ސްރީލަންކަން މެޖޯރިޓީ ހިއްސާއާ އެކު، މައްތަލަ އެއާޕޯޓުވެސް ހިންގައިދޭން ހުށަހަޅަނީ

ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝާނަލް އެއާޕޯޓުގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް --

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ހިއްސާ ގަތުމަށް ހުށަހެޅި، ސްރީލަންކާގެ އޭވިއޭޝަން ކުންފުނި "ޕީސް އެއާ"އިން، ސްރީލަންކަން އެއާލައިންގެ މެޖޯރިޓީ ހިއްސާ ލިބިއްޖެ ނަމަ، އެގައުމުގެ ދެކުނުގައި އޮންނަ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓުވެސް ހިންގައިދޭނެ ކަމަށް ބުނެ، އެކުންފުނީގެ ހުށަހެޅުން އިސްލާހުކުރަން އުޅޭކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަށް ނިންމި އިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެކި ކުންފުނިތަކުން ވަނީ ސްރީލަންކަންގެ ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާއި، ސިންގަޕޫރުގެ ސެޓްސް ކުންފުނި ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށް ބުނަ "ސުޕަރ ގްރޫޕު" ކުންފުނިވެސް ހިމެނޭ ކަމަށް ލަންކާގެ ސަންޑޭޓައިމްސް ނޫހުން މީގެ ކުރިން ރިޕޯޓު ކުރިއެވެ. ނަމަވެސް ފަހުން އެ ނޫހުން ބުނީ ސުޕަރ ގްރޫޕުގައި ޓީއެމްއޭގެ ހިއްސާއެއް ނޯންނަ ކަމަށާއި، އެއީ މައުލޫމާތުގެ ކުށެކެވެ.

ސުޕަރ ގްރޫޕުގެ އިތުރުން ސްރީލަންކަންގެ ހިއްސާ ގަތުމަށް ހުށަހެޅީ ލަންކާގެ އޭވިއޭޝާން ކުންފުނި ޕީސް އެއާއެވެ. ޕީސް އެއާއަކީ ލަންކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާމިނި ވެއްތަސިންހަގެ ކުންފުންޏެކެވެ.

ޕީސް އެއާއިން ހުށަހެޅީ ސްރީލަންކަންގެ 70 ޕަސަންޓު ހިއްސާ ގަތުމަށެވެ. އަދި 10 އަހަރު ތެރޭގައި، ސްރީލަންކާއަށް ފަސް ބިލިޔަން ޑޮލަރު އިންވެސްޓު ކުރާށެވެ. އެ ހުށަހެޅުމަށް، ޕީސް އެއާއަށް ލިބުނީ 65 މާކުހެވެ. ސުޕަރ ގްރޫޕުގެ ހުށަހެޅުމަށް 68 މާކްސް ލިބުނެވެ.

ނަމަވެސް މި ހަފްތާގައި ޕީސް އެއާއިން ވަނީ، އެ ކުންފުނީގެ ހުށަހެޅުން އިސްލާހުކުރުމަށް އެދޭކަން ހާމަކޮށްފައެވެ.

އެގޮތުން، ސްރީލަންކާގެ ދެކުނުގެ ހަމްބަންތޮޓަ ޑިސްޓްރިކްޓުގައި ހުންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުން އޭ380 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓު ކުރުމަށް ސްޓްރެޓަޖީތަކެއް ހޯދަމުންދާ ކަމަށް އެކުންފުނިން މި ހަފްތާގައި ބުނެފައިވެއެވެ.

މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓުކުރަނީ އެންމެ އިންޓަނޭޝަނަލް އެއާލައިނެކެވެ. އެއީ ފްލައި ދުބާއީއެވެ. އޭގެ އިތުރުން، ސްރީލަންކާގެ ޑޮމެސްޓިކް އެއާލައިން ސިނަމަން އެއާއިން، ސްރީލަންކަން އެއާލައިންސްގެ ކޯޑްޝެއާގެ ދަށުން މައްތަލަ އެއާޕޯޓާ ކޮލޮމްބޯއާ ދެމެދު ޑޮމެސްޓިކް ފްލައިޓްސް، އަދި މައްތަލަ އެއާޕޯޓާ ކެންޑީއާ ދެމެދު ސީޕްލޭން ޚިދުމަތް ފޯރުކޮށްދެއެވެ.

ޕީސް އެއާއިން ބުނާ ގޮތުން، އެކުންފުނިން ވަނީ ޖަރުމަނުގެ ލުފްތަންސާ އެއާލައިން ގްރޫޕުގެ ސަބްސިޑަރީ، ލުފްތަންސާ ކޮންސަލްޓިންގްއާ ޕާޓްނަރޝިޕެއްވެސް ހަދާފައެވެ.

comment ކޮމެންޓް