މިއަދުގެ "މުލީއާގެ"، ތާރީޚީ އެތަކެއް ހަނދާންތަކާގުޅިފައި

މުލިއާގެ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު " މުލީއާގެ" އެހުރި ބިމަކީ، 1752 މ. ގެ ތާރީޚަށް ބަލާއިރު، އެޒަމާނުގައި މުލަކު އަތޮޅު މުލީ މުޙަންމަދު ޚަތީބުގެ ގެ "މުލީގެ" ހުރި ބިމެވެ. މިގޭގައި އެންމެ ފުރަތަމަ ދިރިއުޅުއްވީ ވެސް މުލީ މުޙަންމަދު ޚަތީބެވެ. އެއަށް ފަހު މީގޭގައި ދިރިއުޅުއްވަމުން ގެންދެވި ދެމަފިރިންނަކީ، މިދެންނެވި މުޙަންމަދު ޚަތީބުގެ ދަރިކަނބަލުން އާމިނާ މަނިކުފާނާ އެކަމަނާގެ ފިރިކަލުން ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ޙުސައިން ދަހަރަދަ ތަކުރުފާނުގެ ހުރާ މުޙަންމަދު މަނިކުފާނު (ފަހުން އަލްވަޒީރު އަލްވަޒީރު މުޙަންމަދު ފާމުލަދޭރި މަނިކުފާނު) އެވެ.

މި ލިޔުމުގައި ވަކި ދުވަސްވަރެއް ފާހަގަކުރުމުގެ ގޮތުން "1752 މ. ގެ ތާރީޚު" އަޅުގަނޑު ފާހަގަ ކޮށްފައި އެވަނީ، މިތާނގައި އެހެންވާހަކައެއް ދަންނަވައިލުމުގެ މަޤްސަދުގައެވެ. މިދެންނެވި ތާރީޚަކީ، މަލަބާރީން މާލެއަށްއަރައި އެއިރު އިންނެވި ރަދުން އައްސުލްޠާނު މުކައްކަރަމް މުޙަންމަދު ޢިމާދުއްދީން ރަހީންކޮށްގެން ގެންދިޔަ އަހަރެވެ. އެއަހަރު މަލަބާރީން އެރަދުން ގެންދިޔަ "ނަވުގައި ގެންދިޔަ ބޭފުޅުންގެ ތެރޭގައި އަލްވަޒީރު ހުރާ ޙުސައިން ދަހަރަދަ ކަލޭގެފާނުގެ ދަރިކަލުން އަލްވަޒީރު މުޙަންމަދު މަނިކުފާނާއި އޭނާގެ ދަރިކަލުން ޙުސައިން މަނިކުފާނު ވެސް ވިއެވެ. (ދިވެހިތާރީޚު، 26 ޖުލައި 1981 ގެ،ޞ 129).

މުލިއާގެ ---- ތާރީޚީ އެތައް ކަމެއް މިގެއާ ވަނީ ގުޅިފައި

އާމިނާ މަނިކުފާނުގެ ފިރިކަލުން މުޙަންމަދު މަނިކުފާނަކީ، މި އިޝާރަތް ކުރެވުނު، ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ޙުސައިން ދަހަރަދަ ތަކުރުފާނުގެ ދަރިކަލުންނެވެ. މުޙަންމަދު މަނިކުފާނުގެ ދެބޭފުޅުންނަކީ މުލީގޭ ޙުސައިން މަނިކުފާނާއި (ފަހުން ޙުސައިން ބޮޑުދޮށިމޭނާ ކިލެގެފާނު) މުލީގޭ ދޮން ޙަސަން މަނިކުފާނު (ފަހުން އަލްޤާޒީ ޙަސަން ޢިއްޒުއްދީން) އެވެ. މި އެންމެ ބޭފުޅުން ވެސް މިދެންނެވި ޒަމާނުގައި ދިރިއުޅުއްވި ގެއަކީ، މިއަދު "މުލީއާގެ" އެހުރި ބިމުގައި އޭރުހުރި "މުލީގެ" އެވެ.

