Sun Online
Ramadan 2017
އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ: ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ މަގާމު އަންހެނުން ވެސް ފުރާފައިވައިވާކަން ތާރީޚުން އެނގޭ --- ސަން ފައިލް ފޮޓޯ
އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ: ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ މަގާމު އަންހެނުން ވެސް ފުރާފައިވައިވާކަން ތާރީޚުން އެނގޭ --- ސަން ފައިލް ފޮޓޯ

ކަނބަލުން ވެރިކަމަށް ގެނައުމުގައި، ދިވެހިރާއްޖެ އޮތީ އެމެރިކާއަށްވުރެ މާކުރީގައެވެ.

މުޙައްމަދު ސަލީމް (ހޯރަފުށި)
ގަލަންދެލިމުޙައްމަދު ސަލީމް (ހޯރަފުށި)

މިހާރު ހިނގަމުންދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ކުޑަތަން ވެގެން އައިއިރު، ޚިޔާލު ހޯދުންތަކުން އެންމެ ކުރީގައި އުޅުއްވަނީ، ހިލަރީ ކްލިންޓަނަށް ވެފައި ވިތީ، އެކަމަނާއަކީ، އެގައުމުގެ ތާރީޚު ދެކޭ އެންމެ ފުރަތަމަ އަންހެން ރައީސަށް ވެގެން ހިނގައިދާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

ކަޅު މީހުންގެ ނަސްލުގެ ފުރަތަމަ ރައީސަށް އެމެރިކާއިން ޖާގަލިބިގެން ހިނގައްޖެޔަތީވެ، އެކަމަށް ފަޚުރުވެރި ވެވުނުފަދައިން، ފުރަތަމަ އަންހެން ރައީސެއް ވަޑައިގަންނަވާތީވެ، އެ އުންމީދުގައި ތިބިމީހުން މިކަން މާނަކުރަނީ، މިއީ ވަރަށް ބޮޑު ފަޚުރަކަށެވެ. އަދި މިކަމެއް މި ހިނގާން އުޅެނީ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޑިމޮކްރަސީގައި ކަމަށް ވެގެންދާތީ، އެއީވެސް ޑިމޮކްރެޓިކް ސިސްޓަމަށް ލިބިގެންދާ ހަމަހަމަ ކަން ރަމްޒުކުރުމުގެ ދިރުމެއް ކަމުގައިވެސް، އެއްބަޔަކު ދެކެއެވެ.

ޙަޤީގަތުގައި މިހުރިހާ ވާހަކައެއް ބިނާވެފައި މި އޮތީ، އަންހެން ބޭފުޅަކު އެމެރިކާގެ ޒަޢާމަތަށް އާދެވިދާނެ ކަމަށް، ވަރަށް ބޮޑަށް އުންމީދު ކުރެވޭތީ، އެ ފަޚުރާއި ޝަރަފަށެވެ. ތެދެކެވެ. ހިލަރީ ކްލިންޓަން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، އެއީ ފަޚުރަކަށް ވާނެއެވެ. ފުރަތަމަ އަންހެން ރައީސަށް އެކަމަނާ ވެވަޑައިގަންނަވާތީއެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރުވެސް، އަންހެނުންނަކީ ޤަދީމީ ޒަމާނުއްސުރެ އެބައިމީހުންގެ ލީޑަރޝިޕް ދައްކުވައިދީ، އެކަން ދުނިޔެއަށް ސާބިތު ކޮށްދީފައި އޮތް ބަޔެކެވެ. ކްލިއޮޕެޓްރާގެ ޒަމާނަށާއި އޭގެ ކުރިއަށް ބެލިއަސް އެކަން އެނގެއެވެ. އޭގެ ފަހަތުން ފެންނަމުންދި ބައެއް ޒަމާންތަކަށް ކަޅި އުކައިލާއިރު، މި ޙަޤީގަތް ހަމައެކަނި މީލާދީން 1100 ގެ އަހަރުތަކަށް ބަލާލިއަސް އިނގިރޭސި ވިލާތުންވެސް ފެނެއެވެ.

