ރާއްޖެއިން ތެޔޮ ހޯދުން މަޑުކޮށްލައިގެން މިތިބީ ރަނގަޅު ވަގުތު ޖެހެންދެން: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ --- ސަން ފައިލް ފޮޓޯ

ރާއްޖެއިން ތެޔޮ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް މަޑުޖައްސާލާފައި ވަނީ ރަނގަޅު ވަގުތު ޖެހެންދެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ، ރާއްޖެއިން ބޭރަށް އޭނާ ކުރެއްވި ދަތުރުފުޅުގައި ބައްދަލުކުރެއްވި، ކަމާ ގުޅުންހުރި ބޭފުޅުން ލަފާދެއްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަމަޔަކަށް އެޅިގެން ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާ ވަރު ވަންދެން އެ މަސައްކަތް މަޑުޖައްސާލަން ކަމަށެވެ.

ޝައިނީ ވިދާޅުވީ، ރާއްޖެއިން ތެޔޮ ހޯދުމަށް ދިރާސާކުރި ބޭރުގެ ޔުނިވާސިޓީތަކަށް ގޮސް ދިވެހީންގެ ބަޔަކު ދޮގު މައުލޫމާތުދީ އެބޭފުޅުން ބިރު ގަންނަވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގަސްތުގައި މިފަހަރު ވެސް ބޭރުގައުމުތަކުގައި އަޅުގަނޑުމެންނާ އެއްކޮށް، އެކަން ކުރަން އުޅުނު ފަރާތްތަކުގެ ޔުނިވާސިޓީތަކުގެ ކޮޓަރިތަކަށް ބާޖިންކޮށް ނުވަތަ ވަދެ އެންވަޔަރަންމެންޓަލީ މިކަން ކުރާގޮތަކީ މިއީ ދެކޮޅު ނުޖެހޭ ކަމެއްގެ ވާހަކަ ދައްކައި އެމީހުން ބިރުގަންނަވަން މަސައްކަތްކޮށްފައިވޭ،" ޝައިނީ ވިދާޅުވިއެވެ.

އެފަދަ ކަންކަން އެހެންހުރުމާ އެކު ރާއްޖެއަށް ލިބޭ އެންމެ ފުރުސަތެއްގެ ތެރޭގައި ތެޔޮ ނުނެގިއްޖެނަމަ، ރާއްޖޭގައި ތެޔޮ ހުރި ކަމާ މެދު ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ސުވާލު އުފައްދަފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިނީ ކުރިން ވިދާޅުވެފައި ވަނީ ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖޭން ފެނިފައިވާ ކަމަށާއި މިއީ ރާއްޖޭގައި ތެޔޮ ނުވަތަ ގޭސް ހުރި ކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށެވެ. އެ މުރަކަތައް ފެނިފައި ވަނީ މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުންނެވެ.

ޖަރުމަނުގެ ހެމްބާގް ޔުނިވާސިޓީގެ ޕްރޮފެސަރަކު ދިރާސާކޮށްފައި ވަނީ އެ ޕްރޮފެސަރު އަދި އެ ދިރާސާ ޓީމްގް ޗީފް ސައިންޓިސްޓް ކްރިސްޓިއަން ޑަޒްލާ އިސްވެ ހުންނަވައިގެންނެވެ.

މީގެ އިތުރުން 'ކޮންޓިނެންޓަލް ކްރަސްޓެއް' ވެސް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އެއީ ވެސް ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ނިޝާނެއް ކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.

ރާއްޖޭން ފެނުނު މުރަކަތަކާ ބެހޭގޮތުން ޕްރޮފެސަރު ކްރިސްޓިއަން ވިދާޅުވީ އާންމުކޮށް އެފަދަ މުރަކަތައް ފެންނަނީ މާ ފުން ސަރަހައްދުތަކުން ނޫންކަމަށާއި އެހެންނަމަވެސް ރާއްޖޭން ފެނުނު މުރަކަތައް ފެނިފައި ވަނީ 500 މީޓަރުގެ އަޑިން ކަަމަށެވެ.

އަދި އެތައްމިލިއަން އަހަރެއް ކުރިން އުފެދިފައިވާ ލޭޔާއެއް ވެސް ރާއްޖޭން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް