ދިއްދޫގައި ގާލްސް ޓު ކޯޑް ޕްރޮގްރާމް ބާއްވަނީ

ލާމު އަތޮޅުގައި ބޭއްވި ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގާލްސް ޓު ކޯޑް"ގެ ފަސް ވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް
ހުޅުވާލައިފިއެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގަރާމަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ
ޕްރޮގްރާމެކެވެ.

މި ޕުރޮގްރާމްގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ބުންޏެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ 'އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ' އާ ދިމާކޮށް، މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމް ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށް ދިރާގުންނާއި ވިމެން އިން ޓެކް މޯލްޑިވްސްއިން އުއްމީދުކުރެއެވެ.

ހއ. ދިއްދުއިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރިޚާކީ މި ފެށޭ މަހު 28 އެވެ.

މި ޕްރޮގްރާމްގެ ކުލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ގާލްސް ޓު ކޯޑްގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ ފުވައްމުލައް ސިޓީގައި 2019 ވަނަ އަހަރުގައެވެ. ދެ ވަނަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ ތިނަދޫ ސިޓީގައެވެ. އަދި މި ޕްރޮގްރާމްގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ކުރިއަށް
ގެންގޮސަފައިވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގައެވެ.

comment ކޮމެންޓް