މުލީގެ ފަހުން ހެންވޭރު ގަނޑުވަރަށްވެ، އޭގެފަހުން މުލީއާގެ އަށް ބަދަލު ވެގެން ދިޔައިރު، ތާރީޚީ ބައެއް ޙާދިސާތަކާ ތާރީޚީ އެތައް ކަމެއް، މިއަދުގެ މުލީއާގެ އާއި ގުޅިފައި ވެއެވެ. އެހެންކަމުން ވީހާވެސް ކުރު ގޮތަކަށް މިދެންނެވި ޙާދިސާ ތަކަށާއި ކަންކަމަށް ބަލައިލަމާ ތޯއެވެ؟

އަޅުގަނޑު މި އިޝާރަތްކުރި ޒަމާނުގައި މުލީގެ ފެންނާން ހުރީ މިއަދު ފެންނާން އެހުރި "މުލީއާގެ" ފެންނާން އެހުރި ގޮތަކަށް ނޫނެވެ. އެޒަމާނުގެ ތަސްވީރަކުން ސިފަކުރާނަމަ، ފެންނާނީ، އެހެން މަންޒަރެކެވެ.

"ކުރިން މުލީގެ ހުރީ ގާފޮޅުމަތީ މެއްލަ ޖަހައި ދުނބުރި ދަނޑިން ބިތްގަތައި ބިތްފަނުން ބިތް ބައްދައި ފުރާޅުގައި ފަންލާފައެވެ. " - (އިސްމާޢީލް ވަޙީދު، 1997 ފަތްތޫރަ 219 ވަނަ ޢަދަދު).

މާޒީވެދިޔަ ޤަރުނު ތަކުގައި ކަންހިނގަމުން ދިޔަ މަގަށް ބަލާއިރު، މި ގެ، މުލީގޭ ދޮންހަސަން މަނިކުފާނު (ދިވެހިންގެ ދޮންބަންޑާރައިން) އަށް މިލްކުވެ، އެދަރިކޮޅުގެ އިބްރާހިމްގެ ނޫރައްދީނަށް ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން ދޮށީ މަނިއްޕުޅަށް ހިބައިން ލިބިވަޑައިގަތެވެ. މި މަނިއްޕުޅުގެ މަޝްހޫރު ނަންފުޅަކީ "މުލީގޭ މަނިއްޕުޅު" އެވެ. އެއީ އެމަނިއްޕުޅަށް ރަސްކަން ލިބިވަޑައިގަތުގެ ކުރިން މުޚާތަބު ކުރެވޭ ނަންފުޅެވެ. ދިވެހިންގެ "ޝަމްސުއްދީން ރަދުން" ނަކީވެސް، މި މަނިއްޕުޅެވެ.

މުލިއާގެ--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ތާރީޚުން ފެންނާން އޮތް ހެކިތަކަށް ބަލާއިރު، މިއަދު ފެންނާން އެހުރި "މުލީއާގެ" މިހާރު އެހެރަ ގޮތަށް ފަރުމާ ކުރައްވައި ޒަމާނީ ފެންވަރަށް ހެއްދެވީ ދެފަހަރެއްގެ މަތިން ދިވެހިންގެ ރަސްކަމުގެ ތަޚުތު ފަޅުފިލުއްވެވި އައްސުލްތާން މުޙަންމަދު ޝަމްސުއްދީން 3.(ޝަމްދުއްދީން ރަދުން)ގެ ދެވަނަ ރަސްކަމުގައެވެ. މިރަސްގެފާނު ވަލީއަޙުދު އަލްއަމީރު ޙަސަން އިއްޒުއްދީން ލިބިވަޑައިގަތީ ދެވަނަ އަނބިކަނބަލުން ކަޅުހުރާގޭ ސިއްތިދީދީގެ ބަނޑުފުޅުންނެވެ.

ޝަމްސުއްދީން ރަދުންގެ މި މަނިއްޕުޅު، ކިޔަވައިވިދާޅުވާން ކޮޅުނބަށް ފޮނުއްވިއެވެ. މިހާރު ފެންނާންހުރި "މުލީއާގެ" ހައްދަވަންފެށީ، ޙަސަން އިއްޒުއްދީން މަނިއްޕުޅަށް ދިވެހިސަރުކާރުން ގަނޑުވަރެއް ތައްޔާރު ކުރައްވަން ރަދުން ބޭނުންފުޅު ވެގެންނެވެ. އެކަމަށްޓަކައި މިހާރު ފެންނާން އެހުރި ވަރަށް މުލީގޭގެ ގޯތި ބޮޑުކުރެއްވިއެވެ. އެގެއާ އިންވެގެންހުރި ދެތިން ގެއެއް ދައުލަތަށް ނަންގަވައި، މުލީގޭ އިރުމަތީ ފަރާތަށް އޮތް ހުސް ބިންވެސް، އެގޯތީގެ ބައެއްގެ ގޮތުގައި ހެއްދެވިއެވެ. މުލީގޭ ކޮށީގައި "ހެންވޭރު ގަނޑު" (10 ފެބްރުއަރީ 1914)ގައި ބިންގާ އަޅުއްވައި، އެ ގަނޑުވަރުޢިމާރާތް ކުރާނެ ފަންނާނުން ކޮޅުނބުން މާލެ ގެންނަވައި އެ މަސައްކަތް ފެއްޓެވިއެވެ.

