ސިފައިންގެ ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތް 18 ޓީމާއެކު ފަށައިފި

ޖެނުއަރީ 9، 2017: އެމްއެންޑީއެފުން އިސް ނަގައިގެން ސިފައިންގެ ތެރޭގައި ކުރިއަށް ގެންދާ ރިޔަލު ދޯނި ދުއްވުމާއި ފަކި ޖެހުމުގެ މުބާރާތުގެ ތެރެއިން: ޖުމްލަ 18 ޓީމާއެކު މި މުބާރާތް ފަށާފައި ވަނީ މިއަދު ހެނދުނު އިއްޒުއްދީން ފާލަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފުން އިސް ނަގައިގެން ސިފައިންގެ ތެރޭގައި ކުރިއަށް ގެންދާ ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތް ފަށައިފި އެެވެ.

ޖުމްލަ 18 ޓީމާއެކު އެ މުބާރާތް ފަށާފައި ވަނީ މިއަދު ހެނދުނު އިއްޒުއްދީން ފާލަމުންނެވެ. މިއަދު ހެނދުނު އެ މުބާރާތް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

އެ މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ، ޒަމާން ބަދަލުވަމުން އައި ވަރަކަށް ދިވެހިންގެ ތެރެއިން އެންމެ ކުރީގެ ކާބަފައިން ދަތުރު ކުރުމުގައި ގެންގުޅުނު ސަގާފަތް މަޑުމަޑުން ފަނޑުވަމުންދާ ކަމަށެވެ.

އެހެންކަމުން މިފަދަ މުބާރާތެއްގެ ބޭނުމަކީ އެފަދަ ސަގާފަތްތައް ދިރުވާ އާލާކޮށް، ރިޔާ ދޯންޏާއި ފަލި ބޭނުން ކުރަން ގިނަ ބަޔަކަށް އެނގުން ކަމަށް ވިދާޅުވި އެވެ.

ސިފައިންގެ ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝިޔާމް ވިދާޅުވީ މުބާރާތުގެ ސަބަބުން ސިފައިންގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރިޔަލު ދޯނީގައި ދަތުރުކުރުން ފަދަ ކަންކަން ދަސްކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގައި ބޭނުން ކުރަނީ ވެސް އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އެކި ތަމްރީނުތަކާއި އެހެނިހެން ކަންކަމުގައި އެ އުޅަނދުތައް ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.

ސިފައިންގެ ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ މުބާރާތުގައި ރިޔަލު ދޯނި ވެސް އަދި ފަލިޖަހާފައި ދުއްވާ ދޯނިތައް ވެސް 400 މީޓަރަށް ދުއްވާނެ ކަަމަށެވެ. ދޯނިތައް އަނބުރާ ލަފާނީ ވެސް އިއްޒުއްދީން ފާލަމަށެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިއަދު މެންދުރު ފަހު އިއްޒުއްދީން ފާލަން ސަރަހައްދުގައި ކަމަށް އެންއެންޑީއެފުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް