އެވޯޑް ނައިޓްގެ ހާއްސަ މެހެމާނެކަށް ބާސާގެ ކުރީގެ ކެޕްޓަން ޕުޔޯލް

ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް--

މި އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުން ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ރާއްޖެ ގެނަން ނިންމައިފި އެވެ.

އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ހަބަރު ގެނެސްދޭ އޮންލައިން ވެބްސައިޓް މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްއާ ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރު ގޭގަ އެވެ.

ޕުޔޯލް ވަނީ މިދިޔަ އަހަރު ވެސް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އޭނާ ރާއްޖެ އައިސްފައި ވަނީ ނ. އަތޮޅު މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނުގެ ގޮތުގަ އެވެ.

ޕުޔޯލް ވަނީ ޔޫތު ކެރިޔަރުން ފެށިގެން ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ޕުޔޯލް ވަނީ 1999 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބާސާގެ ސީނިއާ ޓީމަށް ކުޅެ، މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ބާސާއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި ޕުޔޯލް ވަނީ 2004 ވަނަ އަހަރުން ފެށިގެން ކުޅުން ހުއްޓާލުމާ ހަމައަށް ބާސާގެ ކެޕްޓަން ކަމުގެ ދައުރު ވެސް އަދާކޮށްފަ އެވެ. އޭގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާ އެކު ވެސް އޭނާ ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އެވެ.

އެވޯޑް ނައިޓްގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ނަންތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުން ރާއްގެ ގެނެސްފައި ވަނީ މެންޗަސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް އެވެ.

comment ކޮމެންޓް