މިއަދުވެސް ފެންނާން އެހުރި މުލީއާގޭގެ ރީތި ޢިމާރާތް، ހެންވޭރު ގަނޑުވަރުގެ ގޮތުގައި ހައްދަވައި ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒައްދީން އެގަނޑުވަރަށް ވައްދަވައި މިކަންކަން ހިނގައި ދިޔުމަށްފަހު، ދެން ކުރިމަތިވަނީ ހިތާމަވެރި ޙާދިސާ އަކާއި އެވެ. އެއީ 03 އޮކްޓޯބަރު 1934 ގައި އޭރު އޮތް ޤާނޫނު އަސާސީގެ 50 ވަނަ މާއްދާގައި ވާގޮތުގެ މަތީން މުޙަންމަދު ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލުކުރި ޙާދިސާ އެވެ. އެދުވަހު ޝަމްސުއްދީނު ރަސްކަމުގައި ހުންނެވި ބޮޑުގަނޑުވަރު ދޫކުރައްވައި ހެންވޭރު ގަނޑުވަރަށް ބަދަލުވެ ވަޑައިގަތެވެ. އެ ދެބަފައިކަލުން އަރުވާލެވުނީ، މިދެންނެވި ޙާދިސާގެ ގަޑުބަޑުގެ ތެރޭގައެވެ.

"ރައްޔިތުން ގެނައި އިންޤިލާބެއްގައި 2 އޮކްޓޯބަރ 1934 ގައި، މުޙަންމަދު ޝަމްސުއްދީން 3. އާއި ދަރިކަލުން ހެންވޭރު ގަނޑުވަރު މަނިއްޕުޅު، ފުވައްމުލަކަށް އަރުވާލެވުނެވެ. އެރަދުން އަވަހާރަވީ 1945 ގައި 76 އަހަރުފުޅުގައެވެ." (ވިކިޕީޑިއާ.އޯރގް، ސުލްތާން މުޙަންމަދު ޝަމްސުއްދީން 3.އިސްކަންދަރު)

ދައުލަތުގެ ޚަރަދުގައި ޢިމާރާތްކޮށް، އަދި އެ ގޯއްޗަށް ބޭނުންވާ ބިންވެސް ދައުލަތުން އިތުރުކޮށްފައިވާ "ހެންވޭރު ގަނޑުވަރު" ގެ ނަން އުވާލައްވައި "މުލީއާގެ" ނަމަށް، ބަދަލު ކުރެއްވީ އަލްއަމީރު ޙަސަން ފަރީދުދީދީގެ ދައުރުގައި 1939 ގައެވެ. އަދި އެހާ ހިސާބަށް މާލޭގައި ހުރި މިފަދަ ގަނޑުވަރު ތަކުގެ ނަންވެސް، ޙަސަން ފަރީދު އުވައިލެއްވިއެވެ. އެހިސާބުން އިހުގެ މުލީގެ "ހެންވޭރު ގަނޑުވަރު"ގެ ގޮތުގައި ހުރުމަށްފަހު، މިއަދުވެސް ފެންނާންހުރި "މުލީއާގެ" ނަމަށް ބަދަލުވެގެން ދިޔައީ އެވެ. އަދި އެއައަށް ފަހު ދެން މުލީއާގޭގައި ފެންނާން ފެށީ ސަރުކާރުގެ އޮފީސްތައް ހިންގަމުން ގެންދިޔަ މަންޒަރެވެ. އެއީ 1942 ގެ ފަހުންނެވެ.

1942 ގެ ފަހުން މުލީއާގެ ފެންނަމުން ދިޔައީ ސަރުކާރުގެ ބޭނުންތަކަށް ބޭނުންކުރަމުން ގެންދިޔަ ތަނެވެ. "މިގޮތުން ވަޒީރުންގެ މަޖިލީހާއި، ވަލީ ކޮމިޓީއާއި، އެކިއެކި ބައްދަލުކުރެއްވުންތަކާއި، ރަސްމިއްޔާތުތަކާއި، ޢީދު ސަލާމް ކުރެއްވުން ފަދަ ކިތަންމެ ކަމެއް މުލީއާގޭގައި ބާއްވާފައި ވެއެވެ". (އިސްމާޢީލް ވަޙީދު، 1997 ފަތްތޫރަ 219 ވަނަ ޢަދަދު).

