ސިޔާމް-މައުރޫފް ސޮކާކަޕްގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެ އައި ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ކާލޯސް ޕްޔޯލް ޗުއްޓީ ނިންމާލުމަށް ފަހު އެނބުރި ގައުމަށް ހިނގައްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި ޕްޔޯލް އާއި އޭނާގެ އަނބިކަބަލުން ސްޕެއިންގެ މަޝްހޫރު މޮޑަލް ވެނެސާ ލޮރެންޒޯއާ ވަނީ ޖެހިގެންއައި ދުވަހު ނ. ކެނދިކުޅުދޫގައި ކުރިއަށްދިޔަ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދީފައެވެ.
ސަން ސިޔާމް އިރުފުށި ރިސޯޓްގައި ހަފްތާއެއްގެ ޗުއްޓީ އެއް ޕިޔޯލް ހޭދަކޮށްލުމަށްފަހު އޭނާ އެނބުރި ގައުމަށް ގޮސްފައިވަނީ މިއަދު ހެނދުނު ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕްޔޯލަށް އަލްވަދާއު ދެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސެކެޓްރީ ޖެނަރަލް ހުސައިން ޖަވާޒެވެ. އަލްވަދާއު ދެންނެވުމުގެ ގޮތުން އެފްއޭއެމް އިން ވަނީ ޕްޔޯލަށް ރާއްޖޭގެ ގައުމީ ޓީމްގެ ޖާޒީއެއް ވެސް ހަދިޔާކޮށްފައެވެ.
ރާއްޖޭގައި ހޭދަކޮށްލި ހަފްތާއެއްގެ ތެރޭގައި ޕްޔޯލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން އޭނާގެ ސަޕޯޓަރުންނާއި މުޅި ދުނިޔެއަށް ވެސް ދައްކާލާފައެވެ. ޕްޔޯލްގެ ދަތުރާ ގުޅޭ ގޮތުން އޭނާ މީގެ ކުރިން ބުނީ މި ދަތުރަކީ އޭނާ ރާއްޖެ އަންނާނެ ފަހު ދަތުރަށް ވެގެން ނުދާނެ ކަމަށާއި އަދިވެސް އެނބުރި ރާއްޖެ އައުމަށް އުންމީދު ކުރާ ކަމަަށެވެ.