Sun Online
2012 ވަނަ ަހަރުގެ ފެބުރުއަރީ މަހުގެ 08 ވަނަ ދުވަހު ހެނދުނު މާލޭގެ ޖުމުހޫރީ މައިދާން ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ --- ސަން ފޮޓޯ ސިނާން
2012 ވަނަ ަހަރުގެ ފެބުރުއަރީ މަހުގެ 08 ވަނަ ދުވަހު ހެނދުނު މާލޭގެ ޖުމުހޫރީ މައިދާން ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ --- ސަން ފޮޓޯ ސިނާން
ކޮލަމް

ދިވެހި ތާރީޚުން 9 މަހާއި 10 ދުވަހުގެ އިއްތިފާޤު

މުޙައްމަދު ސަލީމް (ހޯރަފުށި)
ގަލަންދެލިމުޙައްމަދު ސަލީމް (ހޯރަފުށި)

ރަސްކަމުގެ ދަހިވެތިކަމުގައި ޒަހަރު ދީގެން ބޮޑުބޭބެ، ކޮއްކޮއެއް މަރާލި، ހިތާމަވެރި ޙާދިސާއަކީ، ދިވެހި ތާރީޚުގެ ކަޅު ސަފުޙާ އެކެވެ. މިއީ ޢިބުރަތުން ފުރިގެންވި ޙާދިސާ އެއް ވެސްމެ އެވެ. މިދެންނެވި ޙާދިސާ އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެނީ "ދިވެހިތާރީޚު" ގެ (ޞ.83،82) ގައި ބަޔާން ކޮށްފައިވާ ވާހަކަ ތަކުންނެވެ. މިހައިތަނުން މިދެންނެވި ޙާދިސާ ހިގާން މެދުވެރިވަނީ، ކޮންފަދަ އަމިއްލަ އެދުމެއްގައިކަން، ބަލައިލަމާތޯ އެވެ؟ "ދިވެހި ތާރީޚު" ގެ އިތުރުންވެސް، އިސްދޫ ދަރިކޮޅުގެ ރަސްކަމާބެހޭ ގޮތުން ލިޔެވިފައިވާ އެކިއެކި ލިއުން ތަކުންނެވެ.

އެއީ 1701 މ. ގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހެވެ. ޙިޖުރީ ކަލަންޑަރުން 1112 ވަނަ އަހަރުގެ ޝައްވާލު މަހެއްގެ 15 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ރަސްކަމަށް އިސްކުރެވެނީ އައްސުލްޠާނު ޢަލީ (ހަތްވަނަ) ޝާހް ބަންދަރު އެވެ. ކޮލީ ނަންފުޅަކީ ސިރީ ކުލަ ރަންމުތް މަހާރަދުންނެވެ.

އަޅުގަނޑު މި އިޝާރަތްކުރި "ކުލަރަންމުތް މަހާރަދުން" ނަކީ، އެންމެ 3 ރަސްކަލަކު އެ ދަރިކޮޅުން ރަސްކަންކުރި " އިސްދޫ ރަސްދަރިކޮޅު" ގެ ފުރަތަމަ ރަސްގެފާނެވެ. މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުގެ ކުރީން، މަޝްހޫރު ވެފައި އޮތީ " އަލްވަޒީރު ޢަލީ ޝާހް ބަންދަރު" ގެ ނަންފުޅުންނެވެ.

ޢަލީ ޝާޙް ބަންދަރު، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީން ތަޚުތުގައި އިންނެވީ އައްސުލްޠާނު މުޙަންމަދު ދެއްވަދޫ ރަސްގެފާނެވެ. އެ ރަދުންގެ އަނބިކަނބަލުންނީ ސަންފާ ކަނބާ އެވެ. ޢަލީ ޝާހް ބަންދަރަކީ، އެކަމަނާގެ ބޮޑުބޭބޭފުޅެވެ. އެހެންކަމުން ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި، މިދެންނެވި ޢަލީ އަކީ، ވަރަށް ނުފޫޒުގަދަ ބޭކަލަކަށް ވިއެވެ.

ޢަލީ ޝާހް ބަންދަރަށް އެނގިފައިވާ ގޮތުގައި ދެއްވަދޫ ރަސްގެފާނަށްފަހު، ތަޚުތަށް އިސްކުރެވޭނީ ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅުގެ ދަރިކަލުންނެވެ. އެއީ ރަސްގެފާނުގެ ވިސްނުންފުޅުގައި އޮތް ގޮތެވެ. މިކަން ޢަލީއަށް އެނގިފައި އޮތްވައި، ދެއްވަދޫ ރަސްގެފާނު އަވަހާރަ ވުމުގެ އާލާސްކަންފުޅު ބޮޑުވާން ފަށައިފިއެވެ.

