މާކެލް އާއި ހިޓްލާއާ އެއްގޮތް ކަމަށް ބުނި މޯލްޓާގެ ސަފީރު އިސްތިއުފާ ދީފި

މޯލްޓާއިން ފިންލޭންޑަށް ކަނޑައަޅާފައި ހުންނެވި ސަފީރު މައިކެލް ޒެމިޓް ޓަބޯނާ (ވ) -- ފޮޓޯ: މޯލްޓާ ފޮރިން މިނިސްޓްރީ

ވަލެޓާ (މެއި 11): ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އެގައުމުގެ ކުރީގެ ހުދުމުހުތާރު ވެރިޔާ އެޑޮލްފް ހިޓްލަރާ އެއްގޮތް ކަމަށް ވިދާޅުވެ، މޯލްޓާގެ ސަފީރު އިސްތިއުފާ ދެއްވައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

މޯލްޓާއިން ފިންލޭންޑަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު މައިކެލް ޒެމިޓް ޓަބޯނާ މިދިޔަ ހުކުރު ދުވަހު ފޭސްބުކް މެދުވެރިކޮށް ވިދާޅުވި ގޮތުގައި މާކެލް ވަނީ ހިޓްލަރުގެ ހުވަފެން ހަގީގަތަކަށް ހައްދަވައި، ޔޫރަޕް އޭނާގެ ބާރުގެ ދަށަށް ގެންނަވައިފަ އެވެ. އޭނާ އެފަދައިން ވިދާޅުވީ ޔޫރަޕްގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައިތާ 75 އަހަރު ފުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

"މީގެ 75 އަހަރު ކުރިން އަޅުގަނޑުމެން ވަނީ ހިޓްލަރު ހުއްޓުވާފައި. އެންޖެލާ މާކެލް ހުއްޓުވާނީ ކާކު؟ އޭނާ ވަނީ ހިޓްލަރުގެ ހުވަފެން ހަގީގަތަކަށް ހަދާފައި! އެއީ ޔޫރަޕް ކޮންޓުރޯލު ކުރުން،" ފޭސްބުކް މެދުވެރިކޮށް ޓަބޯނާ ވިދާޅުވި އެވެ.

ޓައިމްސް އޮފް މޯލްޓާގައިވާ ގޮތުން ސަފީރު ވަނީ ފަހުން އެ ޕޯސްޓު ޑިލިޓު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ މޯލްޓާއިން މާފަށް އެދި، ޖަރުމަނު އެމްބަސީއަށް ލިޔުމެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޓަބޯނާ އިތުރު އެއްޗެކޭ ވިދާޅުނުވެ އެވެ.

ޖަރުމަނުގައި 1933 އިން 1945 އަށް އޮތް ހިޓްލަރުގެ އަނިޔާވެރި ވެރިކަމުގައި ފެށި ދެވަނަ ބޮޑު ހަނގުރާމައިގައި 85 މިލިއަނާ ގާތްކުރާ ވަރުގެ އަދަދަކަށް މީހުން މަރުވި ކަމަށް ކަމާ ބެހޭ މާހިރުން ލަފާ ކުރައްވަ އެވެ.

comment ކޮމެންޓް