އެމްޑީޕީން ތިން ދުވަހުން 100 ފޯމު ފުރިޔަސް އެއް އަހަރުގެ މުސާރަ ދޭނަން: އަދުރޭ

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ/ މަޖިލިސް

އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ މަސައްކަތް ކޮށްގެން ތިން ދުވަހުން 100 މެމްބަޝިޕް ފޯމު ފުރިޔަސް އެއް އަހަރުގެ މުސާރަ ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ސޮއިކުރަން ސަރުކާރު މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަމަށްބުނެ އެކަން ބަލައި ދިނުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ގަރާރު ހުށަހެޅީ އެޕާޓީއަށް ތާއީދު ނެތިގެން "ހަދާނެ ނަހަދާނެ ގޮތެއް ނެތިގެން" ކަމަށެވެ.

"މިއަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ތާއީދު އޮތީ ކޮންބަޔަކައްކަން އިރާދަކުރެއްވިއްޔާ ފެނިގެން ދާނެ،" އަދުރޭ ވިދާޅުވި އެވެ.

އެއްވެސް މީހަކަށް ޕީޕީއެމާ ގުޅެން މަޖުބޫރުނުކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ ފޮނަދޫގައި އެއްވެސް ތާކަށް ނުގޮސް ގޭކައިރިން އެއް ދުވަހުން 300 ފޯމު ފުރި ކަމަށެވެ.

"ވަޑައިގަންނަވާ ތިބޭފުޅުން. ތިން ދުވަހު މަސައްކަތް ކޮށްގެން 100 ފޯމު އެމްޑީޕީއަށް ފުރިއްޖެއްޔާ އަޅުގަނޑުގެ އެއް އަހަރު ދުވަހުގެ މުސާރަ އެމްޑީޕީއަށް ހަދިޔާ ކުރާނަން. ލާހިކެއް ނޫން ފުރާކަށް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ހަރުގެ ކައިރިއަށް މީހުން އެއްނުވަނީ އެސަރަހައްދަށް ދިޔުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްހިންގަވާ ބިޔަ ބޮޑު ދެ މަޝްރޫއެއް ފެންނާތީ ކަމަށެވެ. އެމްޑީޕީ ހަރުގޭގައި "ޕޯޑިއަމް ބަހައްޓާފައިވެސް ހުންނަނީ ބްރިޖް ނުފެންނަ" ގޮތަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ދުވާލަކު ހާހުން ދެހާހުން ޕީޕީއެމަށް މީހުން ގުޅުނަސް ހިތާމަނުކޮށް ޕާޓީ ނިޒާމުގެ ތެރެއިން ޕާޓީ ވަރުގަދަ ކުރަން މަސައްކަތް ކުރަން އޭނާ ވަނީ އެމްޑީޕީއަށް އިލްތިމާސްކުރައްވައިފައެވެ.

އެމްޑީޕީން މެމްބަޝިޕް ފޯމު ފުރާގޮތަށް ޕީޕީއެމުން އެކަން ނުކުރާނެ ކަމަށާއި، ޕީޕީއެމުން ބޭނުންވަނީ މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި ޕާޓީއަށް މީހުން އިތުރުކުރާ ގޮތް "އެހެން މީހުންނަށް ދައްކަން ވެގެން" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް 2018 ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެއަށް ފަހު ދެން އަމާޒު ހިފާނީ 2023 އަށް ގާނޫނީ އިމުގެތެރެއިން ކުރަން ޖެހޭ ކަމެއް ކޮށްގެން ކުރިއަށް ދާން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް