ސިޔާމް-މައުރޫފް ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް ރާއްޖެ އަތުވެއްޖެ

ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް ރާއްޖެ އައުން ---

ސިޔާމް-މައުރޫފް ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން، ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ރާއްޖެ އަތުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ ދައުވަތަކަށް ޕުޔޯލް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މިއަދު ހެނދުނު ޕުޔޯލް ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން އަދި ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯއާ އެކު އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޕުޔޯލްއާއި އޭނާގެ އަންހެނުން ފޭބުމުން އެ ދެ މީހުންނަށް މަރުހަބާ ކިޔުމަށް ސަން-ސިޔާމް ސޮކާ ކަޕްގެ އެއް ބާނީ ކަމަށްވާ މައުރޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައެއް އޮފިޝަލުންގެ އިތުރަށް ސަން ސިޔާމް ގްރޫޕްގެ އައިޝަތު ރަފިއްޔާ ވަޑައިގަތެވެ.

ނ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ސިޔާމް-މައުރޫފް ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީ އާއި ކެނދިކުޅުދޫ އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. އެ މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދޭނީ ޕުޔޯލް އެވެ. ސަން ސިޔާމް އިރުފުށި ރިސޯޓުގައި ޕުޔޯލް މަޑުކުރުމަށް ފަހު، އޭނާ ކެނދިކުޅުދުއަށް ދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހު 2:45 ގައެވެ.

ޕުޔޯލް އާއި އޭނާގެ އަންހެނުން ޗުއްޓީ ހޭދަ ކުރާނީ ސަން ސިޔާމް އިރުފުށީގަ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާން ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން އިރުފުށި ރިސޯޓުގައި ---

ޕުޔޯލް ވަނީ ޔޫތު ކެރިޔަރުން ފެށިގެން ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ޕުޔޯލް ވަނީ 1999 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބާސާގެ ސީނިއާ ޓީމަށް ކުޅެ، މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ބާސާއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި ޕުޔޯލް ވަނީ 2004 ވަނަ އަހަރުން ފެށިގެން ކުޅުން ހުއްޓާލުމާ ހަމައަށް ބާސާގެ ކެޕްޓަން ކަމުގެ ދައުރު ވެސް އަދާކޮށްފަ އެވެ. އޭގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާއެކު ވެސް އޭނާ ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެ ދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގަ އެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް