ޕުޔޫލްގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަކީ ޕީކޭ!

ޕުޔޮލްއާއި ޕީކޭ ބާސާގައި ހޭދަކުރި ދުވަސްވަރު --- ފޮޓޯ/ ގެޓީ

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރަކީ ސްޕެއިން އަދި ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް ޕީކޭ ކަމަށް ކާލަސް ޕުޔޮލް ބުނެފިއެވެ.

ބާސާގައި ޕީކޭއާއު ގިނަ މެޗުތަކެއް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ޕުޔޮލްވަނީ ސްޕެއިން ޓީމަށްވެސް ޕީކޭއާއެކު ކުޅެފައެވެ. ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕް އަދި ޔޫރޯވެސް ހޯދައިފައިވާ އެ ދެ ޑިފެންޑަރުންނަކީ ޔޫރަޕްގައި ފާހަގަކޮށްލެވުނު ސެންޓްރަލް ޑިފެންސިވް ޕެއާއެކެވެ.

ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުގެ ބަހުސަކީ ހޫނު ގަދަ ބަހުސެކެވެ. ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއާއި ޖަރުމަނުގެ ޑިފެންޑަރުން ކަމަށްވާ މެޓްސް ހަމުލްސް އަދި ޖެރޯމް ބޯޓެންގަކީވެސް ފާހަގަކޮށްލެވޭ ޑިފެންޑަރުންނެވެ. މީގެ އިތުރުންވެސް އުންމީދީ ޑިފެންޑަރު ރަފޭލް ވަރާންއަކީވެސް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ ލަވަންގާޑިއާ ވާހަކަ ދައްކަމުން ޕުޔޮލް ބުނެފައިވަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރަކީ ޖެރާޑް ޕީކޭ ކަމަށެވެ. އަދި ޕީކޭ މިހާރު ހުރީ ރަނގަޅު އުމުރުގައި ކަމަށާއި، ފިޒިކަލީވެސް އޭނާ ފިޓް ކަމަށްވެސް ޕުޔޮލް ބުންޏެވެ. މީގެ އިތުރުން ޕީކޭގެ އެންމެ ހާއްސަކަމަކީ ދަނޑުމަތީގައި އޭނާގެ ތޫނުފިލިކަން ކަމަށާއި، ތޫނުފިލި ކަމުގެ ބޭނުން ކުރުން ޕީކޭ ފަރާތުން އިތުރުވަމުންދާ ކަމަށްވެސް ޕުޔޫލް ބުންޏެވެ.

ޕީކޭއަކީ ދަނޑުމަތީގައި ލީޑަރެއް ކަމަށާއި، އޭނާ ހުންނަ ޓީމެއްގެ ޑިފެންސްގެ ފުލް ކޮންޓްރޯލް ޕީކޭ އަތުގައި އޮންނާނެ ކަމަށްވެސް ޕުޔޮލް ބުނެފައިވެއެވެ. ޕުޔޮލް ބުނީ ޕީކޭއަކީ ޕޮސިޝަނިން އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށާއި، ޕީކޭގެ ފަރާތުން ޒިންމާދާރުކަން ކުރިއަށްވުރެ ބޮޑަށް މިހާރު ފެންނަ ކަމަށެވެ.

ޕުޔޮލް އިތުރަށް ބުނީ ޕީކޭއަކީ ގޯލް ޖެހުމަށް ހާއްސަ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި، އެ ހުނަރު ހުންނަ ޑިފެންޑަރުން މަދުވާނެ ކަމަށެވެ. ޕީކޭ ކުރިއަށް އަރާނީ މަދު ފަހަރަކު ނަމަވެސް، އޭނާ ކުރިއަށް އަރާ ކޮންމެ ފަހަރަކު އިދިކޮޅު ޓީމުގެ ޑިފެންސަށް ބޮޑެތި ނުރައްކާތަކެއް ކުރާނެ ކަމަށް ޕުޔޮލް ފާހަގަކުރިއެވެ.

ބާސާގެ އެންމެ ކާމިޔާބު ދުވަސްވަރު، އެޓީމުގެ ޑިފެންސުން ފެނިގެންދިޔައީ ޕީކޭއާއި ޕުޔޮލްއެވެ. އެ ދެ ކުޅުންތެރިންވެސް ވަނީ ބާސާގެ އިތުރުން ގައުމީ ޓީމާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.

comment ކޮމެންޓް