އަހަރުގެ އެންމެ ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ރާއްޖޭގެ ޖުމެއިރާ ވިއްޓަވެލި އަށް

ރާއްޖޭގެ ޖުމެއިރާ ވިއްޓަވެލި ރިސޯޓްގެ މޫދު ކޮޓަރިއެއް --- ފޮޓޯ/ ޖުމެއިރާ ވިއްޓަވެލި

އޭޝިއާ ސަރަހައްދުގެ ސްޕާތަކުގެ ފެންވަރު ވަޒަންކޮށް ދެމުން އަންނަ އޭޝިއާސްޕާ އެވޯޑްސްގައި އަހަރުގެ އެންމެ ރޮމޭންޓިކް ރިސޯޓް/ ހޮޓެލްގެ އެވޯޑް ރާއްޖޭގެ ޖުމެއިރާ ވިއްޓަވެލި ރިސޯޓަށް ލިބިއްޖެއެވެ.

އޭޝިއާސްޕާ މެގަޒިން އިން 2005 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުން އަންނަ އޭޝިއާސްޕާ އެވޯޑްސް ދިނުމަށް މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރިސޯޓަކަށް ލިބުނު ހަމައެކަނި އެވޯޑް ވެސް ލިބިފައިވަނީ ޖުމެއިރާ ވިއްޓަވެލި ރިސޯޓަށެވެ.

މިއަހަރުގެ އޭޝިއާސްޕާ އެވޯޑްސް ގައި ދެކުނުއިރުމަތީ އޭޝިއާ އަދި ޕެސިފިކް ރީޖަންގެ "ސްޕާ އޮފް ދަ އިޔާ"ގެ އެވޯޑް ލިބުނީ، މެލޭޝިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވައިޓީއެލް އިން މެލޭޝިއާގެ ޕެރާކް ސްޓޭޓްގެ ޕްރައިވެޓް އިލެންޑެއްގައި ހިންގަމުން އަންނަ ޕަންކޯ ލައުޓް ރިސޯޓްގެ ސްޕާ ވިލޭޖަށެވެ.

އެ އެވޯޑަށް ނޮމިނޭޓްވި ބައެއް މަޝްހޫރު ސްޕާތަކުގެ ތެރޭގައި ބާލީ، ޓައިވާންގެ އިތުރުން ސްރީލަންކާގެ ސްޕާއެއްގެ އިތުރުން ރާއްޖޭގެ ޝެވަލް ބްލޭންކް ސްޕާ ވެސް ހިމެނެއެވެ.

މީގެ އިތުރުން އުތުރު އަދި ހުޅަނގު އޭޝިއާގެ އަހަރުގެ ސްޕާ އަކަށް ހޮވިފައިވަނީ ޗައިނާގެ ޝަންހާއީގައި ހިންގަމުން އަންނަ ފެއާމޮންޓް ޕީސް ހޮޓެލްގެ ވިލޯ ސްޓްރީމް ސްޕާއެވެ.

އޭޝިއާ ސަރަހައްދުގެ ސްޕާ ވިޔަފާރިއަށް ދޭންފެށި އޭޝިއާސްޕާ އެވޯޑްސްގައި މިއަހަރު އެންމެ ގިނަ އެވޯޑް ގެންގޮސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުގެ ހަ ފަރާތަކުން މިއަހަރުގެ އެވޯޑް ގެންދިޔައިރު، އިންޑަނޭޝިއާއަށް ފަސް އެވޯޑެއް އަދި ތައިލޭންޑުން ވަނީ ހަތަރު އެވޯޑެއް ލިބިފައެވެ.

ރާއްޖެ އާއެކު ޖަޕާން އަދި އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ.

އޭޝިއާސްޕާ އެވޯޑްސްގައި އަހަރުގެ އެންމެ ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ރާއްޖޭގެ ޖުމެއިރާ ވިއްޓަވެލި ރިސޯޓަށް ލިބުނުއިރު، އެ ރިސޯޓަށްވަނީ މިއަހަރު ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ރާއްޖޭގެ ރިސޯޓް/ ހޮޓެލްތަކުގެ ތެރެއިން އެންމެ ލަގްޒަރީ އައިލެންޑް ރިސޯޓްގެ އެވޯޑް ވެސް ލިބިފައެވެ.

comment ކޮމެންޓް