ކުއީން ވިކްޓޯރިޔާގެ ޒަމާނާއި، "ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ރާނީ" ގެ ނަމުން މަޝަހޫރު ރަނިކަމަނާގެ ޒަޢާމަތް، މީލާދީން 1202 އާއި ހަމައަށް ހިނގަމުން ދިޔަ މަންޒަރެވެ. އަދި ފަރަންސޭސި ސިފައިންގެ އެންމެ އިސްވެރިޔާގެ ގޮތުގައި "ޖޯން" ނަމަކަށް ކިއުނު އަންހެން ބޭފުޅަކު ހޯއްދެވި ހަނގުރައިމައިގެ ކާމިޔާބީތައް މީލާދީން 1431 އާއި ހަމައަށް ފްރާންސްގެ ތާރީޚުން ޖާގަ ހޯދި ހޯދުމެވެ. ހަމައެހެންމެ 1533މ، ން1603މ.އަށް އިނގިރޭސިންގެ ތަޚުތުގައި ރެނދެލި ކުރެއްވި "ކުއީން އެލިޒަބަތު" (އެކެއް) އާއި 1542މ،ން1587މ.ށް، ސްކޮޓްލެންޑުން ފެނުނު މޭރީ ކުއީންގެ ޒަޢާމަތު، ފިރިކަލުން ފްރެންސިސް(ދޭއް) ގެ ޒަޢާމަތަށް ފަހު، ފެނިފައި ވިއެވެ.

އިސްވެ ދެންނެވި ޤައުމުތަކުން، އަދި ރަސްކަންތަކުން، ރާނީންގެ ގޮތުގައި ފަޚުރުވެރި އަންހެން ކަނބަލުންތަކެއް، ފެންނަމުން ދިޔަކަމަށާއި، އެމީހުންގެ މާޒީގައި އަންހެން ކަނބަލުންވެސް އެމީހުންގެ ޒަޢާމަތުގައި ތިއްބެވި ވާހަކަ، އެބައިމީހުންގެ ތާރީޚުގައި ލިޔެ، ފަވާފައި ވަނީ ފަޚުރުވެރި ކަމާއެކު އެވެ.

ސުވާލަކީ، އޭރު ދުނިޔޭގެ ޗާޓުން އެތަނެއް އެހާބޮޑަށް ފާހަގަވާންނެތް، ދިވެހި ރާއްޖެ މިފަދަ ފަޚުރުވެރި ދުވަސްތަކެއް ދެކެފައި ހަމަ ނެތީތޯ އެވެ؟. ނޫނީ ދިވެހިންގެ ތާރީޚުން ފެންނާން އޮތް، މިދެންނެވި ފަޚުރު ތަކަކީ، މީލާދީން 1100 ގެ އަހަރު ތަކަށްވުރެ، ފަހުގެ ފަޚުރަކީތޯ ކުރެވޭ ސުވާލެވެ. ބީސީން 9 ވަނަ ޤަރުނުގައި މިސްރުގައި އަންހެން ޒަޢާމަތެއް އޮތްކަމުގެ ވާހަކަ ފަޚުރު ވެރިކަމާއެކު، ލިޔެފައިވި ފަދއިން، ދިވެހިންނަށްވެސް އެފަދަ ފޮނި ވާހަކަތައް ލިޔެވޭން ނެތީތޯއެވެ؟ މި ސުވާލު ތަކުގެ ޖަވާބަށް ޓަކައި، ތާރީޚަށް ފީނައިލަމާ ތޯއެވެ؟ ފެންނާންހުރީ ކޮންކޮން މަންޒަރެއްތޯ ބަލައިލުމަށެވެ.

