މާހެފުމަކީ، ރަމަޟާން މަހުގެ ހުޅެވިހަނދުބަލަން ތައްޔާރުވާ ކަމުގެ އިޢުލާނެކެވެ.

ދިވެހި ކެއުން: މާހެފުމަކީ ދިވެހިންގެ ޒަމާންވީ އާދަކާދައެއް ---

"މާހެފުން" ދިވެހިންގެ ޤަދީމީ ޒަމާނުގައި ފެންނަމުންދިޔަ ގޮތާ، މިއަދު އެކަންކަން ހިނގަމުން އަންނަގޮތާއި ތަފާތު ތަކެއް ހުރެދާނެއެވެ. އެހެން ނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެކު، އައު ކުލަތަކެއް ޖެހިގެން ނަމަވެސް ފެންނަމުންދަނީ، ދިވެހި މުޖުތަމަޢުގައި ދިރިއުޅެމުންދާ އަހުލުވެރިންގެ މެދުގައި ޒަމާނުއްސުރެ އޮތް ދިރިއުޅުމުގެ ހުނަރުތަކާއި ފަންނުތައް ދައްކައިދޭ" ފޯކްއާޓްސް" އާއި އާދަކާދަ ނުވަތަ ދިވެހިންގެ "ފޯކްލޯރް" ދެމި އޮތް ކަމުގެ ހެކި ތަކެވެ.

"މާ" މި ބަހުން ތަފާތު މާނަތައް ދޭހަ ކޮށްދެއެވެ. މިބަހުގެ އެއް މާނައެއްގައި "މައު" އޭ ބުނުމުން ދޭހަވަނީ މަލެކެވެ. މަލާ އަދި މާމެލާމެލީގެ ސިފަވުން ތަކުގެ އިތުރުންވެސް "މާ" އޭ ބުނުމުން ކިތަންމެ މާނަ ތަކެއް ދޭހަކޮށް ދެއެވެ. އަދި އެއީ އާދައިގެ ކުޑަކުޑަ ކަމަކަށްވުރެ ބޮޑުކަމެއްކަން ދޭހަކޮށްދޭ މާނަތަކެއް، މި ބަހުން ދެނެގަނެވެއެވެ.

މިސާލަކަށް " މާކަނޑު" މިހެން ބުނުމުން އެއީ ބޮޑު ކަނޑެއްކަން ދޭހަ ކޮށްދެއެވެ. "މާބަނޑުވުން" މިހެން ބުނުމުން އެއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫންކަން އެނގެއެވެ. " މާހަޅަ" އޭ ބުނުމުން އެއީ ހަޅައިގެ ދުވަސްވަރު އާދަޔާ ޚިލާފަށްވާ ގަދަ އެވެ. "މާ ނަކަތް" މިހެން ބުނުމުން ދޭހަވާ މާނައަކީ، ގަދަ ވިއްސާރަ ކުރާނެކަމެވެ. އަދި މާނަކަތް ހުސްވުމުން ކަނޑު މުށެއްހައިތަން ތިރިވާނެ ކަމަށް ކާބަފައިން ބުނެފައިވާ ވާހަކައިން ދޭހަކޮށްދޭ، ދޭހަވެސް ހަނދާނަށް ގެނެވެއެވެ. މި އުސޫލުން ބަލާއިރު، މައުޟޫޢުގައި އެވާ "މާހެފުން" އެއީވެސް އާދައިގެ ކުޑަކުޑަ ކަމަކަށް ނުވާނެކަން އެނގެއެވެ. ބަހުގެ ލަފުޒީ މާނައަށް އެކަނި ވިސްނައިލިޔަސް ސާދާ އިބާރާތަކުން ދަންނަވާނަމަ، ބޮޑު ހެފުމަކަށް ވެގެން ދާނެ ކަމެއްކަން އެނގެއެވެ.

ދިވެހިންގެ ޤަދީމީ ޒަމާނަށް ބަލައިލަމާތޯއެވެ؟ ރާއްޖޭގައި އޮތް ޒަމާންވީ ރަސްކަމުގެ ބައެއް އާދަކާދަތަކަށް ބަލައިލާއިރު، ފެންނާން އޮތް އެއް ކަމަކީ، "ބޮނޑިމަސްކާށި" ގެ ނަމުގައިވެސް މިއަދު މާހެފުމުގެ ގޮތުގައި މިމާނަކުރާ، އާދަކާދަ ގަނޑުވަރުތެރެއިން ފެންނަން އޮތް ކަމެވެ.

