައިނުވި ނަމަވެސް، މާދަމާ އަމިއްލަ ގައުމުގައި ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އޭނާއެވެ.
ސަންޖޯއީ ބުނީ، ރާއްޖޭގައި ކުޅުނު މެޗުން އަވޭ ގޯލުގެ ފައިދާއެއް އޮތް ނަމަވެސް މާދަމާގެ މެޗުން މޮޅުވުން މަޖުބޫރު ކަމަށާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް އެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ.
"އަހަރެމެން ފަށާނީ ސުމަކުން. މިއީ ކޮންމެހެން މޮޅުވުން މަޖުބޫރު ހާލަތެއް. އަހަރެމެން އެ މެޗުގައި ރަނގަޅު ކުޅުމަކާއެކު މޮޅުވާން މަސައްކަތްކުރާނަން. އަހަރެމެންނަށް ފުރަތަމަ ލެގު މެޗުގައި ލަނޑުތަކަކާއެކު މޮޅުވާން ޖެހޭނެ ގޮތުގައި ބުނަމުންދިޔަ ނަމަވެސް، އެފަހަރު އެކަން ވާގޮތެއް ނުވި،" އޭނާ ބުންޏެވެ.
ވެލެންސިއާއާ ދެކޮޅަށް ދެވަނަ ލެގު މެޗަށް ނުކުންނައިރު، ސަންޖޯއީ ވަނީ މޯހަން ބަގާންގެ ބައެއް ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ނިންމައިފައެވެ. ފުރަތަމަ ލެގު މެޗުގައި ވެސް ބައެއް ކުޅުންތެރިންނަށް ސަންޖޯއީ ވަނީ ރެސްޓްދީފައެވެ.
"އަހަރެން ބައެއް ކުޅުންތެރިންނަށް ރެސްޓްދޭނަން. ކުރިއަށްއޮތް ދިހަ ދުވަސްތެރޭ އަހަރެމެން އައި-ލީގުގައި ހަތަރެއް ނުވަތަ ފަސް މެޗު ކުޅެން ޖެހޭ. އެހެންވެ އަހަރެމެންނަށް ކުޅުންތެރިންނަށް ރެސްޓް ދޭންޖެހޭ،" އޭނާ ބުންޏެވެ.
މާދަމާގެ މެޗުން މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭ އޭއެފްސީ ކަޕް ގްރޫޕްގައި ރާއްޖެ އާއި އިންޑިއާގެ ޓީމެއް ހިމެނެ އެވެ. އެ ގްރޫޕްގައި ހިމެނެނީ އިންޑިއާގެ ލީގު ޗެމްޕިއަން އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރު އެފްސީއާއި، ރާއްޖޭގެ ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބަންގްލަދޭޝް ލީގުގެ ޗެމްޕިއަން ދާކާ އަބަހާނީއެވެ.
މޯހަން ބަގާންއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ މެންދުރުފަހު 3:30 ގައެވެ.