ރާއްޖޭގެ ރަސްކަންކުރެއްވި ހަނދު ވަންހައިގެ ދަރިކޮޅުގެ ރަސްކަމުގެ ކުރީގެ ވާހަކަ ތަކަކީ، ތާރީޚުގައި ލިޔެވިފައިވާ ވާހަކަ ތަކެއް ނޫނެވެ. ނަމަވެސް 850 މ.ގައި ނުވަތަ 9 ވަނަ ޤަރުގައި ރާއްޖޭގެ ތަޚުތުގައި ރަނިކަމަނާއެއް އިންނެވިކަމަށް، ފާރިސީ ދަތުރުވެރިއެއް ކަމަށްވާ ސުލައިމާނުލްފާރިސީ، ލިޔުއްވައިފައިވެ އެވެ. މީގެ އިތުރުން މީލާދީން 10 ވަނަ ޤަރުނުގައި އުޅުއްވި ޢަބްދުލް ޙަސަން ޢަލީ މަސްޢޫދީ ކިޔުނު ލިޔުންތެރިޔަކު، ލިޔުއްވާފައިވާ ބަޔާނެއްގައި، ރާއްޖޭގައި އިންނަވާ ރަނިކަމަނާގެ އަމުރުފުޅަށް، ރައްޔިތުން ބޮލިހިލައިއުޅޭ ވާހަކަ ބަޔާން ކޮށްފައިވެ އެވެ. މަސްޢޫދީ، ސްރީލަންކާއަށް ދަތުރު ކުރެއްވި ކަމަށް ބުނެފައިއޮތީ 916މ. ގައެވެ.

ދެކެވެމުން އައިސްފައިވާ ތާރީޚީ ވާހަކަ ތަކަށް ބަލާއިރު، މީލާދީން 11 ވަނަ ޤަރުނުގައި އިރުވަންހައިގެ ދަރިކޮޅުގެ ރަސްކަން ، ދިވެހިރާއްޖޭގައި ހިނގަމުން ދިޔައިރު، އެ ރަސްދަރިކޮޅުން އެންމެ ފަހުން ތަޚުތުގައި އިންނެވީ ރަނިކަމަނާއެއް ކަމަށާއި، މިރަނި ކަމަނާގެ ނަންފުޅަކީ، "ދަމަހާރު" ކަމަށް ވެއެވެ. އެއީ މަސްޢޫދީ ފާހަގަ ކުރައްވާފައިވާ ރަނިކަމަނާއަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ވާހަކައިގައި ބުނެފައިވާ ގޮތުންނަމަ، މިކަމަނާ ކައިވެނި ބައްލަވައިގަތީ، އިންޑިއާގެ ސޯމަ ވަންސަ ދަރިކޮޅުގެ އަމީރެއް ކަމުގައިވާ ސްރީ ބަލާދީއްތިޔާއާ ކަމަށްވެސްވެ އެވެ. މިއީ ސޯމަވަންސަ ދަރިކޮޅު ފެށިގެން އަންނަ ހިސާބުކަމަށްވެސް ކިޔައި އުޅެވެ. އެހެން ކަމަށް ވާނަމަ، މީލާދީން 850 އާއި 916 މ.އާއި އަދި 11 ވަނަ ޤަރުގައިވެސް، ރާއްޖޭގެ ތަޚުތުގައި އަންހެން ރަނިކަމަނާއިން ތިއްބެވިކަން ހާމަވާ ވާހަކަ ތަކެއް ފެންނާން އެ އޮތީ އެވެ.

މިދެންނެވި ޒަމާނަކީ، މިސްރުގެ ޤަދީމީ ޒަމާންފަދައިން، އަޅުގަނޑުމެންގެވެސް ޤަދިމީ ޒަމާނެވެ. އެހެން ނަމަވެސް ދިވެހި ރާއްޖޭގައި އަންހެން ކަނބަލުންނަށް ތަޚުތަށް ވަޑައިގަތުމުގެ ފުރުސަތަކީ، ވަކި ޒަމާނަކަށް ކަނޑައެޅުނު ވަގުތުކޮޅެއް ނޫނެވެ. ރާއްޖޭގެ ތަޚުތު އޭގެ ފަހުންވެސް، ފަޅުފިލުވައި ދެއްވި ކަނބަލުން ތަކެއް ތިއްބެވިއެވެ.

