މެޗަކުން ބަލިނުވެ ރެއާލުން 40 މެޗު ހަމަކޮށްފި، ބާސާގެ ރެކޯޑަށް ނިމުމެއް

ކޮޕާ ޑެލްރޭގައި ރޭ ސެވިއްޔާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ ރޮއިޓާސް

ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު މެޗަކުން ބަލިނުވެ، އެންމެ ގިނަ މެޗު ހަމަކުރި ސްޕެއިން ކްލަބުގެ ރެކޯޑް ވާދަވެރި ރެއާލް މެޑްރިޑުން މުގުރާލައިފި އެވެ.

ކޮޕާ ޑެލްރޭގެ ގަދަ 16ގައި ރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ފަހު ވަގުތު ރެއާލުން ވަނީ ސެވިއްޔާ ހިފަހައްޓައި، ބާސާގެ ރެކޯޑް މުގުރާލައިފަ އެވެ.

އެ ނަތީޖާއާއެކު މިހާރު މެޗަކުން ރެއާލް ބަލިނުވާތާ 40 މެޗު ހަމަވެއްޖެ އެވެ. ބާސާ އަތުގައި ކުރިން އެ ރެކޯޑު އޮތީ މެޗަކުން ބަލިނުވެ، 39 މެޗު ހަމަކޮށްގެންނެވެ.

ކޮޕާ ޑެލްރޭގައި ރޭ ސެވިއްޔާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ ރޮއިޓާސް

ރަށުން ބޭރުގައި ރޭ ކުޅުނު ދެ ވަނަ ލެގު މެޗުން ސެވިއްޔާ އަތުން 3-3 އެއްވަރުވި ނަމަވެސް، އެގްރިގޭޓުން ރެއާލް އަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެގްރިގޭޓުން ރެއާލުން ކުރި ހޯދީ 6-3 ލަނޑުންނެވެ.

ރޭ ކުޅުނު ދެވަނަ ލެގު މެޗަށް ރެއާލުން ނުކުތް އިރު، އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ދާދި ފަހުން ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ފެނިފައެއް ނުވެ އެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ ސެވިއްޔާ އިންނެވެ. މެޗު ފެށުނުތާ ދިހަ މިނެޓް ތެރޭ ރެއާލް ކޮޅަށް ވަން އެ ލަނޑަކީ އެ ޓީމުގެ ޑެނީލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

ކޮޕާ ޑެލްރޭގައި ރޭ ސެވިއްޔާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ ރޮއިޓާސް

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ރެއާލަށް މާކޯ އަސެންސިއޯ ނަތީޖާ ހަމަހަމަ ކޮށްދިން އިރު، މެޗުގެ 53 ވަނަ މިނެޓުގައި ސްޓެވާން ޖޮވެޓިޗް ވަނީ ސެވިއްޔާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ސެވިއްޔާ އަށް އިބޯރާ ލީޑު ފުޅާކޮށްދިން ނަމަވެސް، ރެއާލުން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީއެއް ރީތި ގޮތަކަށް ފޮނުވާލައިގެން އެ ޓީމުގެ ދެވަނަ ލަނޑު ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން އިރު، މެޗުގެ އެންމެ ފަހުވަގުތު އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ.

comment ކޮމެންޓް