މިދެންނެވި ޚުތޫރަތްތެރި ދަނޑިވަޅުގައި، ރަސްގެފާނުގެ ޢާއިލާ އާއި މެދު ހިތްޕުޅު ހަމަނުޖެހޭފަދަ ދޮގު ވާހަކަ ތަކެއް، ކޮންމެވެސް ގޮތަކުން ރަސްގެފާނުގެ ކަންފަތްޕުޅަށް އަރުވައިފި އެވެ. ފިތުނައިގެ މި ހުޅުކޮޅު ބޮޑުވެ، އެކަމުގެ ނުތަނަވަސްކަން ރަދުންގެ ޢާއިލާގެ ތެރޭގައި އުފައްދައި، ހައިޖާނު ކުރުވައި، ޢާއިލީ ގުޅުން ގަޑުބަޑު ކުރުވި އެވެ.

ފިތުނައިގެ ހުޅުގަނޑު ރޯވެ، އަނދާނެ ވަރަކަށް އަނދައި، އަރާނެ ދުމެއް އަރައި ނިމުނުއިރު، ޢާއިލާ އާއި ރަސްގެފާނުގެ ގުޅުން ވަނީ ކެނޑިގެން ގޮސްފަ އެވެ. މި ދަނޑިވަޅުގައި ރަދުންގެ ގާތް ތިމާގެ ބޭފުޅުން ގަނޑުވަރަށް ވެދެވަޑައިގަތުންވެސް މަނާކުރި އެވެ. މިހިސާބުން ޢާއިލާ އާ ރަސްގެފާނާއި ދެމެދުގެ ގުޅުން ކެނޑިއްޖެ އެވެ.

" އައްސުލްޠާނު މުޙައްމަދު އަވަހާރަވުމުގެ އާލާސްކަންފުޅު ބޮޑުވާން ފެށުމުން، ރަދުންގެ އަނބިކަނބަލުން ސަންފާ ކަނބާގެ ބޮޑުބޭބެއެއް ކަމުގައިވާ، ޢަލީ ޝާހް ބަންދަރުއާއި، ކުރެންދޫ ޢަލީ ޚަތީބުތަކުރުފާނާއި، ދެކަލުންގެ އެއްބަސްވުމުން، ރަދުންގެ ގާތްތިމާގެ ބޭފުޅުން ރަދުންނާއި ބައްދަލުވެ ވަޑައިގަތުމަށް، އެމަނިކުފާނު އޮންނެވި ތަނަށް ވެދެވަޑައިގެން އުޅުއްވުން މަނާކޮށްލިއެވެ. ބޭނުމެއް ކަމަށް ބުނެވެނީ، ރަދުންގެ ދައިތާފުޅުގެ ދަރިކަލުން ރަސްކަމަށް އިސްކުރެއްވުމަށް ރަދުން ޤަސްދުކުރައްވައިފައި ވާކަން އެނގިގެން، އެކަން ވިޔަނުދިނުމެވެ." ( ނަސީމާ މުޙަންމަދު، ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން : ޞ.174 ).

ކޮންމެ އަކަސް، މި ގުޅުން ކެނޑިފައި އޮއްވައި ރަސްގެފާނު އަވަހާރަ ވެއްޖެއެވެ. އެހައިތަނުން އެޚަބަރު ރައްޔިތުންނަށް ސިއްރުކުރުމަށްފަހު، އެންމެ ފުރަތަމަވެސް ނެރުނީ، އަވަހާރަވެފައި އޮންނެވި ރަދުންގެ ކުއްލި އަމުރުފުޅެކެވެ. މިފަތުގާ އޮތީ، ރަދުންގެ އަމުރުފުޅީ، އެރަދުންގެ ދައިތާފުޅާއި އޭނާގެ ބޭފުޅުން ހުވަދޫ އަތޮޅު ދެއްވަދޫއަށް އަރުވައިލެއްވުން ކަމަށްބުނެފަ އެވެ. މި ފަތް ނެރުމާއެކު އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ރަދުންގެ ދައިތާފުޅާއި އޭނާގެ ބޭކަލުން، ހުވަދޫ އަތޮޅު ދެއްވަދޫއަށް އަރުވައިލި އެވެ.

" އައްސުލްޠާނު ޢަލީ ގެ ނަންފުޅުގައި ޝާހް ބަންދަރު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަތީ، މަކަރާއި ޙީލަތާއެކު، ދެ އިންސާނުން މަރާލުމުގެ އިލްޒާމު އޭނާގެ އިސްތަށިފުޅުގައި އެޅޭ ފަދަ ގޮތަކަށެވެ. އޭނާ ރަސްކަމަށް އިސްވެވަޑައިގަތީ، އައްސުލްޠާނު މުޙަންމަދު (ދެއްވަދޫ ރަސްގެފާނު) އަވަހާރަ ވުމަށް ފަހު، ކުރީއްސުރެ ރޭވެމުން އައި ޙީލަތްތެރި ރޭވުމެއްގެ މަތީން، އައްސުލްޠާނު މުޙަންމަދުގެ އާލާސްވެ އިންނެވި އަނބިކަނބަލުން ސަންފާ ކަނބާއަށް ޒަހަރުއަރުވައި، އެކަމަނާ އާއި އަދި އެކަމަނާގެ ބަނޑުފުޅުގައި އޮންނެވި ތުއްޕުޅުބޭފުޅާ އަވަހާރަ ކޮށްލެއްވުމަށް ފަހުގަ އެވެ." ( ނަސީމާ މުޙަންމަދު، ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން : ޞ.174 ).

