އެފްއޭއެމްއާ ގުޅިގެން އިޖްތިމާއީ ހަރަކާތްތަކެއް ހިންގުމަށް ފުލުހުން އެއްބަސްވެއްޖެ

އެފްއޭއެމްއާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމަތުދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ، މިފަހަރު ފުލުހުންނާއެކު އެއްބަސްވުމަކަށްދެވުނީ ހަމައެކަނި މުބާރާތްތަކުގައި ސެކިއުރިޓީ ބަލަހައްޓަން ނޫން ކަމަށާއި ދެ އިދާރާ ގުޅިގެން އިޖުތިމާއީ އެކިއެކި ހަރަކާތްތައް ހިންގަމުންދާނެ ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ފުލުހުންގެ ފަރާތުން އެފްއޭއެމަށް ލިބުނު އެހީތެރިކަމަށް ބައްސާމް ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަދައްކަވަމުން ޑީސީޕީ ސައުދީ ވިދާޅުވީ، ފުލުހުންނާއި އެފްއޭއެމް ގުޅިގެން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށުގެ ވެށިން ދިވެހި ޒުވާނުން ދުރުކުރުމަށްޓަކައި އިޖުތިމާއީ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތަށް އެފްއޭއެމްއިން ހިންގާ މުބާރާތްތަކުގެ ސެކިއުރިޓީ ކަންތައްތައް ވެސް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް