ވެސްޓް ހޭމްގެ ކޯޗިން ޓީމާ ގުޅެން ލަމްޕާޑަށް ދައުވަތެއް

ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް އޭނާ ވަނީ 21 އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލިކަން އިއުލާނުކޮށްފައި -- ފޮޓޯ: ދަ ސަން

ޗެލްސީ އަދި އިންގްލޭންޑްގެ ކުރީގެ ތަރި، ފްރޭންކް ލަމްޕާޑް ބޭނުން ނަމަ، ވެސްޓް ހޭމްގެ ކޯޗިން ޓީމާ ގުޅުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް، އެ ޓީމުގެ ކޯޗު ސްލެވަން ބިލިޗް ބުނެފިއެވެ.

މިހާރު އުމުރުން 38 އަހަރުގެ ލަމްޕާޑު ވަނީ، 21 އަހަރަށް ފަހު އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެނެސްފައިވާކަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައެވެ. އަދި އޭނާ ކޯޗިންގެ ދާއިރާގައި ކުރިއަށް ދިއުމުގެ މަސައްކަތް ފަށާފައިވާކަން ވެސް އޭނާ ވަނީ އިއުލާނުކޮށްފައެވެ.

"ކޯޗަކަށް ވުމަށް ކިޔަވަން [އެފްއޭ] ފުޓްބޯޅަ އެސޯސިއޭޝަނުން ދިން ފުރުސަތަށް ޝުކުރުވެރިކަން. މިކަމުގެ ސަބަބުން ހުޅުވޭ އިތުރު ފުރުސަތުތަކުގެ ބޭނުން ހިފުމަށް އަހަރެން އުންމީދު ކުރަން،" ޗެލްސީ އަދި އިނގިރޭސި ފުޓްބޯޅަ ލެޖެންޑް އޭނާގެ ފުޓްބޯޅަ ކެރިއަރި ނިންމާލިކަން އިއުލާނުކުރަމުން ބުންޏެވެ.

ވެސްޓް ހޭމް ޔުނައިޓެޑުން 1996 ވަނަ އަހަރު، ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި، ލަމްޕާޑަށް އޭނާ ބޭނުން ނަމަ، ވެސްޓް ހޭމްގެ ކޯޗިން ޓީމާ ގުޅުމަށް ހުޅުވިފައިވާ އަތްތަކަކާ އެކު މަރުހަބާ ކިޔާނޭކަމަށް އެޓީމުން ބުނެއެވެ.

"ފްރޭންކަށް އަބަދުވެސް މި ކްލަބުން މަރުހަބާކިޔާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި، އޭނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު އެކަމަށް ދިން ޝައުގުވެރިކަން ކޯޗެއްގެ ގޮތުގައިވެސް ދޭނެ،" ވެސްޓް ހޭމްގެ ކޯޗު ބިލިޗް ބުންޏެވެ.

ފްރޭންކް ލަމްޕާޑް އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 1996 ވަނަ އަހަރު ވެސްޓް ހޭމް ޔުނައިޓެޑުން -- ފޮޓޯ: ދަ ސަން

ވެސްޓް ހޭމްއިން 2001 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު އެ ކްލަބުގައި ކާމިޔާބު 13 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރި ހުނަރުވެރި މިޑްފީލްޑަރާ ގުޅޭގޮތުން ބިލިޗް ބުނީ، ލަމްޕާޑަކީ ޒުވާން ކުޅުންތެރީންނަށް އެންމެ ފުރިހަމަ "ރޯލް މޮޑެލް"އެއް ކަމަށެވެ.

"މީހުން ލެޖެންޑުންގެ ވާހަކަ ދައްކާ، އަދި އެއީ ވަރަށް އާންމު ބަހެއް. އެއާ ހިލާފަށް ލަމްޕާޑަކީ އެމްބެސަޑަރެއް. ޕްރިމިއާ ލީގުގެ ލެޖެންޑެއް." ލަމްޕާޑަށް ތައުރީފްކުރަމުން ބިލިޗް ބުންޏެވެ.

ބިލިޗް ބުނީ، ލަމްޕާޑު އޭނާގެ ސީނިއާ ކެރިއަރު ވެސްޓް ހޭމްގައި ފެށި ދުވަސްވަރުގެ ހަނދާ ހުންނަ ކަމަށާއި، އަދި އޭރުއްސުރެން ފެށިގެން މިހާތަނަށް، އޭނާ ކްރޮއޭޝިއާ، ރަޝިއާ އަދި ތުރުކީގެ ކޯޗުކަމުގައި ހުރި އިރުވެސް، އޭނާގެ ކުޅުންތެރީންނަށް ނަމޫނާއެއްގެ ގޮތުގައި ލަމްޕާޑުގެ ވާހަކަތައް ކިޔައިދޭ ކަމަށެވެ.

"އޭނަ ހާސިލްކުރި ކާމިޔާބީތަކަކީ ހަގީގަތުގައި ވެސް ގަބޫލުކުރަން ދަތި ކާމިޔާބީތަކެއް. ކުޅުންތެރިއެއްގެ ގޮތުގައި ސާބިތުކަން ދެއްކި. އެއީ މޮޅު ކުޅުންތެރިއެއް، އަދި ފުރިހަމަ ޝަހުސިއްޔަތެއް،" ބިލިޗް ބުންޏެވެ.

ވެސްޓް ހޭމްގެ ކޯޗު ސްލެވަން ބިލިޗް: އޭނާ ވަނީ ވެސްޓް ހޭމްގެ ކޯޗިން ސްޓާފުންނާ ގުޅެން ލަމްޕާޑަށް ދައުވަތު ދީފައި -- ފޮޓޯ: ދަ ސަން

ލަމްޕާޑަކީ، ހަމައެކަނި އޭނާގެ ހުރި ހުނަރެއްގެ މައްޗަށް ބަރޯސާވެގެން ހުންނަ ކުޅުންތެރިއެއް ނޫން ކަމަށާއި، ފަރިތަކުރުންތައް ނިންމާލުމަށް ފަހުވެސް ކޮންމެ ދުވަހަކުހެން އޭނާއަމިއްލައަށް، އޭނާގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ޝޫޓްކުރުން ފަދަ ކަންކަން ކުރިއަށް ގެންދާކަން ބިލިޗް ފާހަގަކުރިއެވެ.

"އަހަރެން ބުނާނީ، ލަމްޕާޑަކީ އަހަރެމެން ދެކެން ބޭނުންވާ ކާމިޔާބު ޒުވާން ކުޅުންތެރީންނަށް ދައްކަން އެންމެ ފުރިހަމަ ނަމޫނާއޭ،" ވެސްޓްހޭމްގެ ކޯޗު ބުންޏެވެ.

comment ކޮމެންޓް