މިކަން 1341މ،ން1344 މ. އަށް، ބަލައިލުމުންވެސް ފެންނާން އެބައޮތެވެ. އެވަގުތު ދިވެހިންގެ ތަޚުތުގައި އިންނެވީ އައްސުލްޠާނާ ޚަދީޖާ ރެހެންދިއެވެ. އެކަމަނާވަނީ މިދެންނެވި ތާރީޚުން ފެށިގެން 3 ފަހަރެއްގެ މަތިން ދިވެހިންގެ ތަޚުތު ފަޅުފިލުވައި ދެއްވާފައެވެ. އެއީ 1359މ އާއި ހަމައަށެވެ.

މީލާދީން 1360 ގައިވެސް، ދިވެހި ރާއްޖޭގެ ރަސްކަމުގެ ތަޚުތުން ފެންނަނީ އަނެއްކައިވެސް ރަނިކަނބަލެކެވެ. އައްސުލްޠާނާ ފާތިމަތު ރާދަފަތި ކަނބައިދިކިލެގެ އެވެ. ހަމަ އެހެންމެ މީލާދީން 1363 ގައިވެސް، ދިވެހި ތަޚުތުގައި އިންނެވީ އަންހެން ކަނބަލެކެވެ. އައްސުލްޠާނާ ދާއިންކަނބައިދިކިލެގެއެވެ.

މިދެންނެވި ޒަމާންތައް މާޒީގެ ތެރެއަށް ވަދެގެން ގޮސް މީލާދީން 1609 ވަނަ އަހަރު ފެށިގެންދާއިރު، ދިވެހި ތަޚުތުން ފެންނަނީ އަނެއްކައިވެސް އަންހެން ކަނބަލެކެވެ. އުތީމު ރަސްމަތިފުށުގެ އައްސުލްޠާނާ ކަޅުކަމަނާފާނު 1609މ.ން1613މ.ށް، ދިވެހިންގެ ރަސްކަމުގެ ދާނުގައި އިންނެވި ތަނެވެ.

މީލާދީން 1752 ގައި، މުކައްރަމް މުޙަންމަދު އިމާދުއްދީން ރަދުންގެ ރަސްކަމަށްފަހު، ތަޚުތު ފަޅުވެފައި ހުރި ދުވަސްވަރު، ވަގުތީގޮތުން ރާއްޖޭގެ ތަޚުތު ފަޅުފިލުވައި ދެއްވީވެސް، ދެ އަންހެން ކަނބަލުންނެވެ. އެއްބޭފުޅަކީ ދިޔަމިގިލީ ދަރިކޮޅުގެ އިބްރާހިމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނެވެ. އަނެއްބޭފުޅަކީ އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީންގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނެވެ. ދޮންބަންޑާރައިން ރާއްޖެ ހިންގެވީ އެކަނބަލުން ތަޚުތައް އިސްކުރައްވައިގެން ހުންނަވައެވެ.

އިސްވެ ދެންނެވި ރަނިރަނިކަނބަލުން ރާއްޖޭގެ ތަޚުތުގައި ރެނދެލި ކުރެއްވި ޒަމާން ތަކަށް ބަލާއިރު، ދިވެހިރާއްޖޭގައިވެސް، ބައެއް އަންހެން ބޭފުޅުން ޤައުމުގެ ޒަޢާމަތަށް ވަޑައިގެންފައި މިވަނީ، ދުނިޔޭގެ ބައެއް ޤައުމު ތަކުގެ އަންހެން ބޭފުޅުން، އެފަދަ މަޤާމުތައް ފުރުއްވި ޒަމާނަށްވުރެ، މާކުރީގެ ދުވަސްވަރެއްގައި ކަންވެސް އެނގެއެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ، އެމެރިކާފަދަ ވަރުގަދަ ޑިމޮކްރަސީކުން އަންހެން ބޭފުޅުންނަށް ޤައުމުގެ އެންމެ މަތީމަޤާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ފަހިވުމުގެ މާކުރިން، އަންހެން ކަނބަލުންނަށް އެފުރުސަތު ލިބިދީފައިވި ޤައުމެކެވެ. ނުވަތަ ފަހިވެފައިވި ޤައުމެކެވެ.

