ގައުމީ ޓީމާއެކު މެޗެއް ބަލައިލަން ބޫޓާނަށް ދާން ބޭނުންތަ؟

އޭޝިއަން ކަޕް ކޮލިފަޔާސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޫޓާނާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފިއެވެ.

އެފްއޭއެމުން މިއަދު ކުރި ޓްވީޓެއްގައި ވަނީ، މިސީޒަންގެ ޗެރިޓީ ފުޓްބޯޅަ މެޗު ކުޅެމުންދާ ވަގުތު، އެ މަންޒަރު ފޮޓޯއެއް ނެގުމަށް ފަހު އިންސްޓަގްރާމް ކޮށްގެން، ގުރުއަތުން ހޮވޭ ފަރާތަކަށް ގައުމީ ޓީމާއެކު ބޫޓާނަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އެފްއޭ ކަޕް ޗެމްޕިއަން ކްލަބު ވެލެންސިއާ ބައްދަލުކުރާ، މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ، 21:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އެފްއޭއެންމުން ބުނީ، ޗެރިޓީ ޝީލްޑް މެޗުގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްގެން، ނަސީބުވެރި ފަރާތަކަށް، ގައުމީޓީމު ކުޅޭ ފުރަތަމަ އަވޭ މެޗު ބަލައިލަން ބޫޓާނަށް ދިއުމުގެ ފުރުސަތު ލިބޭނޭ ކަމަށެވެ. އެގޮތުން އެ ދަތުރުގައި އެމީހެއްގެ ހުރިހާ ހަރަދުތަކެއް އެފްއޭއެމުން ހަމަޖައްސައި ދޭނޭކަމަށް ބުނެފައި ވެއެވެ.

އިންސްޓަގްރާމް ކުރާއިރު، CharityShield# އަދި MAZVAL# ހޭޝްޓެގް ބޭނުންކުރާން ޖެހެއެވެ.

comment ކޮމެންޓް