ސްރީލަންކަން ޕްރައިވަޓައިޒް ކުރުމުގެ ބައިވެރިއަކަށް އެމެރިކާ ކުންފުންޏެއް

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ސްރީލަންކަންގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ްކުރުމަށް ޓަކައި، އެމެރިކާގެ އެއާލައިން އިންވެސްޓްމެންޓް ކުންފުންޏަކާ އެކު މަޝްވަރާކުރަން ލަންކާ ސަރުކާރުން ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ދަރަނީގެ މައްސަލަ ހައްލުކޮށް، އެ ކުންފުނީގެ ހިއްސާ އަމިއްލަ ކުންފުންޏަކަށް ވިއްކާލަން ލަންކާ ސަރުކާރުން ނިންމި އިރު، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދީފަ އެވެ.

ނުވަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި އިރު، ތިން ކުންފުންޏެއް ވަނީ ޝޯޓްލިސްޓު ކޮށްފަ އެވެ. ސްރީލަންކާގެ ސްޓޭޓް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް މިނިސްޓަރު ކަބީރު ހާޝިމް ވިދާޅުވި ގޮތުގައި، ޝޯޓުލިސްޓް ކުރި ތިން ކުންފުންޏަކީ އެމެރިކާގެ ޓެކްސަސް ޕެސިފިކް ގްރޫޕު، ސްރީލަންކާގެެ ޕީސް އެއާ، އަދި ދިވެހި ރާއްޖެއާ ގުޅުމެއް އޮންނަ "ސުޕާ ގްރޫޕު ޕާޓްނާސް"އެވެ.

މީގެ ކުރިން ލަންކާގެ މީޑިއާގައި ޚަބަރު ފެތުރިގެން ދިޔަ ގޮތުގައި، ސުޕާ ގްރޫޕަކީ ސިންގަޕޫރުގެ ކުންފުންޏަކާއި، ރާއްޖޭގެ ސީޕްލޭން އޮޕަރޭޓާ ޓްރާންސް މޯލްޑިވިއަން އެއާލައިންސްއާ ގުޅުން ހުރި ކުންފުންޏެކެވެ. އެހެން ނަމަވެސް މިއީ މައުލޫމާތުގެ ކުށެއް ކަމަށް ލަންކާގެ މީޑިއާތަކުން ބުންޏެވެ.

އެހެން ނަމަވެސް މި ކުންފުންޏަކީ ރާއްޖެއާ ގުޅުން ހުރި ކުންފުންޏެއް ކަމަށް ލަންކާގެ މިނިސްޓަރު ކަބީރު ހާޝިމް އިއްޔެ ވިދާޅުވި އެވެ.

ލަންކާގެ ޕަބްލިކް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ޑެޕިއުޓީ މިނިސްޓަރު އެރަން ވިކްރަމަރަތުނަ ވިދާޅުވި ގޮތުގައި، ޝޯޓުލިސްޓުކުރި ތިން ކުންފުނީގެ ތެރެއިން، އެމެރިކާ އަށް ނިސްބަތްވާ ކުންފުންޏާ އެކު އިތުރަށް މަޝްވަރާ ކުރުމަށް ސަރުކާޜުން ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ ޓެކްސަސް ޕެސިފިކް ގްރޫޕާ ބެހޭ ގޮތުން، ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އެއީ އެއާލައިން އޮޕަރޭޓުކުރާ ކުންފުންޏަކަށް ނުވިޔަސް، އެތައް އަހަރެއް ވަންދެން އެ ކުންފުނިން ވަނީ އެއާލައިންތަކުގައި އިންވެސްޓުކޮށްފަ އެވެ.

ސްރީލަންކަން އެއާލައިންސްގެ ހިއްސާ ވިއްކާލާނީ ކޮން ކުންފުންޏަކަށްތޯ ބެލުމާއި ބިޑުތައް އިވެލުއޭޓުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ލަންކާގެ ކެބިނެޓުގެ ތިން މެމްބަރަކު ހިމެނޭ ކޮމިޓީއަކާ އެވެ. މިހާރު ޝޯޓުލިސްޓުވެފައިވާ ތިން ކުންފުނިން ކުރެ އެއްވެސް ކުންފުންޏަކުން، ލަންކާ ސަރުކާރަށް ކަމުދާ ބިޑެއް ހުށަނޭޅިއްޖެ ނަމަ، ތިން މިނިސްޓަރުންގެ ކޮމިޓީއެއް އަލުން ނަގައި، އާ ބިޑުތަކެއް ހުށަހެޅުމަށް ހުޅުވާލަން ލަންކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސްރީލަންކަން އެއާލައިންސްގެ ހިއްސާ 1998 ވަނަ އަހަރު އެމިރޭޓްސް އިން ގަތް ނަމަވެސް، 2010 ވަނަ އަހަރު ލަންކާ ސަރުކާރުން ވަނީ އެމިރޭޓްސްގެ އަތުގައި އޮތް ސްރީލަންކަންގެ ހިއްސާ އަލުން ހޯދައިފަ އެވެ.

ދަރަނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ސްރީލަންކަން އެއާލައިންސްއަށް އެންމެ ފަހުން ވިޔަފާރީގެ ފައިދާއެއް ވީ 2009 ވަނަ އަހަރު އެވެ.

comment ކޮމެންޓް