ލީބިޔާގެ ބޯޓު ހައިޖެކްކުރި ދެ މީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ލީބިޔާގެ ފްލައިޓް ހައިޖެކްކުރި ދެ މީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވަނީ --- ފޮޓޯ/ ރޮއިޓާސް

ލީބިޔާގެ އަފްރީގިޔާ އެއާވޭސްގެ މަތިންދާބޯޓު އެއާބަސް އޭ320 ހައިޖެކްކުރި މީހުން އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

އެ މަތިންދާބޯޓު ހައިޖެކްކޮށްފައި ވަނީ ލީބިޔާގެ ސެބޭއިން ޓްރިޕޮލީ އަށް ދަތުރުކުރަމުން ދަނިކޮށެވެ. ހައިޖެކް ކުރުމަށްފަހު އެ މަތިންދާބޯޓު ޑައިވާޓްކޮށް، ޖެއްސީ މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

ލީބިޔާގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ މަތިންދާބޯޓު ހައިޖެކްކުރި ދެ މީހުން ފުލުހުންނާ އަމިއްލަ އަށް ހަވާލުވުމުގެ ގޮތުން މަތިންދާބޯޓު ކައިރީ ދެ ކަކޫ ޖެއްސުމުން މޯލްޓާގެ ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށްފަ އެވެ.

ހައިޖެކް ކުރުމުގައި ބައިވެރިވި ދެ މީހުން ހައްޔަރު ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޓާގެ ބޮޑުވަޒީރު ޖޯސެފް މުސްކެޓް ވިދާޅުވީ، އެ ދެ މީހުންގެ އަތުގައި ފިސްތޯލައަކާއި ހޭންޑް ގްރެނޭޑެއް އޮތް ކަމަށެވެ. ފަހުން މަތިންދާ ބޯޓު ހޯދާ ބެލިއިރު، އެ ބޯޓު ތެރެއިން އިތުރު ފިސްތޯލައެއް ވެސް ފެނިފައިވެ އެވެ.

"ހައިޖެކް ކުރި ދެ މީހުން މިހާރު ތިބީ އަހަރެމެންގެ ބެލުމުގެ ދަށުގައި. އެމީހުންނާ ސުވާލު ކުރަމުންމިދަނީ. ފަސިންޖަރުންނާއި ފްލައިޓްގެ ކްރޫ މެންބަރުންނާ ވެސް ސުވާލުކުރެވޭނެ. ސުވާލުކޮށް ނިމުމުން ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭގައި އަހަރެމެން އެ އެންމެން އެނބުރި ލީބިޔާ އަށް ފޮނުވާލާނަން،" މޯލްޓާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ހަބަރުތައް ބުނާގޮތުގައި، ހައިޖެކް ކުރުމުގައި ބައިވެރިވި ދެ މީހުންނަކީ ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީ އަށް ތާއީދު ކުރާ ގްރޫޕެއް ކަމަށްވާ އަލް ފަތަހް އަލް ގަދީދާއަށް ނިސްބަތްވާ 20 އަހަރުގެ ދެ ޒުވާނުންނެވެ.

ހޭންޑް ގުރެނޭޑެއް ބޭނުންކޮށްގެން މަތިންދާބޯޓު ގޮއްވާލާނެ ކަމަށްބުނެ މޯލްޓާ އަށް ޖެއްސި ފްލައިޓްގައި 118 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލައިޓުގެ ހަތް ކުރޫ މެމްބަރުންނާއި 82 ފިރިހެންންނާއި 28 އަންހެނެއް އަދި ކުޑަކުއްޖެކެވެ.

ބޯޓު ހައިޖެކް ކުރުމަށްފަހު، ފްލައިޓްގެ ކްރޫން ފިޔަވާ ހުރިހާ އެންމެން ފުރަތަމަ ދޫކޮށްލާފައިވެ އެވެ. ހުށަހެޅުންތަކެއް ފުރިހަމަކޮށްދިނުމުން ނޫނީ ކްރޫ މެންބަރުން ދޫނުކޮށްލާނެ ކަމަށް އެ މީހުން ބުނަމުންދިޔަ ނަމަވެސް، ފަހުން ކްރޫ މެންބަރުން ވެސް ދޫކޮށްލާފައިވެ އެވެ.

comment ކޮމެންޓް