ގޯތި ވިއްކި މައްސަލައިގައި ޝަމީމް: އޭސީސީން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ، ލަފާ ދެއްވާނީ އޭޖީ

މިނިސްޓަރު މުއްތަލިބާއި ކުރީގެ ޕީޖީ ޝަމީމް: ސަރުކާރުން ލަފާ ހޯދަންވީ އޭޖީގެ އަރިހުން ކަމަށާއި އޭސީސީއަކުން ނޫން ކަމަށް ޝަމީމް ވިދާޅުވި --

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަރަށް ކުޑަ އަގެއްގައި ބަންޑާރަ ގޯއްޗެއް ވިއްކާލި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނީ ލަފާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކުރުމުން، އޭސީސީން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން އަހުމަދު ޒާހިރު ކިޔާ މީހަކަށް، އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، 468،750 ރުފިޔާއަށް ބިމެއް ވިއްކުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ހަދައިފައިވާ މެމޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެފަދަ ކުޑަ އަގެއްގައި ބިން ވިއްކި މައްސަލައިގައި ކަންބޮޑުވުން އުފެދިފައިވަނިކޮށް ހައުސިން މިނިސްޓްރީން ބުދަ ދުވަހު ވަނީ، އެ ގޯތި ވިއްކަން ނިންމާފައިވަނީ 23 އަހަރުވީ މައްސަލައެއްގެ ހައްލުގެ ގޮތުގައި ކަމަށް ބުނެފައެވެ. އަދި އެ ނިންމުމުގައި އުސޫލާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް އޭސީސީއަށް ހުށަހަޅައިފައިވާ ކަމަށާއި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

https://sun.mv/227189

އެ ނިންމުމާ ގުޅޭ ގޮތުން ޝަމީމްގެ އަމިއްލަ ބްލޮގްގައި އޭނާ ލިޔުއްވާފައިވަނީ، ސަރުކާރުން ވިއްކީ ބަންޑާރަ ބިމެއް ކަމަށްވާއިރު، ބަންޑާރަ ބިމެއް، ސަރުކާރަކަށް ވެސް ނުވަތަ އެހެން މީހަކަށް ވެސް ވިއްކުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެފަދަ ބިމެއް ވިއްކޭނީ ބިން އަމިއްލަކުރުމަށް ފަހު ކަމަށާއި، އެހެންކަމުން މި ބިން "ވިއްކުމަށް" ސަރުކާރުން ނިންމީ ގާނޫނާ އެއްގޮތަށްކަމަށް ބުނެވޭކަށް ނެތް ކަމަށެވެ.

ޝަމީމް ވަނީ، މީގެ ކުރިން އަޙްމަދު ޒާހިރަށް "ވިއްކަން" ނިންމާފައި އޮތީ މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު ބޯޑުގެ ބިމެއް ކަމަށާއި އޭނާ ހަނދާންވާގޮތުން، އޭރު އެ ބިންތަކަކީ ބަންޑާރަ ބިންތަކެއް ނޫން ކަމަށެވެ. އެހެންވެ، އޭރު އެ ބިންތައް ވިއްކުމަށް ހުރަހެއް ނެތީކަމަށް ވެދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި: ދެވަނަ ފިޔަވަހިން ވިއްކި ގޯތީގެ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ/ އެޗްޑީސީ

ހަމައެއާއެކު ޝަމީމް، އަޙްމަދު ޒާހިރަށް ބިން ހޯދުމުގައި ކާމިޔާބު ލިބުނީ ކޮން ގޮތަކަށް އެދިގެންކަމެއް، ކޮން އުޞޫލެއްގެ ދަށުން އޭނާގެ ދިރިއުޅުމުގެ ޙާލަތަށް ބަލައިގެންކަމެއް ވެސް، މިނިސްޓްރީން ކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނަކުން ސާފު ނުވާ ކަމަށެވެ. އަދި އޭނާއާ މެދު ޢަމަލުކުރީ އެހެން މީހުންނާ މެދު ވެސް ޢަމަލުކޮށްފައި އޮތް ގޮތަށް ކަމަށް ދޭހަކޮށްދޭން ނޫސްބަޔާނުން މަސައްކަތްކުރިއިރު، އެކަމުގައި ސަރުކާރުން ޢަމަލުކުރި ލިޔެފައި އޮތް މިންގަނޑެއް ކިޔައި ނުދެވޭކަން އޭނާ ޝަމީމް ފާހަގަކުރެއްވިއެވެ.

"ނުވަތަ ލިޔެފައި އޮތް މިންގަނޑެއް އޮތްނަމަ، އެ މިންގަނޑު އޮތީ ކޮންތަނަކުކަމެއް ކިޔައިނުދެވޭތީ، މި ނިންމުމުގެ ދެފުށެއް ނުފެނެއެވެ. ދެފުށް ނުފެންނަނަމަ، މި ނިންމުން އިންޞާފުވެރިކަމާމެދު ގޮތް ނިންމަން އުނދަގޫވާނެއެވެ." ބްލޮގްގައި ލިޔުއްވާފައިވެއެވެ.

