ބަދިގޭގައި އެންމެ އަވަހަށް ނަޖިސްވާ އެއްޗަކީ ސްޕޮންޖާއި ސިންކު

ބަދިގެ ސާފުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ---

ބަދިގެއަކީ ގޭގައި ހިފައިގެންގުޅޭ ތަކެއްތި އެންމެ ގިނައިން ބޭނުންކުރާ އަދި ކާތަކެތި ތައްޔާރު ކުރަން ބޭނުންކުރާ ތަނެވެ. އެހެންވީމާ ކާން ބޭނުންވާ ތަކެތި ތައްޔާރުކުރާ ތަނަކީ ތާހިރު ތަނަކަށް ވާންޖެހެއެވެ.

ދާދި ފަހުން އާންމުކޮށްފައިވާ ދިރާސާއެއް ދައްކާގޮތުން ބަދިގެ ނަޖިސްވާ މައިގަނޑު ދޭއްޗަކީ ސިންކާއި ތަށި ދޮންނަން ބޭނުންކުރާ ސްޕޮންޖެވެ. އޭގެ އިތުރުން ކައްކާއިރު ތަށި ތެލި ބަހައްޓާ އައްޓާއި އެއްޗިހި ކޮށަން ބޭނުންކުރާ ކަޓިން ބޯޑަކީ ވެސް ސާފުނުކުރާ ނަމަ ޖަރާސީމު އުފެދޭ އެއްޗިހި ކަމަށް ދިރާސާއަށް ފަހު އާންމު ކުރި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ސްޕޮންޖް ހަޑިވީމަ ސާފުކުރާނީ މިހެން

ކެއުމަށް ފަހު ކާ ތައްޓާއި މޭޒުމަތި ސާފުކުރަން ވެސް ބޭނުންކުރާނީ ސްޕޮންޖެވެ. ސްޕޮންޖަކީ ބަދިގޭގައި އެންމެ ހަޑިވާ އަދި އެންމެ ޖަރާސީމު އުފެދޭ އެކައްޗެެވެ. އެއީ އަބަދު ތަތްކޮށް ސޮޕޮންޖް އޮންނަ ނަމަ އެއީ ޖަރާސީމު އުފެދުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އެކަމަކު ޖަރާސީމުން ސަލާމަތްވެ ސްޕޮންޖް ސާފުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ތަށިތައް ދޮވުމަށް ފަހު ސްޕޮންޖް ރަނގަޅަށް ދޮވެލާށެވެ. އެއަށް ފަހު ތަތްކޮށް އޮއްވައި މައިކްރޯވޭވް އަށް ލައި ދެމިނެޓް ބާއްވާށެވެ. އޭރުން ސްޕޮންޖް ސާފުވާނެއެވެ.

ސިންކުގައި ޖަރާސީމު އުފެދެނީ މިހެންވެ، ސާފުކުރާނީ މިގޮތަށް

ސިންކަކީ ތަށީގައި ތަތްވެފައި ހުންނަ ކާތަކެތި ތަށިދޮވުުމުން ގޮސް އެޅޭތަނެވެ. އަދި އެހެން ވެސް ތަކެތި ދޮވެ ސާފުކުރާއިރު ސިންކަށް އެޅި ސިންކު ހަޑިވާނެއެވެ. އަދި ޖަރާސީމު ވެސް އުފެދޭނެއެވެ. ސިންކު ސާފުކޮށް ބެހެއްޓުމަށް ތަށިދޮންނަށް ގެންގުޅޭ ޕައުޑަރު އަޅައިގެން ރަނގަޅަށް ސިންކު ދޮވެލާށެވެ. އެއަށް ފަހު ސިންކަށް ހޫނުފެން އަޅާށެވެ. ކޮންމެ ފަހަރަކު ސިންކު ހަޑިވުމުން ސިންކު ސާފުކުރުމަށް ހޫނުފެން އަޅާ ނަމަ ޖަރާސީމުން ސަލާމަތްވާނެއެވެ.

ބަދިގޭ އަށި ސާފުކޮށް ބަހައްޓާ

އެންމެ ގިނައިން ކާއެއްޗިހި ބޭނުންކުރާ، އަދި ބަދިގޭގައި އެންމެ ބިޒީ އެއް ތަނަކީ އައްޓެވެ. އެތަނަށް ފެނާ ކާތަކެތި ވެސް އެޅޭނެއެވެ. އެހެންވީމާ އެތަން ސާފު ނުކުރާ ނަމަ ބަދިގޭގައި ޖަރާސީމު ގިނަވުމަކީ ދުރުކަމެއް ނޫނެވެ. އެހެންވީމަ އަށި ސާފުކޮށް ފޮތިގަނޑެއް ހޫނުފެނަށް ލާށެވެ. އަދި އެއަށް ދޮންނަ ސޯޕް އެޅުމަށް ފަހު ރަނގަޅަށް ސާފުކުރާށެވެ.

ކަޓިންގް ބޯޑު ސާފުކޮށް ބެހެއްޓުން މުހިންމު

ކާތަކެތީގެ ތެރޭގައި ހިމެނޭ މަހަކަސް، ތަރުކާރީއަކަސް މޭވާއަކަސް ކޮށަން ބޭނުންކުރާ އެކައްޗަކީ ކަޓިން ބޯޑެވެ. އެހެންވީމަ ކަޓިންގް ބޯޑު ސާފުކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ކަޓިންގް ބޯޑު ސާފުކޮށް ބެހެއްޓުމަށް އެންމެ އިސްކަމެއް ދޭންވީ އެއްކަމަކީ މަސް ފަދަ ތަކެތި ކޮށަން ވަކި ކަޓިންގް ބޯޑެއް ބޭނުންކުރުމެވެ. އަދި ކޮންމެ އެއްޗެއް ކޮށުމަށްފަހު ވެސް ހޫނު ފެނަނަށް ދޮންނަން ބޭނުންކުރާ ސޯޕް އެޅުމަށް ފަހު އޭގެން ދޮވެލާށެެވެ.

comment ކޮމެންޓް