މެކް ޑޮނާލްޑްސް އިން ރަޝިއާގައި އިތުރު 50 ރެސްޓޯރެންޓް ހުޅުވަނީ

މިއަހަރު ތެރޭގައި މެކްޑޮނާލްޑްސް އިން ރަޝިއާގައި އިތުރު 50 ރެސްޓޯރެންޓް ހުޅުވަން ނިންމައިފި އެވެ.

އެ ކުންފުނިން ރަޝިއާގައި އިތުރު 50 ރެސްޓޯރެންޓު ހުޅުވަން ނިންމީ އެސަރަހައްދުގެ ގައުމުތަކުގައި އެކުންފުނީގެ ފްރާންޗައިސްތައް ގިނަކޮށް އެ ވިޔަފާރި ސަރަހައްދީ ގޮތުން ފުޅާ ކުރުމުގެ މަގްސަދުގަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެކުންފުނިން ވަނީ ރަޝިއާގައި 73 ރެސްޓޯރެންޓު ހުޅުވައިފަ އެވެ.

މެކް ޑޮނަލްޑްސް ރަޝިއާގެ ވެރިޔާ ޚަމްޒަތު ޚަސްބުލާޓޮވް ވިދާޅުވީ އިތުރު 50 ރެސްޓޯރެންޓު ހުޅުވަނީ ކޮންމެހެން ކުންފުނީގެ ހައިބަތު ދައްކާލުމުގެ ގޮތުން ނޫން ކަމަށެވެ. ބޭނުން ވަނީ އެކުންފުނީގެ ޕާޓްނަރުންނަށް ހުޅުވާލައިގެން ފުރުސަތު ދީ ކުންފުނި އެކި ސަރަހައްދުތަކަށް ފުޅާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގައި މެކްޑޮނާލްޑްސްގެ ތިން ފްރާންޗައިސީ މިހާރު ވެސް އެބަތިއްބެވެ. އޭގެ ތެރެއިން ދެ ފްރާންޗައިސީ ކުންފުންޏަކުން ދަނީ ސައިބީރިއާއާއި ޔުރަލްސްގައި ރެސްޓޯރެންޓުތައް ހުޅުވަމުންނެވެ. ޚަސްބުލާޓޮވް ވިދާޅުވީ އެކުންފުނިން ބޭނުން ވަނީ އާ ފްރާންޗައިސީތަކެއް ކަމަށާއި އެގޮތުން އާ ޕާޓްނަރުން ހޯދުމަށް ކުންފުނި ޝައުގުވެރިވާ ކަމަށެވެ.

comment ކޮމެންޓް