އާންމު ރައްޔިތުން އިންތިހާއަށް ނިކަމެތިވެ ހިތްދަތި ދިރިއުޅުމެއް އުޅެމުންދާއިރު، ސަރުކާރުގެ ތެރޭގައި ހިންގާ ބޮޑެތި ޚިޔާނާތްތަކާއި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ދަޢުލަތުގެ މުސްތަޤިއްލު މުއައްސަސާތައް އޮތީ ސަރުކާރަށް ބިރުން "ފިތި ބާރުވެފައި" ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން އެންމެ ބޮޑަށް ރުޅި އަންނަ، ނަފުރަތުކުރާ ކަމަކީ ރައްޔިތުން ނިކަމެތި ހާލުގައި ތިއްބާ، ސަރުކާރަށް ސަނާކިޔާ ވަކި ޚާއްސަ ބަޔަކު އިންތިހާއަށް މުއްސަނދިވަމުން ދިއުން ކަމަށެވެ.
10 ސެޕްޓެމްބަރު 2026: ޕީއެންއެފުން ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ރައީސް ޔާމީން -- ސަން ފޮޓޯ/ މުޙައްމަދު ޝާންއެގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހުޅުމާލެއިން އަގުބޮޑު ބިންތަކާއި ފަޅުތައް ބަހައި، ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާކަމަށް ތުހުމަތުކުރައްވައި، އެއިން އެއްވެސް މައްސަލައެއް ނުބެލޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަންތަން އުފައްދާފައިވަނީ ސަރުކާރުގެ ބާރުތަކުން އެއްކިބާވެ، މިނިވަންކަމާއެކު މިފަދަ ޚިޔާނާތްތައް ތަޙުގީގުކުރުމަށެވެ.
ނަމަވެސް، މިއަދު އޭސީސީގެ ވެރިންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ހަދައި، އެ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
10 ސެޕްޓެމްބަރު 2026: ޕީއެންއެފުން ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މުޙައްމަދު ޝާންމީގެއިތުރުން، 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ތުހުމަތު ކުރައްވަމުން ޔާމީން ވިދާޅުވީ، ދަޢުލަތުގެ މުއައްސަސާތައް މުޅިން ހުއްޓި، ސަރުކާރުގެ ނާޖާއިޒު އަމަލުތަކުގައި "ބުރަކި" ޖެއްސޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.
އަދި ގައުމުގައި ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް ޖެހި، މުއައްސަސާތައް ފިނޑިވެފައިވާ މި ދަނޑިވަޅުގައި، ގައުމުގެ ހައްގުގައި ސިޔާސީ ފަރާތްތަކުން ނިކުމެ މިކަންކަން ހުއްޓުވަން ޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.