އެކަން ހިނގައިދާ ގޮތަކީ، ރޯދަޔަށް ހަނދުބަލާރޭ ހަނގުބޭކަލުން (ރަސްގެފާނުގެ ސިފައިން)، ރަދުންގެ ފައިންފުޅު ހިފައި ނިމޭއިރަށް ދާލަބޮޑުއަށި ކައިރީގައި، ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ ބޮޑު ކެއުމެއްގައި ނުވަތަ މާހެފުމެއްގައި އެބޭކަލުން ބައިވެރިވާންޖެހޭ އާދަކާދައެކެވެ. މީގައި ހުންނާނީ ބޮނޑިއާއި އާރުހާއި، މަހާއި ކާއްޓެވެ. މިއީ އެޒަމާނުގައި އޮންނަ މާހެފުމެވެ.

އިހުޒަމާނުގައި މާހެފުން ބާއްވަނީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އެވެ. ވީމާ، މިއީ ރޯދައަށް ކުރިމަތިކޮށް އެމަސްފެށުމުގެ ކުރިން އެމަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާޢަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުމެއްކަން އެނގެއެވެ.

ރޯދައަށް ހަނދުބަލައި އުޅުނީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. އެރޭ އެފެންނަ ހަނދަށް މުޚާތަބުކޮށް އުޅުނީ "ހުޅެވިހަނދު" ގެ މާނައިގައެވެ. މި ބަހުގެ ޢާންމު މާނައަކީވެސް، ހަނދުމަހެއްގެ ފުރަތަމަ ރޭގެ ހަނދެވެ. ނުވަތަ ހަނދުމަހެއް ފެށުމެވެ. ބޯދާބަހުގައި ހުޅެވި ހަނދަށް "ޅަސަނދު" ވެސް ކިޔައި އުޅުނެވެ. އަދި ހަނދު ބެލުމުގެ ސަޤާފަތުގެ ތެރޭގައި "ތިންމަހު ރޯދައަށް ހަނދުބެލުން" މިހެން މުޚާތަބު ކުރެވޭ ހަނދުބެލުމުގެ އާދަކާދައެއް ވެސް، ދިވެހީންގެ ތެރޭގައި އޮތެވެ. އެއީ ރަޖަބު، ޝަޢުބާން، ރަމަޟާން، މި ތިންމަހަށް ހަނދުބަލަމުން އައި އާދަކާދައެކެވެ.

ދިވެހި ބަހުގެ ރަދީފުގައިވެސް، "މާހެފުން" ކަމަށް ބުނެފައިއޮތީ، "އެއީ ރޯދައަށް ކުރިމަތިކޮށް އެމަސް ފެށުމުގެ ކުރިން އެމަހުގެ ފުރަތަމަ ދުވަހާއި ގާތް ދުވަހެއްގައި ޖަމާޢަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުން" ކަމަށެވެ.

ކޮންމެއަކަސް، އިސްވެ ދެންނެވި ހެކިތަކަށް ބަލާއިރު، މާހެފުމަކީ، ތަފާތު ނަންނަމުގައި ފާހަގަ ކުރެވިގެންދިޔަ ދިވެހިންގެ ޒަމާންވީ އާދަކާދައެއްކަން ޔަޤީން ކުރެވެއެވެ. އަދި މިކަމަކީ ރޯދަމަސް ފެށުމުގެ ކުރިން އެމަސް ފެށުމާއި ގާތް ދުވަހެއްގައި ކޮށް އުޅުނު ކަމެއްކަންވެސް އެނގެއެވެ.

