ނޮކިއާއިން އެންޑްރޮއިޑް ފޯނެއް ނެރެނީ

ޗައިނާ މާކެޓަށް ޚާއްސަކޮށްގެން ނޮކިއާއިން އެންޑްރޮއިޑް ފޯނެއް ނެރެން ނިންމައިފިއެވެ.

"ނޮކިއާ 6"ގެ ނަމުގައި ނެރޭ މި ފޯނު މާކެޓު ކުރުމަށް ނިންމާފައިވަނީ ޗައިނާގެ އިންޓަނެޓް ރީޓެއިލް ކުންފުންޏެއް ކަމަށްވާ ޖޭޑީ ޑޮޓް ކޮމް އާ ގުޅިގެންނެވެ.

އެންޑްރޮއިޑް ފޯނެއް ނެރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަން ނޮކިއާއިން އިއުލާން ކުރީ ލާސް ވޭގަސްގައި ބޭއްވި ސީއީއެސް ޓެކް ޝޯ ގައެވެ. އެ ޝޯ ގައި ހާމަކޮށްފައިވާ ގޮތުން އެންޑްރޮއިޑް ފޯނުތަކުގެ ސީރީސްއެއް މިއަހަރުގެ ތެރޭގައި އެކުންފުނިން މާކެޓަށް ނެރޭނެ އެވެ.

ނޮކިއާއިން މިހާރު ފޯނު އުފައްދަމުން ދަނީ އެޗްއެމްޑީ ގްލޯބަލް އަށް ލައިސެންސް ދީގެންނެވެ.

ޗައިނާއަށް ޚާއްސަކޮށްގެން ނެރޭ އެންޑްރޮއިޑް ފޯނުގެ ފީޗާސް:

  • ދިގު މިނުގައި 5.5 އިންޗި (ހައިޑެފިނިޝަން ޑިސްޕްލޭއެއް)
  • 16 މެގަޕިކްސެލްގެ ކެމެރާއެއް
  • ހަތަރު ޖީބީގެ ރެމަކާ އެކު 64 ޖީމީގެ ސްޓޮރެޖް

ނޮކިއާއިން ހާމަކުރި ގޮތުގައި މި ފޯނު ދުނިޔޭގެ މާކެޓަށްވެސް ކައިރި މުސްތަގުބަލެއްގައި ނެރޭނެ އެވެ. މި ފޯނުގެ އަގަކީ 1699 ޔުއާން އެވެ. އެއީ ޑޮލަރުން ބަލާއިރު 245 ޑޮލަރެވެ.

އެކުންފުނިން މީގެ ކުރިން އުފައްދަމުން އައީ ވިންޑޯސް ފޯނެވެ. ނަމަވެސް އެޕަލް ކުންފުނިން އެކުންފުނީގެ އައިފޯނުތައް މާކެޓަށް ނެރުނު ހިސާބުން ފެށިގެން ނޮކިއާއަށް ގެއްލުންވާން ފެށިއެވެ. އައިފޯނުގެ އިތުރުން އެންޑްރޮއިޑް ފޯނުތައް ތައާރަފްކުރުމުން ނޮކިއާގެ ފޯނުތަކަށް ދުނިޔޭގެ މާކެޓުގައި ޑިމާންޑް ދަށްވެ ވިޔަފަރި ބަނގުރޫޓުވާ ހިސާބަށް ގެއްލުން ވި އެވެ.

comment ކޮމެންޓް