11 ރަށެއްގެ ފައިސާ ނުލިބެނީސް ޚިދުމަތް ފޯރުކޮށްދިން، ފައިސާގެ ލިޔެކިޔުންތައް ބަލަހައްޓާފައި ނެތް

ކުރީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު -- ސަންފޮޓޯ/ އަލީ ނަސީރު

ދެހާސް ސާދަވަނަ އަހަރުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބައެއް ފަޅުރަށްރަށުން ލީސް ޓްރާންސްފާ އަދި ލީސް މޯގޭޖުގެ ފައިސާ ނުދައްކަނީސް އެތަންތަނަށް ޓުއަރިޒަމް މިނިސްޓްރީން ޚިދުމަތް ފޯރުކޮށްދީފައިވާކަން ހާމަވެއްޖެ އެވެ.

މި ހަފްތާގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ، ޓުއަރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓު ނެރުއްވައިފަ އެވެ. އޭރު ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

އެ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، 11 ފަޅުރަށެއްގެ ފައިސާ އެއްކޮށް ދައްކާ ނުނިމެނީސް އެރަށްރަށަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ޓުއަރިޒަމް މިނިސްޓްރީން ފޯރުކޮށްދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ގޮތުން، ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތަށް، ދޭ ޚިދުމަތަށް ނުވަތަ ވިއްކާ އެއްޗެއްގެ ފައިސާ، އެކަމެއް ނިމޭތާ މަސް ދުވަސް ތެރޭގައި ހޯދަން ޖެހެ އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން ދޭ ޚިދުމަތްތައް ދެނީ، އެ ޚިދުމަތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމުމުން ކަމަށް އެ މިނިސްޓްރީ އިން އޮޑިޓު އޮފީހަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

އެހެން ނަމަވެސް، 2014 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، ލީސް ޓްރާންސްފާގެ މުއާމަލާތްތަކުގެ ފައިސާ ނުލިބެނީސް ޓުއަރިޒަމް މިނިސްޓްރީން ހަތް ރަށަކަށް ޚިދުމަތް ފޯރުކޮށްދީފައިވެ އެވެ.

އެ ހަތް ރަށަކީ އއ. މަތިވެރީ ފިނޮޅު، ބ. ހިބަޅިދޫ، ލެއިޝާ ބީޗް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ވ. ފޮއްތެޔޮ އަދި ބޮޑުފުށި، އިޓަލީގެ ބަލްޔޯނީއިން ތަރައްގީކުރަމުންދާ ދ. މާގައު، ބ. ބޮޑުފަރު ފިނޮޅު، ސޮނޭވާ ޖާނީ ރިސޯޓު ހަދާފައިވާ ނ. މެދުފަރާއި، ރ. ފާރަފުއްޓެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ނިޔަލަށް، ލީސް މޮގޭޖްގެ މުއާމަލާތްތަކުގެ ފައިސާ ނުލިބެނީސް ޓުއަރިޒަމް މިނިސްޓްރީން ޚިދުމަތް ފޯރުކޮށްދިން ހަތަރު ރަށަކީ އދ. ތުނޑުފުށި، ޖުމެއިރާ ވިއްޓަވެލި ރިސޯޓު ހިންގާ ކ. ބޮލިފުށި، ޔުނިވާސަލް ރިސޯޓްސްއިން ރ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ރ. ދިގަލި، އަދި މިއަހަރު "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ"ގެ ނަމުގައި ރިސޯޓު ހުޅުވައި، ހިންގަމުން އަންނަ ކ. މާދޫއެވެ.

މިއިން ކޮންމެ ރަށަކަށް ފޯރުކޮށްދިން ޚިދުމަތަށް ލިބެން ޖެހޭ އަދަދު ކަމަށް ބެލެވޭ ފައިސާގެ އަދަދެއް، އޮޑިޓު ރިޕޯޓުގައި ޖަހާފައިވެ އެވެ. އެއީ، ލީސް ޓްރާންސްފާގެ ކޮންމެ ރަށަކަށް 5،000 ޑޮލަރު، އަދު ލީސް މޯގޭޖްގެ ކޮންމެ ރަށަކަށް 10،000 ރުފިޔާ އެވެ.

އެހެން ނަމަވެސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ލިބެންޖެހޭ ފައިސާގެ ތަފްސީލު އެނގޭ ގޮތަށް މިނިސްޓްރީގެ އާމްދަނީއާ ބެހޭ ލިޔެކިޔުންތައް ބަލަހައްޓާފައި ނެތް ކަމަށެވެ. އެހެންކަމުން 2014 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ އަދަދާއި، ނުލިބިވާ އަދަދު ޔަގީން ނުކުރެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

"ލިބެންޖެހި، ނުލިބިވާ ފައިސާގެ ހިސާބު ނުބަލަހައްޓާ ނަމަ، އެ ފައިސާ އަނބުރާ ހޯދުމަށް އުނދަގޫވެ، ދައުލަތަށް މާލީ ގެއްލުމާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" އޮޑިޓު ރިޕޯޓުގައި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް