ނ. ލަންދޫ ސްކޫލުގެ ނިމުނު 2024 އަދި 2025 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑު އެއްހަފުލާއެއްގައި ދައްތައާއި ކޮށްކޮއަށް ލިބިއްޖެއެވެ.
ނިމުނު ހަފުތާގައި ބޭއްވި ލަންދޫ ސްކޫލުގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މައުވާ ބިންތް މުއާވިޔަތާއި މުއާޝް ބިން މުއާވިޔަތެވެ.
'ސަން' އަށް މައުލޫމާތު ދެމުން ލަންދޫ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބްދުއްރަހީމް ވިދާޅުވީ، ނިމިދިޔަ ދެ އަހަރުގެ އެ ސްކޫލުގެ 'ބެސްޓް އޯލް ރައުންޑް' ދަރިވަރަކަށް ހޮވިފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެބެއިން ކަމަަށެވެ.
ލަންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން --- ފޮޓޯ: ލަންދޫ ސްކޫލް މި ދެކުދީން ވަނީ ކިޔެވުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިންވެސް ގިނަ ވަނަތަކެއް ހޯދާފައެވެ. އެގޮތުން ސްކޫލުގައި ބާއްވާ އިންޓާ ހައުސް މުބާރާތްތަކާއި، އަދަބީ މުބާރާތްތަކުގެ އިތުރުން މަދަހަ މުބާރާތްތަކުން ވަނަތައް ހާސިލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ގްރޭޑު ހަޔަކުން ފެށިގެން ޖޫނިއާ ޕްރިފެކްޓެއްގެ ގޮތުގައި ފަށާއި، ސީނިއާ ޕްރިފެކްޓްކަމުގެ އިތުރުން ހެޑް ޕްރިފެކްޓުކަން އަދާކޮށްފައިދާ ދެބެއިން ސްކޫލު ދައުރު ނިންމާލާފައިވަނީ ލަންދޫ ސްކޫލުގެ 'ސްކޫލު ކެޕްޓަނުގެ' މަގާމުވެސް އަދާކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެބެއިންނަކީ ދީނީ ކަންކަމުގައިވެސް ނުހަނު އިސްކަމެއް ދެއްވާ ދެބެއިންނެވެ. މައުވާ އޭނާގެ ސްކޫލު ދައުރު ނިންމާލާފައި ވަނީ ގުރުއާން ކުލަބުގެ ނައިބު ރައީސް ކަމުގެ މަގާމުފަދަ މުހިންމު މަގާމުތައް އަދާކޮށްފައެވެ.
މުއާޝް ވަނީ ގުރޭޑު ނުވައެއްގެ އަހަރު 'ޒުވާން ޚަތީބުން'ގެ ޕްރޮގްރާމު ފުރިހަމަކޮށް، ލަންދޫގެ ތާރީޚުގައި އެންމެ ހަގު އުމުރުގައި އިމާމުވެ ހުކުރުކުރުމުގެ ޝަރަފު ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ ރޯދަމަހު ރަށުގެ ބޮޑު މިސްކިތުގައި އިމާމުވެ ދަމުނަމާދުވެސް ކޮށްފައެވެ.