ބެރަބެދިމާގޭގައި ރޯވި އަލިފާން ނިއްވާލައިފި

ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ރޭ ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 23:25 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު އެ ސާވިސްގެ ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 00:39 ހާއިރު ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ނަމަވެސް، އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދޭތެރެ ދޭތެރެއިން މިފަދަ އަލިފާނުގެ ހާދިސާތައް ދަނީ މާލެ ސަރަހައްދުގައި ހިނގަމުންނެވެ.

comment ކޮމެންޓް