އަންޑަވޯޓާ ރެސްޓޯރަންޓަކާ އެކު އެޓްމޮސްފިއާއިން މާދޫގައި ތަރައްގީ ކުރާ "އޯޒެން" ޖުލައި މަހު ހުޅުވަނީ!

އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ -- ފޮޓޯ/ފްލިކާ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްގީކުރާ ރިސޯޓު "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ"، މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް އެޓްމޮސްފިއާ ހޮޓެލްސްއިން ތައްޔާރުވެއްޖެ އެވެ.

ފަން އައިލެންޑް ރިސޯޓުގެ އުތުރުން، މާލެއަތޮޅުގައި އޮންނަ ކ.މާދޫގައި "އޯޒެން ބައި އެޓްމޮސްފިއާ" ހުޅުވުމަށް ތައްޔާރުވެފައިވާ އިރު، މިއީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްގީ ކުރާ ތިންވަނަ ރިސޯޓެވެ.

މިއަހަރުގެ ޖުލައި މަހު ހުޅުވާ "އޯޒެން ބައި އެޓްމޮސްފިއާ" ހަދާފައި ވަނީ މާދޫއާއި، މާދޫ ކައިރީގައި އޮންނަ ކުޑަ ތިން ފިނޮޅު ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން ދެ ފިނޮޅެއް އޮންނަނީ ފާލަމަކުން މާދޫއާ ގުޅާލައިފަ އެވެ.

މާދޫގައި 41 ބީޗު ވިލާ ހުންނަ އިރު، މާދޫގެ އުތުރުން އޮންނަ ފިނޮޅާ ގުޅުވާލާފައި އޮންނަ 48 މޫދު ކޮޓަރި ހުރެ އެވެ. އަދި 430 އަކަ މީޓަރު ހުންނަ "އޯޒެން ސުއީޓް" ނަމަކަށް ކިޔާ މާސިންގާ ވޯޓަރ ވިލާއެއްވެސް ހުރެ އެވެ. މިއިން ބައެއް ވިލާތަކުގައި އަށް މީޓަރުގެ ޕްރައިވެޓް ސްވިމިންގ ޕޫލު ހުރެ އެވެ.

އޯޒެން ބައި އެޓްމޮސްފިއާގައި ފަސް ރެސްޓޯރަންޓެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ވޯޓަރ ވިލާތަކާ ދިމާލުން ހަދާފައި ހުންނަ އަންޑަވޯޓާ ރެސްޓޯރަންޓެވެ.

އިންޑިއަން އޯޝަން ހޮސްޕިޓެލިޓީ ބްރޭންޑު "އެޓްމޮސްފިއާ" ގެ އިތުރު ދެ ރިސޯޓެއް މިހާރު ވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެއީ ޅ. އަތޮޅުގައި އޮންނަ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސްއާއި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ އަތޮޅު ހެލެނގެލީގައި ހުޅުވުނު "އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި" އެވެ.

comment ކޮމެންޓް