ދިވެހިންގެ މާޒީއަކީ، ދިގު މާޒީއެކެވެ. ދިވެހިން ދެކެފައިވާ ޒަމާންތައްވެސް އެހައިމެ ގިނައެވެ. އެކިދުވަސްވަރު ކެއުންބުއިމުގެ އާދަކާދަވެސް ތަފާތެވެ. އެކަންކަން ބިނާވެފައި އޮންނަނީ އެދުވަސްވަރެއްގައި ލިބެން ހުންނަ ކާބޯތަކެއްޗަށާއި އެދުވަސްވަރެއްގައި ކާތަކެތި ތައްޔާރުކޮށް އުޅުނު ގޮތެއްގެ މައްޗަށެވެ. އެހެންކަމުން މާހެފުމުގައިވެސް ކައިއުޅުނީ އެގޮތުގެ މަތީން ތައްޔާރު ކޮށްފައި ހުންނަ ތަކެއްޗެވެ. އާރުހާ ބޮނޑި ކައި އުޅުނީ އެބާވަތުގެ ތަކެތީގެ މަޤުބޫލުކަން އޮތް ޒަމާނުގައެވެ. ފާރޮއްޓަކީ ފަހުގެ ޒަމާނެއްގައި ތަޢާރަފުވި ބާވަތަކަށް ވުމުން، ކުޅިފާރޮށްޓާއި ފޮނިފާރޮށި ތައްޔާރުކުރާންފެށީ ފާރޮށި ތަޢާރަފުވި ހިސާބުންނެވެ. އެހައިތަނަށް އައިއިރު، އާރުހުގެ ޒަމާން މާޒީވެއްޖެއެވެ.

އާރޮހަކީ، ކަށިކޭލުގައި ހިލާ ބާވަތެއްގެ ހަލުވާއެކެވެ. މީގައި ގިތެޔޮލައިފައެއް ނުހުރެއެވެ. ބަނބުކޭލާއި އަލައިގައިވެސް ދިވެހިން އާރޮސް ހިލައި އުޅުނެވެ. މިހުންނަނީ ހިކި ކެޔޮފަތަށް ލައިފައެވެ.

މިއަދު މާހެފުމުގައި މިޒަމާނުގެ ތަފާތު ވައްތަރުތައް ބޭނުންކޮށް އުޅެއެވެ. އެއީ މިއަދު ދިވެހިންނަށް މިފަދަ ކެއުމެއްގައި ހުންނަން ޖެހޭނެކަމަށް ފެންނަ ބާވަތް ތަކެވެ. އެއީ އެންމެ މިހާރުގެ ކެއުމަށްވުރެން ޢުމުރުގެ ގޮތުން ބަލާއިރު ދޮށީ ބާވަތް ތަކެކެވެ.

މިސާލަކަށް ކުޅި ފާރޮށްޓާ ފޮނި ފާރޮށްޓާއި މުގުބޮނޑިބަތާ ބަނބުކެޔޮ ބޮނޑިބަތާއި ވަޅޯމަހާ ކާށްޓާއި ކަދުރު ފަދަ، ޚާއްސަ ބާވަތް ތަކެވެ. މިއީ އެންމެ މިޒަމާނުގެ ދިވެހީންގެ ކެއުމުގެ ބާވަތްތައް ކަމުގައި ވީނަމަ، ފެންނާނީ "ޕާސްތާ"،އާ "ސްޕެގެޓީ"އާއި "ބިރިޔާނީ" ނުވަތަ "ނޫޑުލުސް" އާއި "ޑެވިލްޑްޗިކަން" ފަދަ ބާވަތްތަކާއި "އެނަރޖީ ޑްރިންކްސް" ފަދަ ވައްތަރު ތަކެވެ. އޭގެ ބަދަލުގައި، އަދިވެސް ގިނައިން ފެންނަނީ، މި ބާވަތްތަކުގެ ކުރީން މި ދަންނަވާލި ޚާއްސަ ބާވަތް ތަކެވެ. އެއީ މާހެފުމުގައި މިއަދު ޢާންމު ގޮތެއްގައި ބޭނުންކުރާ ތަކެތީގެ ގޮތުގައެވެ.

ސުރުޚީގައި ދެންނެވި ފަދައިން، ކިތަންމެ މީރު ބާވަތް ތަކެއް ތައްޔާރުކޮށްގެން ނަމަވެސް، އަޅުގަނޑުމެން ފާހަގަކުރާ މާހެފުމަކީ، ނުވަތަ އެންމެ ޤަދީމީ ޒަމާނުގެ "ބޮނޑިމަސްކާށި" ނިސްބަތްވަނީ، ރަމަޟާން މަހުގެ ހުޅެވި ހަނދު، ބަލަން ތައްޔާރުވުމުގެ މުނާސަބަތުގައި ކައިއުޅުނު ކެއުމެއްގެ ގޮތުގައެވެ. ރޯދައިގެ ހުޅެވިހަނދު ފެންނާނެކަމުގެ އުފަލުގައި ތިބެއެވެ. ރޯދަމަހަށް ތައްޔާރުވަނީ ކަމުގެ އުފާވެރި އިޢުލާނެއްގެ ގޮތުގައެވެ.

comment ކޮމެންޓް