އޭނާ ވަނީ މިނިސްޓްރީން ނެރުނު ބަޔާނުން ޖަވާބު ނުލިބޭ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިސެމްބަރު 22، 2003 ގައި، ސަރުކާރުގެ ރަސްމީ ލިޔުމަކުން އަޙްމަދު ޒާހިރަށް ގޯއްޗެއް ވިއްކަން ނިންމައި، 23 އަހަރުވީއިރު ވެސް އެ ނިންމުން ސަރުކާރަށް ތަންފީޒުނުކުރެވުނު ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ޝަމީމް އިތުރަށް ކުރައްވާފައިވާ ސުވާލުތަކުގެ ތެރޭގައި:

  • އެ ނިންމުމަކީ އޭގެ ޒާތުގައި ރަނގަޅު ނިންމުމެއްނަމަ، 23 އަހަރުވަންދެން އެ ނިންމުން ތަންފީޒުނުވެ އޮތީ ކީއްވެ؟
  • މިދިޔަ 23 އަހަރު ތެރޭގައި ތަންފީޒުނުކުރެވި އޮތް ކިތައް ނިންމުން އެބައޮތް؟
  • އެއީ ހިންގުމުގެ ދާއިރާގެ ކާކުގެ ސަބަބުން ދިމާވި ކަމެއް؟
  • އެ މީހަކާ ނުވަތަ ބަޔަކާމެދު އެޅި ފިޔަވަޅަކީ ކޮބާ؟
  • ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ލިޔުމެއް އޮވެމެ، ކޯޓުތަކުގެ ދޮރުގައި އަޙްމަދު ޒާހިރު ޓަކި ނުޖެހީ ކީއްވެ؟

ޝަމީމް ވަނީ، ދައުލަތުގެ އިދާރާއަކުން ޢާންމު މީހަކަށް ދޭ ލިޔުމަކީ އޭގައި ޤާނޫނީ އަދި ތަންފީޒީ ބާރު ހުންނާނެ ލިޔުމެއްކަން ފާހަގަކުރައްވައިފައެވެ. އަދި އަޙްމަދު ޒާހިރަށް ވިއްކުމަށް ސަރުކާރުން 2003 ގައި ނިންމި ގޯތި، އޭނާއަށް ލިބެންޖެހޭ ކަމަށާއި އެ ނިންމުން ތަންފީޒުކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުންވެސް މިކަން ކުރަން އުޅެނީ އެ ނިންމުން ތަންފީޒުކުރުމުގެ ހެޔޮ ނިޔަތުގައިކަމަށް ޤަބޫލުކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މައްސަލައަކީ އޭނާއަށް ގޯއްޗެއް ވިއްކުމަށް ނިންމުމެއް ނޫނެވެ. އެކަމުގެ ވަށައިގެން ހުރި އިދާރީ އަދި ޤާނޫނީ މައްސަލަތައް ޙައްލުނުވާނޭހެން އެކަން ކުރަން ނިންމުމުން އޭނާގެ ޙައްޤުތަކަށް އިތުރަށް ގެއްލުންވުމުގެ ފުރުޞަތު އޮތުމެވެ." އޭނާ ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، އެ ގޯތީގެ މައްސަލައަށްވުރެ ބޮޑަށް މިނިސްޓްރީގެ ނޫސްބަޔާނުން ކަންބޮޑުވީ އެންޓި ކޮރަޕްޝަންގެ ރޯލާމެދު ސަރުކާރަށް އަރާފައި އޮތް އޮޅުމާ މެދު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަކީ ސަރުކާރުގެ ވަކި އިދާރާތަކަށް ލަފާދީ ހެދުމުގެ ޤާނޫނީ އިޚްޠިޞާޞް އޮތް ތަނެއް ނޫނެވެ. އޭސީސީގެ ގާނޫނުގައި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ދިނުމުގެ ބާރު ކޮމިޝަނަށް ލިބިދިފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، އެ މާއްދާގައި އޭސީސީއަށް އޮތީ މިނިސްޓްރީއަށާއި ސަރުކާރަށް ވަކިވަކި މައްސަލަތަކުގައި ލަފާ ދިނުން ކަމަށް ބަލައިފިނަމަ، ދެން ނުކުންނަ މައްސަލަ މާ ނުރައްކާތެރި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އޭސީސީއަކީ ސަރުކާރުގެ އިދާރާކަށްވުމުން، ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް ވަންނަންނުޖެހޭ މިންވަރަށް ވަދެ، ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ސިފަ، އޭސީސީއަށް ދާއިމީ ގޮތެއްގައި ގެއްލުމުގެ ނުރައްކާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭސީސީއިން މިނިސްޓްރީއަށް ލަފައެއް ދީގެން، އެ ލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުކޮށްފިނަމަ، އޭސީސީއަކަށް އެ މައްސަލައެއް ދެނެއް ނުބެލޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

https://sun.mv/227240

"ސަރުކާރަށް ޤާނޫނީ ލަފާދޭނީ ބަންޑާރަ ނައިބެވެ. އޭސީސީއަކުން ނޫނެވެ. އޭސީސީއަކީ ސަރުކާރަށް ނުވަތަ އެނޫންވެސް ތަނަކަށް ޤާނޫނީ ލަފާ ދިނުމުގެ ޤާނޫނީ ހައިސިއްޔަތެއްވެސް، ޤާބިލުކަމެއްވެސް އޮތް ތަނެއް ނޫނެވެ." އޭނާ ލިޔުއްވާފައިވެއެވެ.

ޝަމީމް އެފަދައިން ވިދާޅުވިއިރު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ، އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދުވަސްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑައެޅުން ހުއްޓާލުމަށް ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ ފަހުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަނުގެ ބޮޑެތި އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާއިރު، އެ މައްސަލަތައް ނުބަލާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އެ ކޮމިޝަނަށް އަމާޒުވެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

comment ކޮމެންޓް