ރާއްޖޭގެ ސްކޫލްތަކަށް ސައޫދީ ސަރުކާރުން ލައްކައަކަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ދިވެހި ރާއްޖޭގެ ސުކޫލްތަކަށް އަރަބި ފޮތްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

ސައޫދީ ސަރުކާރުން ދިވެހި ރާއްޖޭގެ ސްކޫލްތަކަށް ލައްކައަކަށް ވުރެ ގިނަ އަރަބި ފޮތް ހަދިޔާކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ ފޮތްތައް ރާއްޖެއާ ހަވާލުކޮށް ދެއްވީ ސައުދީ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރް އަލީ އަލްކަހައިލް އެވެ. އަދި ރާއްޖޭގެ ފަރާތުން ފޮތްތަކާ ހަވާލުވެލެެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ސައޫދީ ސަރުކާރުން ރާއްޖޭގެ ސުކޫލްތަކަށް އަރަބި ފޮތްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އަރަބި ބަސް ކިޔަވަދޭ ޓީޗަރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް ސައުދީ އިން ޔަގީންކަން ދެއްވާފައިވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޫލްތަކުގައި ސައިންސް ރޫމްތައް އަޅައި ތަރައްގީ ކުރަން ފައިސާގެ އެހީ ދިނުމަށާއި އަރަބި ކިޔަވަދޭ ސުކޫލްތަކާއު އަރަބި މީޑިއަމްއަށް އަށް ކިޔަވަދޭ ސްކޫލްތަކުގެ ޓީޗަރުން ތަމްރީނު ކުރުމަށާއި އިސްލާމިކު ޔުނިވާސިޓީ އަށް ޒިޔާރަތް ކުރައްވާނެ ލެކްޗަރާއިން ނާއި ޕްރޮފެސަރުން ހަމަޖައްސަވާ ދެއްވުމުގެ ޔަގީންކަން ދެއްވުމުން އަޅުގަނޑު ވަރަށް އުފާވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ހަދިޔާ ކުރި ފޮތްތަކުގެ ތެރޭގައި ހިމެނެނީ، ކީ ސްޓޭޖު އެކަކަށް ހަދިޔާ ކުރި 38،963 ފޮތާއި ކީ ސްޓޭޖު ދޭކަށް ހަދިޔާކުރި 70،215 ފޮތާއި ކީ ސްޓޭޖު ތިނަކަށް ހަދިޔާ ކުރި 2،480 ފޮތާއި ކީ ސްޓޭޖު ހަތަރަކަށް ހަދިޔާ ކުރި 2،480 ފޮތެވެ.

އެ ފޮތްތައް ރާއްޖޭގައި އަރަބި ބަސް ކިޔަވާދޭ 60 ސްކޫލަކާއި އަރަބި މީޑިއަމަށް ކިޔަވަދޭ ތިން ސުކޫލަކާ މިހާރު ހަވާލުކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު