އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރާ ހޮޓެލް ވިއްކާލަން ނިންމައިފި

ހުޅުމާލޭގެ ރެޑިސަން ބްލޫ ހޮޓެލް ނިމުމުން ހުންނާނެ ގޮތުގެ ޚިޔާލީ ކުރެހުމެއް --

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ، ފަސް ތަރީގެ ލަގްޒަރީ ހޮޓެލް "ރެޑިސަން ބްލޫ ހޮޓެލް" ވިއްކާލުމަށް އެސްޓީއޯއިން ނިންމައިފި އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، ހުޅުމާލޭގެ ރެޑިސަން ބްލޫ ހޮޓެލް ޕްރޮޖެކްޓަކީ، މަސައްކަތް ފެށި އިރުވެސް އެސްޓީއޯއަށް ވަރަށް ގޮންޖެހުން ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

އަދި، ރާއްޖޭގައި ގިނަ އަދަދެއްގެ ރަށްރަށް އެކި ފަރާތްތަކަށް ލީސްކޮށްފައި ހުރެ، ތަރައްގީ ނުކޮށް ހުންނަ ކަމަށާއި ނަމަވެސް އެސްޓީއޯގައި ޓުއަރިޒަމް ދާއިރާގެ ތަޖުރިބާއެއް ނެތް ހާލުގައި ވެސް، އެހޮޓަލުގެ މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުންފުނީގައި ޓުއަރިޒަމްގެ ތަޖުރިބާ ނެތް. އެކަމަކު މި ޕްރޮޖެކްޓް މި ވަނީ ގާތްގަނޑަކަށް 60 ޕަސަންޓު ނިމުމަކަށް އައިސްފައި،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ވިޔަފާރި ކުރާ މައިގަނޑު ހަތަރު ދާއިރާއަށް މި އަހަރުގެ ވިޔަފާރި ބޮޑަށް އަމާޒު ކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން، ރެޑިސަން ހޮޓެލްގެ މަޝްރޫއު ވިއްކާލަން އެސްޓީއޯ އިން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމަސައްކަތް ކުރުމަށްޓަކައި އެސްޓީއޯގެ ގަވައިދުތަކާ އެއްގޮތަށް އިއުލާން ކުރެވި، ކުރިމަތިލި ފަރާތަކާ އެކު ނެގޯޝިއޭޓު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވެސް މިހާރު ނިމެމުންދާ ކަމަށެވެ.

"އިތުރު ރިސޯސް ބޭނުންވާތީ އެސްޓީއޯ ބޯޑުން ނިންމީ ރެޑިސަން ޕްރޮޖެކްޓް ވިއްކާލަން. އެހެންވީމަ އަޅުގަނޑުމެން އެސްޓީއޯގެ ގަވައިދުތަކާ އެއްގޮތަށް އިއުލާން ކުރެވި، ބަޔަކާ ނެގޯޝިއޭޓް ކުރެވި ފައިނަލް ސްޓޭޖުގައި މި އުޅެނީ،"

ރެޑިސަން ހޮޓެލްގެ މަސައްކަތަށް ގާތްގަނޑަކަށް 115 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވުނެވެ. މި ހޮޓަލުގެ މަސައްކަތް ކުރުމަށް އެސްޓީއޯ އިން 2012 ވަނަ އަހަރު ވަނީ، ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިޔަން ޑޮލަރުގެ ލޯނެއް ވެސް ނަގާފަ އެވެ.

އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ، ވިއްކާލާނީ، އެސްޓީއޯ އާއި އާންމު ހިއްސާދާރުންނަށް ވެސް ފައިދާ އަދި މަންފާ ލިބޭނެ ފަދަ ގޮތަކަށް ބަލައިގެން ކަމަށެވެ.

ރެޑިސަން ހޮޓެލް އިމާރާތް ކުރުމަށް އެމެރިކާގެ ކާލްސަން ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއި ކުރެވުނު ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެތަން އިމާރާތް ކުރަން ފެށީ 2012 ވަނަ އަހަރު އެވެ.

އެ ހޯޓަލަކީ 250 ކޮޓަރި އަދި 500 އެނދުގެ ކެޕޭސިޓީއަކާ އެކު ޕްލޭނު ކުރެވި، 2013 ވަނަ އަހަރު ހުޅުވުމަށް ޕްލޭން ކުރެވުނެވެ. އެހެން ނަމަވެސް މާލީ ދަތިތަކާ ހެދި އެކަން މިހާތަނަށް ވެސް ކުރެވިފައެއް ނުވެ އެވެ.

ރެޑިސަން ބްލޫ އަކީ، އެމެރިކާގެ ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުން ހިންގާ ހޮޓެލް ޗެއިނެކެވެ. އެ ބްރޭންޑުގެ ހޮޓެލްތައް ދުނިޔޭގެ އެކި ތަންތަނުގައި ހުރެ އެވެ.

މީގެ އިތުރުން، އަންނަ އަހަރު ހދ. ނާގޯށީގައި ވެސް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓަކީ ވެސް ރެޑިސަން ބްރޭންޑުގެ ރިސޯޓެކެވެ. ނާގޯށި ތަރައްގީ ކުރަމުން އަންނަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން، ތްރީކޭ އިންޓަނޭޝަނަލާއި ބަހްރައިނުގެ ކުންފުންޏަކުންނެވެ.

comment ކޮމެންޓް