އަރަބި އިސްލާމީ ތައުލީމު ފުޅާކުރަން 17000 ފޮތް ސައުދީން ހަދިޔާކޮށްފި

ފޮތްތައް ހަދިޔާ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކުރުމަށް ސަތާރަހާހަށް ވުރެ ގިނަ ފޮތް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާ ކޮށްފި އެވެ.

ރާއްޖޭގެ އަރަބި އިސްލާމީ ތައުލީމް ފުޅާކޮށް ދަރިވަރުންގެ އަގީދާ ވަރުގަދަ ކުރުމަށް ސައުދީން ރާއްޖެއަށް ހަދިޔާ ކުރީ 17500 އަރަބި ފޮތެވެ. އެއީ ގްރޭޑް 1 އިން 5 އަށް ކޮންމެ ގްރޭޑަކަށް 3500 ފޮތެވެ. އެ ފޮތްތައް ބޭނުން އެ ގްރޭޑްތަކުގައި އަރަބި ބަސްކިޔަވާ ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސައުދީން ދެއްވި އެ ފޮތްތައް މިހާރު ހުރީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފޮތްތަކުގެ ގްރޭޑްތައް ވަކިކުރެވި ތަފްސީލީ މައުލޫމާތުތައް ރެކޯޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ މަސައްކަތް ފުރިހަމަ ކުރެވެނުހާ އަވަހަކަށް ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދެއްވާނޭ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި ހާއްސަކޮށް ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކުރުމަށް ސައުދީ ސަރުކާރުން ދަނީ ގިނަ އެހީތެރިކަމެއް ވެދެއްވަމުންނެވެ.

އެގޮތުން، އަރަބި އިސްލާމީ ތައުލީމު ފުޅާކުރުމަށް ސައުދީން 17000 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފައިވާ އިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ސައުދީން ވަނީ ރާއްޖެއަށް ލައްކައަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފަ އެވެ.

އަދި މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތަކަށް އަރަބި ކިޔަވައިދޭ 17 ޓީޗަރުން ސައުދީން ވަނީ ފޮނުވައިފަ އެވެ.

comment ކޮމެންޓް