ޗައިނާގެ އަލީބާބާއިން ލަންކާގައި އިންވެސްޓްކުރަނީ

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކައާ އެކު، އަލީބާބާގެ ވެރިޔާ ޖެކް މާ --

ދުނިޔޭގެ މަޝްހޫރު އީކޮމާސް ކުންފުނި، ޗައިނާގެ އަލީބާބާއިން ސްރީލަންކާގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސްވިޓްޒަލެންޑްގެ ޑާވޮސްގައި މިހާރު ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް 2017ގެ ހަވާސާގައި، އަލީބާބާގެ ވެރިޔާ ޖެކް މާ ވަނީ، ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކައާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ސްރީލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގައި އަލީބާބާއިން އިންވެސްޓްކުރުމަށް ވަގުތުން ވަގުތަށް މަސައްކަތްތައް ފެށުމަށް ޝައުގުވެރިވާކަން، އަލީބާބާގެ ވެރިޔާ ޖެކް މާ ވިދާޅުވި ކަމަށެވެ.

އަދި އޭނާ އެކުލަވާލާފައިވާ އިންވެސްޓްމެންޓް ޕްލޭނުގެ ސަބަބުން ސްރީލަންކާގެ އެތައް ސަތޭކަ ޒުވާނަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ޖެކް މާ ވިދާޅުވިކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.

ނަވާރަސަތޭކަ ނުވަދިހަ އެއްވަނަ އަހަރު އުފެއްދި އަލީބާބާ ކުންފުންޏަށް އަހަރަކު 10.33 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، އެކުންފުނީގެ މިލްކިއްޔާތުގައި 59.97 މިލިޔަނެއްހާ ޑޮލަރުގެ މުދަލާއި ފައިސާ ހުރެއެވެ.

އަލީބާބާގެ ވެރިޔާ ޖެކް މާއަކީ މުޅި ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި، 33 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އަދި އޭނާއަކީ ޗައިނާގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނިން ލަންކާގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ބަނދަރުގެ ހިންގުން 99 އަހަރަށް، ޗައިނާ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ލަންކާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އަދި ހަމްބަންތޮޓަ ބަނދަރު ކައިރިން ބޮޑު ސަރަހައްދެއް، ޗައިނާގެ އިންޑަސްޓްރިއަލް ޒޯނަކަށް ހެދުމަށް ނިންމާފައިވާ އިރު، އެތަނުގައި ޗައިނާގެ ކުންފުނިތަކުން އައިސް ސިނާއީ މަސައްކަތް ކުރުމަށް ލަންކާ ސަރުކާރުން ވަނީ ދައުވަތުވެސް ދީފައެވެ.

comment ކޮމެންޓް