ދިވެހިތާރީޚުގެ ތެރެއިން ފާހަގަ ކުރެވިގެންދިޔަ މިދެންނެވި ޢަލީ ( ހަތްވަނަ) ރަސްގެފާނަކީ، ތާރީޚު ހެކިދޭ ގޮތުގައި ވަރަށް އަނިޔާވެރި ރަސްކަލެކެވެ. ރައްޔިތުންގެ މައްޗަށްވެސް އެހައިމެ ރަޙުމްކުޑަ ރަސްކަލެކެވެ. އިސްލާމްދީނަށް އެއްވެސް ލޯތްބެއް ނެތް، އަދި ދީނީ ޢިލްމުވެރިންނަށްވެސް އެހައި ނަފުރަތު ކުރެއްވި ބޭފުޅެކެވެ. "ދިވެހިތާރީޚު" މި ފޮތުގައި މިރަދުން ސިފަކުރައްވާފައި އޮތީ، އެއީ އިސްކޮޅުން ކުރު، ހިތްގަދަ، އަނިޔާވެރި ރަސްކަލެއްގެ ގޮތުގައެވެ. ޢާންމުގޮތެއްގައި ތުރުކުރައްވައި އުޅުއްވީވެސް، ރަނުގެ ގަހަނާ އާއި ފަށުއި ފޭރާމެވެ.

މި ރަދުންނާމެދު ތަޤުދީރުގައި ކަންތައް ވެގެންދިޔައީވެސް، ޢަޖައިބެއް ފަދަ ޢިބުރަތެއްގެ ގޮތުގައެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވިފަހުން، ރަސްކަމުގެ މުއްދަތުގެ ގޮތުގައިވެސް، ގުނިގެންދިޔައީ އަންހެނަކު ހައްޔަރުގައި އިނދެ، ދުވަސްފުރާ ވިހާނެހައި ދުވަހެވެ. ބަރާބަރު ނުވަމަހާ ނުވަ ދުވަހެވެ. އެ ޢިބުރައިތެރި ތާރީޚީ ދަރުސްގެ ނިމުން ފާހަގަވާން ތަޤުދީރު ނިޔާކުރީ 26 އޮކްޓޯބަރު 1701 މ.އެވެ. މިއީ އެ ރަސްގެފާނު އަވަހާރަވި ދުވަހެވެ.

މި ހިނގައިދިޔަ ޢިބުރަތްތެރި ދަރުސަށްފަހު، މި ރަސްވަންހައިގެ ފަރާތުން ދެން ރަސްކަމަށް އިސްވެވަޑައިގަތް އަނެއް ދެ ރަސްކަލުންގެ ރަސްކަންވެސް، ފާހަގަވެގެން ދިޔައީ ސިޔާސީ ޙައިޖާނުބޮޑު އަދި ހަމަ އެހައިމެ ކުރު މުއްދަތެއް، ލިބިފައިވި ރަސްކަމަކަށެވެ. މި ދަރިކޮޅުގެ އައްސުލްޠާނު ޙަސަން (ދިހަވަނަ) އާއި އައްސުލްޠާނު އިބްރާހިމް މުޡުހިރުއްދީންގެ ރަސްކަމުގެ ސަފުޙާވެސް، އެއްލިގެން ދިޔައީ ފޫނާށި ވިލާގަނޑެއް ފަދައިންނެވެ. ލޮލަށް ފެނުމާއެކު އޭގެ ގަދަވަޔާ ވިއްސާރަ އައިސް، ކުއްލިއަކަށް އުޑުމަތި އަލިވެގެންދާފަދަ ގޮތަކަށެވެ.

ކުއްލިއަކަށް ފެނިގެން ދިޔައީ، ދިޔަމިނގިލީ އަލްވަޒީރު މުޙަންމަދު ދޮށިމޭނާތަކުރުފާނު (މުޡައްފަރު މުހައްމަދު ޢިމާދުއްދީން)، އައްސުލްތާނު އިބްރާހިމް މުޡުހިރުއްދީނުގެ ރަސްކަމުގެ މައްޗަށް ގަދަވެވަޑައިގެން، ސުލްޠާނު ޙަސަން (ދިހަވަނަ) އާއި އިބްރާހިމް މުޡުހިރުއްދީން، އައްޑޫ އަތޮޅަށާއި ފުވައްމުލަކަށް އަރުވައި ލެއްވިއެވެ. އެހައިތަނުން، ޒަހަރުދީގެން ދެމައިން މެރުމުގެ އިލްޒާމާއެކު، ސުލްޠާނު ޢަލީ (ހަތްވަނަ) ފެށްޓެވި، އިސްދޫ ދަރިކޮޅުގެ ރަސްކަމުގެ ބާބު، ނިމިގެން ދިޔައީ އެވެ. ދިވެހި ތާރީޚުގައި ޢިބްރަތްތެރި ދަރުހެއް ލިޔަމުންނެވެ.

ގުޅޭ ޓެގު

ސިޔާސީ ތާރީޚު
×
DB released.