ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާ ކުރުމަށް ސައުދީ ސަރުކާރުން ރާއްޖޭގެ ސްކޫލުތަކަށް 17 ޓީޗަރަކު ފޮނުވައިފި އެވެ.
އިސްކަންދަރު ސްކޫލުގައި މިއަދު ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހާދިމުލް ހަރަމައިން އަލްޝަރީފް ކިންގު ސަލްމާން ދެއްވި އެހީ ރަސްމީކޮށް ބަލައިގަތުމަށް ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކޮށް ދަރިވަރުންގެ އަގީދާ ވަރުގަދަކޮށް މުސްލިމު ދިވެހި ޝަހުސުން އުފެއްދުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް އެކަކުން ހަތަކަށް ގްރުއާން މަޖުބޫރުކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސައުދީ ސަރުކާރުން ހަމަޖައްސަވައި ދީފައިވަނީ އަރަބި ބަސް ކިޔަވައިދިނުމުގެ ތަޖުރިބާކާރު މުދައްރިސުން ކަމަށާއި އެ ބޭފުޅުންގެ އެހީތެރިކަމާ އެކު މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަރަބި ދަސްކޮށްދިނުމަށް ރާއްޖޭގެ 41 ސްކޫލެއްގައި އަރަބި ބަސް ކިިޔަވައިދެމުންދާ ކަމަށާއި އަރަބި މީޑިއަމަށް ސްކޫލު ތައުލީމު އަތޮޅުުތަކުގައި ފެތުރުމަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ސްކޫލެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިދިޔަ އަހަރު ތެރޭގައި ރާއްޖޭގައި އަރަބި ބަސް އުނގަންނައިދޭ މަރުކަޒެއް ގާއިމް ކުރުމަށް ސައުދީ ކެބިނެޓުން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަރަބި ބަސް އުނގަންނައި ދިނުމަށް އެއްލައްކަ ފޮތް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ތެރޭގައި އެއްލައްކަ ފޮތް އަރަބި ބަސް އުނގަންނައި ދިނުމަށް ވަނީ ފޮނުވާފައި. މި މަހު މިވަނީ 17 ޓީޗަރުން ފޮނުއްވާފައި. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދަށް ގްރޭޑްތަކުގެ ކުދިން އަރަބި ބަސް އުނގެނުމަށް ބޭނުންވާ ބައެއް ވަސީލަތްތަކާ ޑިކްޝަނަރީތައް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ސައުދީއިން އެފަދަ ބޮޑެތި އެހީތައް ފަސޭހަކަމާ އެކު ލިބިގެން ދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައުދީ ސަރުކާރާ އެކު ބާއްވަމުން ގެންދަވާ ގާތް ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިިއްޔާތުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރު އަލްކުހައިލް ބައިވެރިވެ ވަޑައިގެންނެވި އެވެ.