ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާއި، އެހެނިހެން ކަންކަމަށް ޚާއްސަ "ސްޕެޝަލް ބަޖެޓުން" 20.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ސްޕެޝަލް ބަޖެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ބަޖެޓެކެވެ. މީގެ ތެރޭގައި ސަބްސިޑީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ އެހީތެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތަކުގެ އިތުރުން، ކުރީގެ ރައީސުންނަށް ކުރަންޖެހޭ ޚަރަދުތައް ފަދަ އާންމު ނިޒާމުތަކުގެ ދަށުން ހިނގާ އެންމެހައި ކަންކަން ހިމެނެއެވެ.
މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ޚަރަދުގެ ތަފްސީލް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު މައުލޫމާތުގައިވާ ގޮތުން، ސްޕެޝަލް ބަޖެޓުން 20.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ސްޕެޝަލް ބަޖެޓުގެ ގޮތުގައި މި އަހަރަށް ކަނޑައަޅައިފައިވާ 28 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިންނެވެ. އެހެންކަމުން ބާކީ އޮތީ ހަތް ބިލިއަނެއްހާ ރުފިޔާއެވެ.
މީގެ އިތުރުން ދައުލަތުގެ ޚަރަދަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެކެވެ. ރިކަރަންޓް ޚަރަދު 18.6 އިންސައްތަ އިތުރުވެ، 22.75 ބިލިއަން ރުފިޔާއިން 26.98 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 6.9 އިންސައްތަ އިތުރުވެ 3.63 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މި ދާއިރާއިން ކުރި ޖުމްލަ ޚަރަދު 4.92 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ 4.31 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14.2 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ދައުލަތުގެ މުވައްޒަފުންނަށް ކުރި ޚަރަދަށް 2025 ވަނަ އަހަރާއި އަޅާބަލާއިރު އައި 610.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.