އޭއައި ބޭނުންކޮށްގެން އިމްތިހާނުގައި މަކަރުހެދި މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ މިނިސްޓަރު އިސްތިއުފާދެއްވައިފި

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު ޗޯއީ ކިޔޯ-ޖިން މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ އިސްތިއުފާދެއްވާފައިވަނީ ޔުނިވަސިޓީއަށް ވަނުމަށް ބާއްވާ މުހިންމު އިމްތިހާނުތަކުގެ ކުރިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިމްތިހާނުގައި މަކަރުހެދި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ގައުމުގެ ރައީސް ލީ ޖޭ މިޔުންގް، މިނިސްޓަރުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޗޯއީ ކިޔޯ-ޖިން ވިދާޅުވީ، އިމްތިހާނުތަކުގައި ބޮޑު މައްސަލައެއް ކުރިމަތި ނުވެ ނިމުނު ނަމަވެސް، ދުރާލައި އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުނު ކަމަށް ބުނެ އާންމުން ކިޔާ ފާޑުކިޔުންތަކުން ކަމާބެހޭ ވަޒީރުގެ ހައިސިއްޔަތުން އޭނާއަށް ބަރީއަވެވަޑައިގެންނެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އިމްތިހާނު ނިމުމުން، އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި އިސްތިއުފާ ހުށަހަޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުފާ ދެއްވި ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު

މީގެ އިތުރުން، އިމްތިހާނު ދުވަހު މަކަރުހަދާ މީހުން އަތުލައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ ގާނޫނު ހަދާ މަޖިލީހުގެ އަޑުއެހުމެއްގައި ސުވާލުކުރުމުން، އުމުރުފުޅުން 72 އަހަރުގެ ޗޯއީ ކިޔޯ-ޖިން ވިދާޅުވެފައިވަނީ އޭނާގެ އުމުރުފުޅުގެ ސަބަބުން އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. މި ޖަވާބާ ގުޅިގެން އާންމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އިމްތިހާނުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާންކުރެއްވީ ނައިބު ވަޒީރެކެވެ. މީގެ އިތުރުން ސަރުކާރުން ފިޔަވަޅު އެޅުން ލަސްވި ކަމަށް ބުނެ ޓީޗަރުންގެ ޔޫނިއަންތަކުން ވެސް ވަނީ ފާޑުކިޔާފައެވެ.

އޭއައި ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރުހެދުމުގެ މައްސަލަ ފެންމަތިވީ، ޔުނިވަސިޓީއަށް ވަނުމަށް ބާއްވާ "ސުނުންގް" އިމްތިހާނު ފެށުމުގެ ހަތަރު ދުވަސް ކުރިން، ގައުމީ ޓެކްސް އެކައުންޓެންސީ އިމްތިހާނުން އެއްވަނަ ހޯދި މީހާ މަކަރުހެދިކަމަށް އެއްބަސްވުމާ ގުޅިގެންނެވެ. އޭނާގެ ގާނޫނީ ވަކީލުގެ ޔޫޓިއުބް އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި އެ މީހާ ބުނީ، ފޮރުވާފައިވާ ކުޑަ ކެމެރާއަކުން ސުވާލުތައް ފޮޓޯ ނަގައި، އޭއައި ސިސްޓަމަކަށް ފޮނުވައިގެން ސްމާޓްފޯނުން ޖަވާބުތައް ކިޔާފައިވާ ކަމަށެވެ. އަދި ޓެކްސް އެކައުންޓެންޓް އިމްތިހާނުގައި މަކަރުހެދި ކަމަށާއި، އޭނާއަށް އެއްވަނަ ލިބުނީ ހައްގު މަސައްކަތުން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އަށް ގަޑިއިރަށް ދެމިގެންދާ އަހަރީ ސުނުންގް އިމްތިހާނަކީ ދަރިވަރުންނަށް ވަދެވޭނެ ޔުނިވަސިޓީތަކާއި އެ ކުދިންގެ މުސްތަގުބަލު ކަނޑައަޅައިދޭ އިމްތިހާނެކެވެ. މި އިމްތިހާނު އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދެކުނު ކޮރެއާއިން ހާއްސަ ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން އިނގިރޭސި ލިސަނިން ޕޭޕަރު ކުރިއަށްދާ 25 މިނެޓުގެ ތެރޭގައި އަޑު މަޑުކުރުމަށްޓަކައި މަތިންދާބޯޓުތައް ޖެއްސުމާއި ފުރުމުގެ ގަޑިތަކަށް ބަދަލުގެނެސް، ބަޑިޖެހުމާއި ޓޭންކަރުތަކުގެ ހަރަކާތްތައް މެދުކަނޑާލައެވެ. އަދި ހިއްސާގެ ބާޒާރު ހުޅުވާ ގަޑި އެއް ގަޑިއިރަށް ފަސްކޮށް، އިމްތިހާނު މަރުކަޒުތަކާ 200 މީޓަރު ދުރުން އެއްގަމު އުޅަނދުތައް ހުއްޓުވައެވެ.