ދިވެހި ރަސްކަމުގެ މާޒީގައި، އަންހެން ކަނބަލުންގެ ނުފޫޒާއި ދައުރު އޮތް މިންވަރަށް ބަލާއިރު، ތަޚުތަށް އިސްވެވަޑައިގެންފައި ނެތެއްކަމަކު، ޤައުމުގެ އެންމެ މަތީ މަސްލަޙަތާ ގުޅުންހުރި ކަންކަމުގައި ބަސްވިކޭ ނުފޫޒު ގަދަ ކަނބަލުން ކަމުގައި އަންހެން ކަނބަލުން ވެފައިވެއެވެ. މިސާލަކަށް ރާއްޖެ އިސްލާމް ކުރެއްވި ދަރުމަވަންތަ ރަސްގެފާނު ނުވަތަ އައްސުލްޠާނު މުޙަންމަދު އިބުނު ޢަބްދުﷲ ގެ އަނބިކަނބަލުން "ދަރްމާ" އަށް ވިސްނައިލިޔަސް މިކަން އެނގެއެވެ.

ވާހަކައިގައި ބުނާގޮތުން، އެކަމަނާއަކީ ވަރަށް މުއްސަނދި، އެހައިމެ ދީލަތި ބޭކަނބަލެކެވެ. ދައުލަތުގެ ކަމެއްގައި އެކަމަނާ ވަކިގޮތަކަށް ބަސްފުޅު ވިދާޅުވުމަށްފަހު، އޭގެ މައްޗަށް ރަދުން އިތުރު ބަސްފުޅެއް، ވިދާޅެއް ނުވެއެވެ. އިސްކަންދަރު ރަސްގެފާނުންގެ މަންމާފުޅު ކަނބާ ޢައިޝާ ރަނި ކިލެގެފާނަކީވެސް، ތިން ރަސްކަލެއްގެ ރަނިކަމަނާއެވެ. އެކަމަނާއަކީވެސް، އެހާމެ ތަނަވަސް އަދި ނުފޫޒު ގަދަ ބޭކަނބަލެއްކަން ދިވެހި ތާރީޚުން ފެންނާން އޮވެއެވެ.

ކޮންމެއަކަސް ދިވެހި ތާރީޚުން ފެންނާން އޮތް ތަނަށް ބަލައި، ވިސްނައި، ފިކުރު ކުރުމުން އެނގިގެންދަނީ، ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ، އަންހެނުންނަށް ސިޔާސީ މައިދާނުގައި ޖާގަ ލިބިފައިވި ޤައުމެއް ކަމެވެ. މިއަދުވެސް އެޖާގަ ލިބެމުން އަންނަ ގައުމެއް ކަމެވެ. މި ރާއްޖޭގެ ތާރީޚު ދެކެފައިވި އަންހެން ކަނބަލުންނަކީވެސް، ޚިދުމަތްތެރި، އެހައިމެ ހަރުދަނާ ޝަޚުސިއްޔަތުން ކަމެވެ. ކެރޭ އަދި އެހައިމެ ޢަޒުމް ވަރުގަދަ ކަނބަލުން ކަމެވެ. ގައުމުގެ އެންމެ މަތީ މަޤާމަށް ދިވެހި ކަނބަލުން ވަޑައިގެންފައި ވަނީ، އެމެރިކާފަދަ ކުރިއަރާފައިތިބި، ގިނަ ޤައުމު ތަކަށްވުރެން މާ ކުރީއްސުރެ ކަމެވެ.

×
DB released.