މުލީއާގެއަކީ، ދިވެހި ތާރީޚުގައި ފާހަގަ ކުރެވިގެންދިޔަ އެތައް ކަމެއް ހިނގި ގެއެކެވެ. މިގޮތުން އިނގިރޭސި ރާނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ކުޑައިރުކޮޅަކަށް ނަމަވެސް މަޑުކޮށްލެއްވި ގެކޮޅަކީ މުލީއާގެއަށް ވެގެން ދިޔައެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ދައުލަތުން ނެރުއްވި "ސަރުކާރުގެ ޚަބަރު" ނޫސް، ނެރުނީވެސް އެތާނގައެވެ. 1945ގައި، ސަރުކާރުގެ އޮފީސްތަކުގެ ދިދަ ނަގަން ހަމަޖައްސަވައި އެންމެ ފުރަތަމަ ދިދަ ނަގާފައި ވަނީވެސް މުލީއާގޭގައެވެ.

މިގެއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އާތިންތަން ޑޭވީ ވެސް، ފުރަތަމަ ހުންނެވި ގެއެވެ. 1950ގެ އަހަރުތަކުގައި ވަޒީރުލް އަޢުޒަމްގެ އޮފީސްވެސް މުލީއާގޭގައި ހުއްޓެވެ. 3 ނޮވެމްބަރު 1970 އިންފެށިގެން ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރަސްމީ ގެކޮޅަކީ މުލީއާގެ ކަމުގައި ހަމަޖެހިގެން ދިޔައެވެ. މިގޮތުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރާއި ދެވަނަ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި ތިންވަނަ ރައީސް މުޙަންމަދު ނަޝީދު ވެސް މުލީއާގޭގައި ދިރިއުޅުއްވިއެވެ. ނަމަވެސް މިތާނގައި ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ ރައީސް ނާސިރު ވެސް އެގޭގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު، ވެލާނާގެއަށް ބަދަލުވެ ވަޑައިގެންނެވި ކަމާއި، ރައީސް މައުމޫނުވެސް އެގޭގައި ހުންނެވުމަށްފަހު، ތީމުގެ އަލުންހައްދަވައި އެގެއަށް ބަދަލުވެ ވަޑައިގެންނެވި ކަމެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ބައެއް ބޭނުންތަކަށް މިއަދުވެސް މުލީއާގެ ބޭނުން ކުރައްވަމުން ގެންދަވައެވެ. މުލީއާގޭގެ ގޯތީގެ އިރުމައްޗަށް ހުރި ޢިމާރާތްތައް ފަހުން އިތުރު ކުރެއްވީ ރައީސް މައުމޫނުގެ ދައުރުގައެވެ.

ވީމާ،މީލާދީން 1752 ގެ ކުރިއްސުރެ ދިވެހިންގެ ލޯތަކަށް ފެންނަމުންދިޔަ "މުލީގެ" ހުރި ބިމުގައި، މިއަދުވެސް ފެންނާންހުރި މުލީއާގެ އަކީ، ދިވެހިންގެ ތާރީޚާއި ގުޅިފައިވާ މުހިންމު ގެއެކެވެ. މިގެ މިއަދު ފެންނާން އެހުރި ގޮތަށް ކޮޅުނބުގެ މޭސްތިރިން ލައްވައި ފަރުމާކުރައްވައި މުލީއާގެ ބިނާކުރުމުގެ މުހިންމު މަސައްކަތުގެ އިސްބޭފުޅަކަށް ހުންނެވީ އަތިރީގޭ އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ. އެހެންކަމުން ސޯޅަވަނަ ޤަރުނުއްސުރެން ފެންނަމުން އައި "މުލީގެ" ނުވަތަ "ހެންވޭރު ގަނޑުވަރު"، މިއަދުގެ ނަމުންނަމަ، "މުލީއާގެ" އަކީ، ދިވެހި ތާރީޚީ އެތަކެއް ހަނދާންތަކާ ގުޅިފައިވާ، މުހިންމު ތަނެކެވެ. އެހައިމެ ރިތި ފަރުމާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް