ލިވިންގް އެކްސްޕޯއަށް އަސޯޓެކްގެ ލަ ލަގޫން އެޕާޓްމެންޓްސް

ރާއްޖޭގެ ސެންޑަލް ލޭންޑްސް މޯލްޑިިވްސްއާ ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރ އަސޯޓެކްގެ ވެބްސައިޓްގައިވާ ކުރެހުމެއް -- ފޮޓޯ: އަސޯޓެކް

މޯލްޑިވްސް ލިވިންގް އެކްސްޕޯ މާދަމާ ނޭޝަނަލް އާޓް ގެލެރީގައި ފަށާ އިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ލައިފްސްޓައިލް ޕްރޮޑަކްޓްސް އަދި ސާވިސެސް ވިއްކާ ފަރާތްތަކުން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ.

ލިވިންގް އެކްސްޕޯ ބާއްވާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރ އަސޯޓެކްއިން ވެސް ވަނީ ލިވިންގް އެކްސްޕޯގައި ބައިވެރިވެފައެވެ.

އަސޯޓެކްއަކީ ނިއުދިއްލީގެ ކުންފުންޏެކެވެ. އެކުންފުނިން ދަނީ ނިއުދިއްލީ ހިމެނޭ ނޭޝަނަލް ކެޕިޓަލް ރީޖަން (އެންސީއާރު)ގެ އެކި ސިޓީތަކުގައި ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގަމުންނެވެ. އެގޮތުން ނޮއިޑާއާއި، އެންސީއާރު ކައިރީގައި އޮންނަ ގުރްގާއުންގައި އަސޯޓެކްއިން ދަނީ ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރަމުންނެވެ.

އަސޯޓެކްއިން ރާއްޖޭގައި ހަރަކާތްތެރިވަނީ ސެންޑަލް ލޭންޑްސް މޯލްޑިިވްސްއާ އެކުއެވެ. އެކުންފުނިން ދަނީ ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

"ލަ ލަގޫން"ގެ ނަމުގައި އަޅާ މި މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ ހުންނާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން، ވޯޓާފްރަންޓުގައެވެ. އެތަނުގައި ޝޮޕިންގް ފެސިލިޓީސް އަދި ޕްރީމިއަމް ސާވިސްޑް އެޕާޓްމެންޓްސް ތަރައްގީ ކުރާނެއެވެ.

ނުވަ ބުރިއަށް ތަރައްގީކުރާ މި އިމާރާތުގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތަކާއި ޕެންޓްހައުސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 60 އެޕާޓްމެންޓް ހުންނާނެއެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނާނީ ޝޮޕިންގް އައުޓްލެޓްތަކެވެ.

"މަގްސަދަކީ ލަ ލަގޫން މެދުވެރިކޮށް ހުޅުމާލޭގައި ދިވެހީންނަށް ޕްރީމިއަމް ލިވިންގް ކޮންޑިޝަންތަކެއް ފޯރުކޮށްދިނުން،" އަސޯޓެކްގެ ބޭފުޅަކު ސަންއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލަ ލަގޫން އިމާރާތް ފަރުމާކުރެވިފައި ހުންނާނީ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކަކާ އެކުއެވެ.

"ބޭކާރު ޖާގައެއް ނުހުންނާނެ. އެކަމަކު ވަރަށް ޖާގަ ތަނަވަސް އެޕާޓްމެންޓުތަކެއް ހުންނާނީ. ވައި ދައުރުކޮށް، ވެންޓިލޭޝަން ވަރަށް ރަނގަޅު ވާނެ، އަދި ބެލްކަނީތައް ވެސް ވަރަށް ބޮޑެތިވާނެ،" އޭނާ ވިދާޅުވިއެވެ.

ލިވިންގް އެކްސްޕޯގައި ބައިވެރިވާ އިތުރު ފަރާތްތަކަށް ބަލާއިރު، ސްރީލަންކާގައި ތަރައްގީކުރާ ހަތް ތަރީގެ ފުރަތަމަ އެޕާޓްމެންޓް ކޮމްޕްލެކްސް "އަކިލިއަން"، ސްރީލަންކާގެ ޖޭއޭޓީ ހޯލްޑިންގްސް، ސީލައިފް ގްލޯބަލް، އެޕެކްސް ރިއަލްޓީ އަދި ނަސަންދުރާ ފަދަ ކުންފުނިތައް ހިމެނެއެވެ.

މީގެ އިތުރުން ހޯމް ފައިނޭންސިންގްއާއި ގެދޮރު ބިނާކުރުމުގެ ލޯނު ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޑީއެފްސީއިން ލިވިންގް އެކްސްޕޯގައި ބައިވެރިވެފައިވާ އިރު، ގެދޮރާއި ލައިފްސްޓައިލާ ގުޅޭ ޕްރޮޑަކްޓްސް އަދި ޚިދުމަތްތައް ދޭ އެހެނިހެން ކުންފުނިތަކުންވެސް އެކްސްޕޯގައި ބައިވެރިވެއެވެ.

މި އެކްސްޕޯއިން، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، އެޕާޓްމެންޓަށް އެދި ރެޖިސްޓާކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތައް، އެކްސްޕޯގައި ބައިވެރިވާ ބޭރުގެ ކުންފުނިތަކުގެ ފަރާތުން ހޯދޭނެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ލިވިންގް އެކްސްޕޯ 2017ގެ އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް