ޗެލްސީ އަދި އިންގްލޭންޑްގެ ލެޖެންޑް ލަމްޕާޑް ކުޅުން ހުއްޓާލައިފި

ޗެލްސީ އަދި އިންގްލެންޑް ފުޓްބޯޅަ ލެޖެންޑް ފްރޭންކް ލަމްޕާޑު ކުޅުން ހުއްޓާލިކަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ: ބީބީސީ

ޗެލްސީ އަދި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑުގެ 21 އަހަރުވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރަށް ރަސްމީކޮށް ނިމުން ގެނެސްފިއެވެ.

މިދިޔަ އަހަރު އެމެރިކާގެ މޭޖާރ ސޮކަރ ލީގުގައި ނިއުޔޯކް ސިޓީއަށް ކުޅުނު، އުމުރުން 38 އަހަރުގެ މިޑްފީލްޑަރު އޭނާގެ ރިޓަޔާމަންޓް އިއުލާނުކޮށްފައި ވަނީ ސޯޝަލް މީޑިއާގައެވެ.

ޗެލްސީގައި ލަމްޕާޑް ހޭދަކުރި 13 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 649 މެޗުކުޅެފައެވެ. އަދި މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް، 100އަށް ވުރެ ގިނަ މެޗު ކުޅެފައި ވެއެވެ.

ލަމްޕާޑް އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، މިއީ އޭނާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރާން އެންމެ ރަނގަޅު ވަގުތުކަމުގައި ގަބޫލުކުރާ ކަމަށެވެ.

"ފުޓްބޯޅަކުންތެރިއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ލިބިފައި ވީ ނަމަވެސް، އުމުރުން 38ގައި މިހާރު އަހަންނަށް އިހްސާސްކުރެވެނީ މިއީ ހަޔާތުގެ އެހެން ޗެޕްޓަރެއް ފަށަންވީ ވަގުތު ކަމަށް،" ލަމްޕާޑު ބުންޏެވެ.

ލަމްޕާޑް އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށީ 1996 ވަނަ އަހަރު، ވެސްޓްހޭމް ޔުނައިޓެޑުންނެވެ. އޭގެ ފަހުން 2001 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު އެ ކްލަބުގައި 13 އަހަރު ހޭދަކުރުމަށް ފަހު، އޭނާ ވަނީ ކުޑަ ދުވަސްކޮޅަކު މެންޗެސްޓާ ސިޓީއާއި ނިއުޔޯކް ސިޓީއަށް ކުޅެފައެވެ.

ލަމްޕާޑު ބުނީ، އޭނާގެ ފުޓްބޯޅަ ކެރިއަރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ، ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާ އާއި ރަހްމަތްތެރީން، އަދި އޭނާއަށް ކުޅުމުގެ ފުރުސަތުދިން ކްލަބަތައް ހިމޭނޭ ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރޭން ވެސް، ޗެލްސީގައި ހޭދަކުރި ދުވަސްތަކާއި، އެ ކްލަބާއި ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ ލޯބި ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނޭކަން އޭނާ ފާހަގަކުރި އެވެ.

"އަހަރެން ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ޗެލްސީ ސަޕޯޓަރުން ކްލަބުގެ ކާމިޔާބީއަށް ފެންބޮވައިގެންފައި ތިބިލެއް ބޮޑުކަން. އެމީހުންނާ ނުލައި އަހަންނަށް މިހާހިސާބަކަށް ނާދެވުނީސް،" ލަމްޕާޑު އޭނާ އެންމަ ލޯބިވާ ކްލަބުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.

ލަމްޕާޑު ވަނީ، ޗެލްސީއަށް އޭނާ ކުޅެދިން، 649 މެޗުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފައެވެ. އެއީ ޖުމުލަ 211 ގޯލެވެ. އޭގެ އިތުރުން 2011-12 ސީޒަންގައި ޗެލްސީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ލަމްޕާޑުގެ ކެޕްޓަންކަމުގައެވެ. އޭނާ ވަނީ ޗެލްސީއާއެކު، ޕްރިމިއަ ލީގު 3ފަހަރު، އެފްއޭ ކަޕް 4 ފަހަރު، ލީގު ކަޕް 2 ފަހަރު، އަދި ޔޫރޮޕާ ލީގާއި ކޮމިއުނިޓީ ޝީލްޑް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ލަމްޕާޑު ފުރަތަމަ މެޗެއް ކުޅުނީ 1999 ވަނަ އަހަރު ބެލްޖިއަމް އާ ދެކޮޅަށެވެ. އެއަށް ފަހު، އޭނާ ވަނީ އިނގިރޭސި ލެޖެންޑް ސާރ ބޮބީ ޗާލްޓަން އާ އެއް އަދަދަކަށް (106 މެޗު) ގައުމީޓީ ޓީމަށް މެޗު ކުޅެފައެވެ. ގައުމީ ޓީމަށް 15 އަހަރު ކުޅުމަށް ފަހު އޭނާ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކުރީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.

ލަމްޕާޑު ބުނީ، އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް، ފުޓްބޯޅައާ ދުރަށް ނުދާނޭ ކަމަށެވެ. މީގެ އިިތުރުން ކައިރި މުސްތަގުބަލެއްގެ ތެރޭގައި ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ފެނުން ކައިރި ކަމުގެ އިޝާރާތެއް ވެސް އޭނާ ކޮށްފައި ވެއެވެ.

"ކޯޗަކަށް ވުމަށް ކިޔަވަން [އެފްއޭ] ފުޓްބޯޅަ އެސޯސިއޭޝަނުން ދިން ފުރުސަތަށް ޝުކުރުވެރިކަން. މިކަމުގެ ސަބަބުން ހުޅުވޭ އިތުރު ފުރުސަތުތަކުގެ ބޭނުން ހިފުމަށް އަހަރެން އުންމީދު ކުރަން،" ޗެލްސީ އަދި އިނގިރޭސި ފުޓްބޯޅަ ލެޖެންޑް އޭނާގެ ފުޓްބޯޅަ ކެރިއަރި ނިންމާލިކަން އިއުލާނުކުރަމުން ބުންޏެވެ.

comment ކޮމެންޓް