މާގައުގައި އިޓަލީގެ ބަލްޔޯނީން ރިސޯޓެއް ތަރައްގީކޮށް، އަންނަ އަހަރު ހުޅުވަނީ

ދ. މާގައުގައި ބަލްޔޯނީން އަޅާ ރިސޯޓު--

ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ، އިޓަލީގެ ބަލްޔޯނީ ހޮޓެލްސްއިން ރާއްޖޭގައި ތަރައްގީ ކުރާ ބަލްޔޯނީ މޯލްޑިވްސް ރިސޯޓު، އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަަމށް ބުނެފި އެވެ.

ބަލްޔޯނީ ހޮޓެލްސްއިން ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަނީ ދ. މާގައުގަ އެވެ.

ފަތުރުވެރިކަމާ ބެހޭ، އިޓަލީގެ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުން، ދ. މާގައުގައި ތަރައްގީ ކުރާ ބަލްޔޯނީ މޯލްޑިވްސް ރިސޯޓަކީ، ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ ރިސޯޓެކެވެ.

ފަސްތަރީގެ ފެންވަރަށް ތަރައްގީ ކުރާ އެ ރިސޯޓުގައި ހަތް ގިންތިއެއްގެ 99 ވިލާ ހެދުމަށް ބަލްޔޯނީން ނިންމާފައިވެ އެވެ. އަދި އެ ރިސޯޓުގައި އިޓާލިއަން ރެސްޓޯރަންޓަކާއި ޖަޕަނީސް ރެސްޓޮރަންޓެއްގެ އިތުރުން އިންޓަނޭޝަނަލް ކުއިޒީން ރެސްޓޮރަންޓެއް ވެސް ހުންނާނެ ކަމަށް ބަލްޔޯނީން ބުނެ އެވެ.

ދ. މާގައުގައި ބަލްޔޯނީން ހަދާ ރިސޯޓުގެ ވިލާއެއް-

ބަލްޔޯނީން އުންމީދު ކުރަނީ ރިސޯޓު ހުޅުވައިގެން އޮޕަރޭޓު ކުރާ ފުރަތަމަ އަހަރު 20 މިލިޔަން ޔޫރޯގެ އާމްދަނީއެއް ހޯދުމަށެވެ.

ބަލްޔޯނީ ހޮޓެލްސްގެ ސީއީއޯ ގުއިލްޑޯ ޕޮލީޓޯ ވިދާޅުވީ ބަލްޔޯނީގެ ކޮލިޓީއަށް އަސަރު ކުރާނެ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށާއި އެ ކުންފުނިން މިހާރު އެންމެ އިސްކަން ދެނީ އެ ކުންފުނީގެ ބްރޭންޑާއި ކޮލިޓީގެ އިތުރުން ބަލްޔޯނީ ބްރޭންޑު ބައިނަލްއަގުވާމީ ކުރުމަށް ކަމަށެވެ.

ބަލްޔޯނީގެ ހޮޓެލްތައް މިހާރު ހުންނަނީ އިޓަލީގެ މިލާން އާިއ ފްލޮރެންސް އާއި ވެނީސް އާއި ރޯމް އަދި ޓަސްކަނީގެ އިތުރުން ފްރާންސްގެ އެކްސޮންޕްރޮވޮންސް އާއި ސޮން ޕޯލް ދޮ ވޮންސާއި އިނގިރޭސި ވިލާތުގެ ލަންޑަނާއި މޮރޮކޯގެ މަރާކަޝްގަ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، މާގައުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން، 2014 ވަނަ އަހަރު ނެރުނު އެމއެމްޕީއާރުސީގެ ޚާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ އަހަރުގެ ޖޫން މަހު ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓްރީއާ އެ ރަށް ހަވާލު ކުރި އިރު، ޓުއަރިޒަމް މިނިސްޓްރީން ވަނީ އޭރުގެ މިނިސްޓާ އަދީބުގެ މަސްލަހަތު އޮންނަ ބަޔަކަށް އެ ރަށް ކުއްޔަށް ދޫކޮށްފަ އެވެ.

އެ ރަށް ދޫކޮށްފައި އޮތީ އިޓަލީގެ ރައްޔިތެއް ކަމުގައިވާ އަލިބަޓީނޯ ޕެރޫޒޯ ކިޔާ މީހަކާއި، ޕެނަމާގެ އެމްބާމަންތު އެސްއޭ ނަމަކަށް ކިޔާ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ދިވެހި ކުންފުންޏެއް ކަމުގައިވާ ނިއު މޫޑް ޕްރައިވެޓް ލިމިޓެޑަށް، ނުވަތަ އެ ކުންފުންޏަ ގުޅުން ހުރި ފަރާތަކަށެވެ. އަދި ދ. މާގައުގެ ހެޑް ލީސް ވެސް ޖަމާކޮށްފައި ވަނީ އަދީބުގެ މަސްލަހަތު އޮންނަ މޮންޓިލިއަން ކުންފުންޏަށެވެ. ނަމަވެސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، އެ ރަށް ރިސޯޓު ހެދުމަށް ދޫކުރި ކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށެވެ.

comment ކޮމެންޓް