މަކަރުހެދުމުގެ މައްސަލައާ ގުޅިގެން، ސުނުންގް އިމްތިހާނު ބާއްވާ ސަރަހައްދުތަކުން ޕަބްލިކް ވައިފައި ކަނޑާލުމާއި، ސުޕަވައިޒަރުންގެ އަދަދު ދެގުނަ ކުރުން ފަދަ ފިޔަވަޅުތައް އެޅިއެވެ. ސަރުކާރުން އިއުލާންކުރި ގޮތުގައި، އިމްތިހާނަށް ވަނުމުގެ ކުރިން ސްމާޓް ޑިވައިސްތައް ނިއްވާލައި ހަވާލުކުރަންޖެހޭނެއެވެ. އަދި ކޮރިޑޯތަކުގައި ބަހައްޓާފައި ހުންނަ ދަބަސްތަކުގައި ނުނިއްވާ ހުންނަ ޑިވައިސްތައް ހުރިތޯ ބަލާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. މީގެ އިތުރުން، ފޮރުވާފައި ހުންނަ ޑިޖިޓަލް އާލާތްތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ދަރިވަރުން ހަމައެކަނި ފަންސުރު ހިފައިގެން އައުމަށް އަންގައި، އިމްތިހާނު މަރުކަޒުތަކުން ފޮހޭރަބަރު ފޯރުކޮށްދިނެވެ. އަދި ގޮށް ހުންނަ އަންނައުނު ނުލުމަށް އަންގައި، ގޮށް ހުރި ނަމަ ކެމެރާ ފޮރުވިޔަ ނުދިނުމަށް އޭގެ މަތީގައި ސްޓިކާ ތަތްކުރާނެ ކަމަށް އެންގިއެވެ. އިމްތިހާނު އޮފިޝަލުން ވަނީ ދަރިވަރުންގެ އައިނާއި، ގަޑިއާއި، ގަމީހުގެ ގިރުވާނާއި އަތުކުރި ވެސް ފާސްކޮށްފައެވެ.

ސަރުކާރުން ވަނީ މަކަރުހަދާ މީހުން ނުވަތަ ގަވާއިދާ ހިލާފު އަމަލުތައް ރިޕޯޓުކުރާ ފަރާތްތަކަށް މަދުވެގެން 75،000 ޑޮލަރު (57،300 ޕައުންޑް) ގެ އިނާމެއް ދޭނެ ކަމަށް ވައުދުވެ، ބައިވެރިން ރިޕޯޓުކުރާ މީހުންނަށް އަދަބު ލުއިކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި ފޯނު ހަވާލު ނުކޮށް ވައްދާފައިވާ ދަރިވަރުން އަތުލައިގަތުމަށްޓަކައި، ސައިލެންޓް ނުކުރެވޭ ގޮތަށް ބާރު އަޑުން ރިންގުވާ ކުއްލި އެލާޓްތަކެއް މުޅި ގައުމުގެ ހުރިހާ ފޯނަކަށް ސަރުކާރުން ފޮނުވިއެވެ. އޮފިޝަލުން ބުނި ގޮތުގައި، އިމްތިހާނު ތެރޭގައި އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ގަވާއިދާ ހިލާފުވި 111 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މައްސަލަ ދެނެގަނެވުނީ ކުއްލި އެލާޓްތަކުގެ އެހީގައި ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ރޭވިފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ހައި ސްކޫލް ދަރިވަރަކު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް، އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބޭނެ ކަމުގެ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ހަރުކަށިކުރި ފިޔަވަޅުތަކުގެ ދަށުން، އިމްތިހާނުގައި މަކަރުހަދައިގެން އަތުލައިގަންނަ ދަރިވަރުންނަށް 10 އަހަރު ވަންދެން އަލުން އިމްތިހާނުގައި ބައިވެރިވުން މަނާކޮށް، ޖިނާއީ ދައުވާ އުފުލޭނެއެވެ.

comment ކޮމެންޓް