އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދުފަހަރުގައި އަޅާފައިވޭތޯ ބެލުމަށް އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ނޯތު ހާބަރުގައި ފެށި އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި އެމްއެންޑީއެފް ކޯސްޓްގާޑެވެ.
އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ޑެޕިއުޓީ ކޮމާންޑަރު މޭޖާ މުހައްމަދު ނަދީމް ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން އުޅަނދުތަކުގައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވޭތޯ ބަލާނެ ކަމަށެވެ.
"އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ މީހުންގެ މުދަލަކަށް އަދި އެހެނިހެން ގޮތްގޮތުން އެބަ މީހުންނަށް ގެއްލުންތަކާ ނުރައްކާތަކާ ކުރިމަތިވޭ. އެހެންވީމާ މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުމަކީ އެފަދަ ހާދިސާތަކުން ރައްޔިތުން އަދި ރައްޔިތުންގެ މުދަލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުން،" ނަދީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޕަރޭޝަނުގެ ދަށުން މާލޭގައި މިވަގުތު ހުރި ހުރިހާ އުޅަނދެއް ޗެކްކުރާނެ ކަމަށެވެ. އަދި އަތޮޅުތަކުގައި ދުއްވާ އުޅަނދުތައް ވެސް އެ ޕްރޮގްރާމްގެ ދަށުން ޗެކް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މެދުކެނޑުމެއްނެތި ސިލްސިލާ ޕްރޮގްރާމެއް ގޮތަށް އެ މަސައްކަތް ކުރާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކުއަޑްރަން ކޮމާންޑަރު ކެޕްޓަން ހަސަން ޝިނާން ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށްގެންދާ އިރު، ސަލާމަތީ ފިޔަވަޅުތަކުގެ އިތުރުން އުޅަނދުތައް ދުއްވާ ކައްޕިންގެ ލައިސަންސް އޮތްތޯ އާއި ދޯނީގެ ފީތައް ދައްކާފައިވޭތޯ ވެސް ޗެކްކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކަނޑުމަތީގެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރަމުން އަންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ނެތް އުޅަނދުތަކުގައި އެ ކަންކަން ގާއިމްކުރަން އިރުޝާދުދީ، ކަމެއް ދިމާވެއްޖެ ނަމަ ކަންކަން ކުރާނެގޮތް އުޅަނދުތަކުގައި އުޅޭ ފަރާތްތަކަށް ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.