އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސެންޓޭއަށް

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސެންޓޭ(ކ)އަށް ބައްސާމް(ވ) އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ސެންޓޭއަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސެންޓޭއަކީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެ، އެކްލަބަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޓީސީއާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދައިފައެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ސެންޓޭ ފެނިގެންދާނީ ކުރިން ވެސް އޭނާ ކުޅުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ސެންޓޭ(ކ)އާއި، އަސައްކޮ(މ) އަދި އިމްރާން ނަޝީދު(ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ސެންޓޭއާ ވާދަކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އާއި ކްލަބު އީގްލްސްގެ ކެޕްޓަން އިމްރާން ނަޝީދުއެވެ.

އަސައްކޮ ވަނީ މިދިޔަ ސީޒަނުގައި މާޒިޔާއާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި އިމްރާން ނަޝީދު ވަނީ އީގަލްސްއާއެކު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް، އެކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް