ހުޅަނގު ރުއްސަން އެދޭހާ މިނިވަންކަމެއް ދެވޭކަށްނެތް: ރައީސް

ރައީސް ޔާމީން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުހައްމަދު އިހްތިޝާމް

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވުމާއެކު ޔޫރަޕާއި ދުނިޔެ ރުއްސަން، ބޭނުންހާ މިނިވަންކަން ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މ. ނާލާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދީނީ މިނިވަންކަން ދިނުމަށް އެދި ބަޔަކު ރާއްޖެއާ ޖަދަލުކުރަމުންދާ ކަމަށާއި، ނަމަވެސް ދުނިޔެ ރުއްސަންވެސް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ހުޅަނގު ރުއްސާށޭ ނުވަތަ ދުނިޔެ ރުއްސާށޭ ކިޔާފަ ދުނިޔޭގެ އެހެންތަންތަނުގައި އެހެން ޑިމޮކުރަސީގައި އެހުންނަ މިންވަރަކަށް އިންސާނުންގެ މިނިވަންކަމެއް ދިވެހިރާއްޖެ އަކު ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ދީނުގެ ވަކި ހުދޫދެއްގެ ތެރޭގައި ހުރި ކަންކަމަށްވާތީ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އިސްކަންދެނީ ދުނިޔޭގެ ސަމާލުކަން ހޯދަން ވާހަކަތައް ދެއްކުމުގެ ބަދަލުގައި ރައްޔިތުން އެދޭ ކަންކަން ވީވަރަކުން ކުރެވޭތޯ ބަލަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކަންކަން ނުކޮށް އެކަމުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން، އަދި އަޅުގަނޑުމެންނެއް ދުނިޔެއާއި ރައްޔިތުންގެ ސަމާލުކަން ހޯދާކަށް އެކަހަލަ ވާހަކަތަކެއް ނުދައްކަން. އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ މިންވަރުން ރައްޔިތުންނަށް އެކި ރަށްރަށުގައި ދިރިއުޅޭއިރު ދަތިވެފައިވާކަންކަން ކޮށްދެވޭތޯ،" ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ދަތުރުފަތުރު ދިނުމަށް ބިމާއި ފަޅާއެކު 300އެއްހާ ތަންތަން ދީފައިވީނަމަވެސް، އެހިދުމަތް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށެވެ.

މިސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނައިރު ސަރުކާރާއި އެއްފިކުރެއްގެ، އެއް ހިޔާލެއްގައި މަސައްކަތްކުރާނެ ކައުންސިލްތަކެއް އޮތުމުން ކަންކަން ކުރަން ފަސޭހަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް