މެމްބަރު ސައުދުﷲ ސަރުކާރަށް ތާއީދު ކުރައްވަން ނިންމަވައިފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ---- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސަރުކާރަށް ތާއީދު ކުރައްވަން އަނެއްކާ ވެސް ނިންމަވައިފި އެވެ.

ސައުދުﷲ މިއަދު ސަން އަށް ވިދާޅުވީ އެއްވެސް އިރެއްގައި އޭނާ އަކީ ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެފައިވާ މީހެއް ނޫން ކަމަށެވެ.

މިހާރު އޭނާ ހުރިގޮތް ސާފުކުރަން ރައްޔިތުން ބޭނުންވާ ކަމަށާއި ރައްޔިތުންނަށް ދޭން އޮތް ޖަވާބަކީ އޭނާ ހުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކުގައި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"ދާއިރާގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނާ އެކު އަޅުގަނޑު ހުރުމަށް،" ސައުދުﷲ ވިދާޅުވި އެވެ.

ތިނަދޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި އެއިން އެއްވެސް މަޝްރޫއެއް ހުއްޓުމެއް ނެތި ކުރިއަށްދާތީ ރައީސް ޔާމީނަށް ސައުދުﷲ ވަނީ ޝުކުރު ދަންނަވައިފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަށް ފަހު މީގެ ކުރިން ސައުދުﷲ ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެންފަ އެވެ. އެއާ އެކު ސަރުކާރުން ވަނީ ސައުދުﷲގެ ސުވިފްޓް އިނިޖިނިއަރިންއާ ހަވާލުކޮށްފައިވާ ސަރުކާރުގެ ބައެއް ޕްރޮޖެކްޓުތައް އެކުންފުނިން ވަކިކޮށްފަ އެވެ.

comment ކޮމެންޓް