ބައި ގަރުނު ވަންދެން ޗައިނާގެ މި މީހާ ހުރީ އިންޑިއާގައި ބަންދުވެފައި!

ވޭންގް އޭނާގެ ޅަ އިރުގެ ފޮޓޯއެއް ހިފަހައްޓައިގެން ---

ފަންސާސް އަހަރު ވަންދެން އިންޑިއާގައި ބަންދުވެފައި ހުރި ޗައިނާގެ ރައްޔިތަކަށް އެނބުރި ގައުމަށް ދެވިއްޖެއެވެ.

އަސްކަރީ ދިރާސާތައް ހަދާ ވޭން ކީ އަކީ 1963 އަހަރު އޮޅުމެއްގެ ތެރެއިން އިންޑިއާއަށް އެތެރެވުމުން، ބޭނުންވާ ލިޔެކިޔުންތައް ނުލިބުމުގެ ސަބަބުން ގައުމުން އެނބުރި ނުދެވި، އިންޑިއާގައި ބަންދުވެފައި ހުރި މީހެކެވެ.

ނަމަވެސް ބީބީސީ އިން މިދިޔަ މަހުގެ ތެރޭގައި ވޭން ކީ އާ ގުޅޭގޮތުން ޝާއިއު ކުރި ރިޕޯޓަކާއެކު ޗައިނާގެ ޑިޕްލޮމެޓުން ވަނީ ވޭންގް ހޯދައި، އޭނާއާ ބައްދަލުކޮށްފައެވެ. އަދި އިންޑިއާގެ ސަރުކާރުން ވަނީ އިންޑިއާއަށް ވޭންގް ފުރުމަށް ބޭނުންވާ ލިޔެކިޔުުންތައް ހަމަޖައްސައިދީ، އޭނާގެ އާއިލާއަށްވެސް ޗައިނާ އަށް ދިއުމަށް އިންޑިއާގެ ޕާސްޕޯޓް ހަދައިދީފައެވެ.

ވޭންގްގެ އާއިލާ ---

ދޮށީ ދަރިފުޅާއެކު ދިއްލީން ފުރައިގެން މިދިޔަ ހުކުރު ދުވަހު ބެއިޖިންއަށް ދިޔަ ވޭން ކީ މިހާރު ވަނީ އޭނާގެ އާއިލާއާ ބައްދަލުވެފައެވެ. އަދި ސިއޭންޔާންގް ސިޓީއަށް އުފަން ވޭން ކީ އެނބުރި ގައުމަށް ދިއުމުން އެ ސިޓީގެ ރައްޔިތުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިންޑިއާގެ ރައްޔިތަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ ވޭންގް އެނބުރި ޗައިނާއަށް ދިޔަ ނަމަވެސް، ބަލިވުމުގެ ސަބަބުން ދަތުރުގައި ވޭންގްއާއެކު އޭނާގެ އަންހެނުންނަކަށް ޗައިނާއަކަށް ނުދެވުނެވެ.

ޗައިނާގެ އަސްކަރިއްޔާއަށް މަގު ހަދައިދޭން އުޅުނު ވޭންގް އިންޑިއާގެ ސަރަހައްދަށް އޮޅުމަކުން ވަދެވުނީ، އޭނާ އުޅެމުންދިޔަ ކޭމްޕުން ނުކުމެ ހިނގާލަން ގޮސް އުޅެނިކޮށް މަގު އޮޅިގެންނެވެ.

ޗައިނާގައި ވޭންގްގެ އާއިލާ ---

"ކޭމްޕުން ނުކުމެ ހިނގާލަން ގޮސް އުޅެނިކޮށް މަގު އޮޅުނީ. އަހަރެން ހުރީ ވަރުބަލިވެ ބަނޑުހައިވެފައި. ދެން ފެނުނީ ރެޑް ކްރޮސް ވެހިކަލެއް. އަދި އެމީހުންގެ ފަރާތުން އެހީއަށް އެދުނިން. އެމީހުން އަހަރެން ހަވާލުކުރީ އިންޑިއާގެ އަސްކަރިއްޔާއާ،" ވޭންގް ބުންޏެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ވޭންގް ލީ ޖަލަށެވެ. ތަފާތު އެތައް ޖަލެއްގައި ގެންގުޅުމަށްފަހު ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ 1969 ވަނަ އަހަރުއެވެ. އެއަށްފަހު ގައުމު ދޫކޮށް ދިއުން މަނާކޮށް ފުލުހުން އޭނާ ފޮނުވާލީ މަދްޔާ ޕުރަދޭޝްގެ ފަގީރު އަވަށަކަށެވެ.

އެ އަވަށުގެ އަންހެނަކާ ކައިވެނިކޮށްގެން ވޭންގް އޭރުކުރި މަސައްކަތަކީ ފުށް އުފައްދާ މިލް އެއްގައި މަސައްކަތްކުރުމެވެ.

comment ކޮމެންޓް