އެސްޓީއޯގެ ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް އަރައިފި

އެސްޓީއޯ ހެޑް އޮފީސް އިމާރާތް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު 182.6 މިލިއަން ރުފިޔާއަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ.

ނަމަވެސް, މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 270 މިލިއަން ރުފިޔާއަށް ވުރެ 27.9 ޕަސެންޓް ދަށް އަދަދެކެވެ.

ދިވެހި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 617.1 މިލިއަން ރުފިޔާގެ ޖުމުލަ ފައިދާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 791 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ލިބުނު އަދަދަށް ވުރެ 21.9 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޖުމުލަ ފައިދާ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ 18.1 އިންސައްތަ ވަނީ އިތުރުވެފައެވެ. ކުންފުނީގެ ހަރަދު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަހު ވަނީ އިތުރުވެފައެވެ.

އެގޮތުން, އެސްޓީއޯއިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.88 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ޚަރަދުކޮށްފައިވަނީ 3.65 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ކުންފުނީގެ ޚަރަދު މިވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި މި ކުއާޓަރުގައި އާމްދަނީގެ 83 ޕަސެންޓަކީ ތެލުގެ ވިޔަފާރިން ލިބިފައިވާ އާމްދަނީއެވެ.

comment ކޮމެންޓް