ބާސެލޯނާއިން ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ އަނބުރާ އެ ކުލަބަށް ގެންނަން ބޭނުންނަމަ މާޒީގައި ވެދިޔަ ކަންތައްތައް ހަނދާން ނައްތާލަން ޖެހޭނެކަމަށް އެކުލަބުގެ ކުރީގެ ކެޕްޓަން ކާލޯސް ޕުޔޯލް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ނޭމާ އަންނަ ސީޒަނުގައި ޕީއެސްޖީއިން ނުފެންނާނެ ކަމުގެ އަޑު ސޯޝަލަ މީޑިއާގައި ދުވަހަކަށް ފަހު ދުވަހެއް ބާރު ވަމުން އަންނަ އިރު އޭނާ އެ ކުލަބުގެ ޕްރި - ސީޒަނަށް ވެސް ހާޒިރު ނުވެއެވެ. އެ މައްސަލައިގައި އޭނާއަށް އަދަބެއް ދޭނެ ކަމަށް ޕީއެސްޖީއިން ބުނެފައި ވާ އިރު މިކަން ކަމުގެ ހަގީގަތަކީ ނޭމާ ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް ބާރުދޭ ހެކި ތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މީގެ ދެ ސީޒަނުގެ ކުރިން ނޭމާ ޕީއެސްޖީއަށް ބާސެލޯނާ ދޫކޮށް ދިޔައީ 222 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އެކި އެކި އަނިޔާތަކުގެ ސަބަބުން ނޭމާ ގެ ފަރާތުން ޕީއެސްޖީއަށް އެކަށީގެންވާ ފައިދާއެއް ލިބިފައި ނުވުމުން މާލީ ގޮތުން ހެޔޮވަރު އަގަކަށް އޭނާ ދޫކުރެވިދާނެ ކަމަށް ޕީއެސްޖީގެ ސްޕޯޓްސް ޑިރެކްޓަރު ލިއެނާޑޯ ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ނޭމާ ވެސް ހުރީ ބާސެލޯނާއަށް އެނބުރި ދިއުމަށް ކެތްމަދުވެފަ އެވެ. ނަމަވެސް އޭނާ އެނބުރި އެކުލަބަށް ދާން އެންމެ ބޮޑު ހުރަހަކަށް ވެފައި އޮތް ކަމަކީ މާޒީގައި އެ ކުލަބާއާއި ނޭމާއާ ދެމެދު ޖެހުނު މައްސަލަތަކެކެވެ. ނޭމާ ބާސެލޯނާ ދޫކޮށް ދިޔައީ ވަރަށް ވެސް އުނދަގޫ ހާލަތެއްގައި ކުލަބު އޮއްވަ އެވެ.
އަދި ޓްރާންސްފާ ސީޒަން ނިމެން ގާތް ވެފައި ވަނިކޮށް ނޭމާ ފަދަ މުހިއްމު ކުޅުންތެރިޔަކު ކުލަބު ދޫކޮށްލާނެ ކަން ކުއްލިޔަކަށް އެންގުމުން އޭނަގެ ބަދަލުގައި ފެންވަރު ރަނގަޅު ކުޅުންތެރިޔަކު ގެނެވޭ ގޮތް ބާސެލޯނާއަށް ވަނީ ނުވެފަ އެވެ.
މީގެ އިތުރުން ނޭމާ ވަނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ބާސެލޯނާ ގޮވައިގެން ކޯޓަށް ވެސް ގޮސްފަ އެވެ. ނަމަވެސް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޕުޔޯލަ ނޭމާ ދިފާއު ކުރަމުން ބުނީ އެ ކުލަބުން ނޭމާ ގެންނަން ބޭނުން ނަމަ ޖެހޭނީ މާޒީގައި ވެދިޔަ ކަންކަން ހަނދާން ނައްތާލަން ކަމަށެވެ.
"ނޭމާ ފަދަ ކުޅުންތެރިޔަ މާކެޓުގައި ލިބެން ހުރި ނަމަ މާޒީގައި ވެދިޔަ ކަން ކަމަށް ބެލުން މުހިއްމެއް ނޫން. އޭނާ ޕީއެސްޖީގައި މި ވޭތުވެ ދިޔަ ދެ ސީޒަނުގައި ކުޅުނު ނަމަވެސް ބާސެލޯނާއިން އޭނާއަށް އިހުތިރާމު ކުރާނެ،" ޕުޔޯލް ބުންނެވެ.
ޕުޔޯލް ބުނީ ނޭމާ އެނބުރި އައުން ވާނީ ކުލަބަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އޭނާ އަކީ މިވަގުތު ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.